އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިނަށް މިއަދު ގދ. ގައްދޫއަށް ވަޑައިގެންނެވި ވަގުތު މަރުހަބާ ކިޔަން އެރަށު ފެނަކަ މުވައްޒަފުން ނުނިކުތުމަށް އަންގައި ވަޒީފާގެ ބިރު ދައްކައިފި އެވެ.
އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޑރ. މުއިއްޒު މިއަދު ހެނދުނު ގައްދޫއަށް ވަޑައިގެންނެވި ވަގުތު އެރަށުގެ ގިނަ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔަން ނުކުމެފަ އެވެ.
އެރަށުން "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒަށް މަރުހަބާ ކިޔަން ފެނަކައިގެ އެއްވެސް މުވައްޒަފަކު ނުނިކުތުމަށް އެރަށު ފެނަކަ ބްރާންޗުގެ ސައިޓު މެނޭޖަރު އޮތީ އަންގާފަ އެވެ.
އަދި އޭނާ ވަނީ މިއަދު ހެނދުނު މުއިއްޒު ގައްދޫއަށް ވަޑައިގެން ވަގުތު އެތަނުގައި ފެނަކައިގެ އެއްވެސް މުވައްޒަފަކު ހުރިތޯ ބެލުމަށް، ޕީޕީއެމް ޖަގަހަ ކުރިމަތީގައި ހުރި ފެނަކަ އޮފީސް ހަދާ އިމާރާތުގައި ހުރެގެން ފޮޓޯއާއި ވީޑިއޯ ނަގައި ހަދާފަ އެވެ.
ފެނަކަ ސައިޓު މެނޭޖަރު އިމާރާތް މަތީގައި ހުރެގެން، މުއިއްޒަށް މަރުހަބާ ކިޔަން ހާޒިރުވީ މީހުން ބަލަނީ---
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިދިކޮޅު ޕީޕީއެމްގެ ޖަގަހަ އަށް ދިއުމުން އިންޒާރު ދިން މައްސަލަތަކެއް މީގެ ކުރިންވެސް ފެންމަތިވެފައިވެ އެވެ. އަދި އެސްއޯއީތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެމްޑީޕީގެ ޖަލްސާ ތަކަށް ދިއުމަށް މަޖުބޫރުކޮށް، ކެމްޕެއިން މަސައްކަތް ކުރުވާ މައްސަލަތައްވެސް ވަނީ ފެންމަތިވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނ. ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ތާއީދުކުރާ މީހެއްގެ ސަބަބުން ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފިނަމަ، އޭނާގެ ވެރިކަމެއްގައި އެ ފަރާތްތަކަށް އަލުން ވަޒީފާ ދެއްވާނެ ކަމަށެވެ.
"ވަޒީފާއިން ވަކިކޮށްފިއްޔާ އަޅުގަނޑުމެން އައިސް އަނބުރާ ލައިދޭނަމޭ [ވަޒީފާއަށް]. އެއަށްވުރެ ރަނގަޅަށްވެސް އެކަން ކޮށްދޭނަމޭ،" ކުރިން ހުރި މަގާމަށްވުރެ ވެސް ރަނގަޅު މަގާމެއް ވަޒީފާ ގެއްލުނު ފަރާތްތަކަށް ދޭނެކަމަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.