މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ފިރިހެން ޓީޓީ ޓީމުން ރިހި މެޑަލް ހޯދައި، 1979 ގައި އޮތް ފުރަތަމަ ގޭމްސްގައި ރާއްޖޭން ހެދި ރެކޯޑް މުގުރާލައިފި އެވެ.
މިއަދުގެ ފައިނަލުން ޖާގަ ހޯދުމާ އެކު ފިރިހެން ޓީމުން ވަނީ މެޑަލް އެއް ނުހޯދި 44 އަހަރު އޮތް އޮތުމަށް ނިމުމެއް ގެނެސްފަ އެވެ.
ޓީމް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީޓީ ޓީމުގައި ހިމެނުނީ މުހައްމަދު ޝައްފާން އިސްމާއިލް، މުހައްމަދު ޒީސްތު ނަސީމް، މޫސާ މުންސިފް އަހުމަދު، އަހުޔަރު އަހުމަދު ހާލިދު، މުހައްމަދު ތާބިން ސުޖާއު އަދި ޒީކް ހަސަން ލަތީފް އެވެ.
ރާއްޖޭން ރިހި މެޑަލް ހޯދީ މިއަދު އޮތް ވާދަވެރި ފައިނަލް މެޗުގައި މަޑަގަސްކަރައާ ވާދަކޮށެވެ. ގުރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ސީދާ ތިން ގޭމުން މަޑަގަސްކަރަ އަތުން ބަލިވެފަ އެވެ. ނަމަވެސް މިއަދުގެ ފައިނަލްގައި ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ.
ފައިނަލްގައި ރާއްޖޭން ހޯދި ދެ ގޭމް ވެސް ކާމިޔާބު ކޮށްދިނީ ޝައްފާނެވެ. ފުރަތަމަ ގޭމް 6-11، 11-5، 11-2، 6-11، 11-6 އިން ހޯދާފައި ވަނިކޮށް ދެވަނަ ގޭމުގައި މުންސިފް ބަލިވީ 9-11، 7-11، 5-11 އިންނެވެ. އަހްޔަރު ކުޅުނު ގޭމްގެ ފުރަތަމަ ސެޓު 11-6 އިން ހޯދި ނަމަވެސް ފަހު ތިން ސެޓުން ބަލިވީ 9-11، 4-11، 8-11 އިންނެވެ.
ހަތަރުވަނަ ގޭމުގައި ޝައްފާން އަރައި ފުރަތަމަ ދެ ސެޓް ކާމިޔާބުކުރީ 11-8، 12-10 އިންނެވެ. ނަމަވެސް މަޑަގަސްކަރައިގެ ނެޓިވެލް ޖޮނަތަން ވަނީ 11-6، 11-8 އިން ދެން ކުޅުނު ދެ ސެޓް ގެންގޮސްފަ އެވެ. ޝައްފާން ގޭމު ހޯދީ 11-6 އިން ފަހު ސެޓް ކާމިޔާބު ކޮށްގެންނެވެ. މި ގޭމް ކާމިޔާބު ކުރުމާ އެކު ނަތީޖާ ނެރުނީ ފަސްވަނަ ގޭމުންނެވެ.
ފަހު ގޭމްގެ ފުރަތަމަ ސެޓު މުންސިފް ކާމިޔާބު ކުރީ 13-11 އިންނެވެ. ނަމަވެސް މަޑަގަސްކަރައިގެ ރަޒާފިންޑްރާލަމްބޯ ޒޮ ނަންޑާ ވަނީ ފަހަތުން އަރައި 11-6، 11-4 އިން ދެ ސެޓް ކާމިޔާބުކޮށް ލީޑު ނަގައިފަ އެވެ. ފޯރި ގަދަ ފައިނަލްގައި މުންސިފަށް ޗެމްޕިއަންކަން ގެއްލުނީ 14-16 އިން ބަލިވުމުންނެވެ.
ރާއްޖެއިން ވަނީ މީގެ 44 އަހަރު ކުރިން މި މުބާރާތުގެ ބްރޯންޒް މެޑަލް ހޯދައިފައެވެ. މިފަހަރުގެ މުބާރާތުން ރާއްޖޭގެ ފިރިހެން ޓީޓީ ޓީމް މިވަނީ ދެވަނަ ހާސިލް ކޮށްފައެވެ. އެހެންކަމުން މިއީ ތާރީޚީ ކާމިޔާބެކެވެ.