އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ސަރުކާރުން ދޫކޮށްލައިފިއެވެ.
އައްޑޫގައި މީގެ އަހަރުތަކެއް ކުރިން ހުޅުވި އެކަމަކު އެކި މައްސަލަތަކާ ހެދި ބަންދު ކޮށްފައިވާ ޝަންގްރިލާ ރިސޯޓުގެ ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިއަދުއެވެ.
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލާފައިވާއިރު އެ ރިސޯޓުގެ 30 ޕަސެންޓް ހިއްސާ މީގެ ކުރިން އޮތީ ސަރުކާރުގެއެވެ. ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެއެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު މައުސޫމް ވިދާޅުވީ ކޮވިޑަށް ފަހު ބަންދުކޮށްފައި އޮތް ޝަންގްރިލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަސް މިއަދު ނައްތާލެވިފައިވާކަމަށެވެ.
2009 ވަނަ އަހަރު ހުޅުވި ޝަންގްރިއްލާ އަކީ ބޮޑު މިނުގައި 50.6 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި 284 އެނދު ހުރެއެވެ. އެ ރިސޯޓު ބަންދު ކުރުމާއެކު 500އެއްހާ މީހުންގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައެވެ.