އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން ފުރަތަމަ ފަހަރަށް ޓައެކްވަންޑޯއިން މެޑަލް ހޯދައިފިއެވެ.
މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އެ ގޭމްސްގައި ރާއްޖޭން ވަނީ ޓައެކްވަންޑޯއިން ދެ ރިހި މެޑަލާއި، ދެ ލޯ މެޑަލް ހޯދާފައެވެ.
ޓައެކްވަންޑޯގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައިވަނީ ފިރިހެނުންގެ 87 ކިލޯއިން ދަށުގެ ބައިން އަހުމަދު ފަޒީލް އާއި އަންހެނުންގެ 53 ކިލޯއިން ދަށުގެ ބައިން ފާތިމަތު އިބްރާހިމެވެ.
މީގެއިތުރުން އެ ގޭމްސްގައި ޓައެކްވަންޑޯގައި ފާތިމަތު އިބްރާހިމް އަންހެނުންގެ 62 ކިލޯއިން ދަށުގެ ބައިން ލޯ މެޑަލް ހޯދައިދީފައިވާއިރު އަންހެނުންގެ 46 ކިލޯއިން ދަށުގެ ބައިން ޖަންނަތު ޖަވާދުވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ.
މި އަހަރުގެ އައިއޯއައިޖީއަކީ ރާއްޖޭގެ ޓައެކްވަންޑޯ ޓީމުން ވާދަކުރާ ފުރަތަމަ ބައިނަލްއަގުވާމީ ގޭމްސްކަން ފާހަގަކޮށްލެވެއެވެ. މި އަހަރުގެ ޓީމުގައި ހިމެނެނީ ޖުމުލަ ފަސް އެތުލީޓުންނެވެ.