ގިނަ ދުވަސްތަކެއް ވަންދެން ގދ. މަޑަވެލީ މޯލްޑިވްސް އެލަޔަންސް(އެމްޑީއޭ)ގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން ގެންދެވި އެޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ޝަމީޒް އިދިކޮޅު ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.
އެމްޑީއޭގެ ލީޑަރަށް ފޮނޮވި ސިޓީއެއްގައި ޝަމީޒް ވަނީ އޭނާ އެޕާޓީން ވަކިވާން ނިންމި ސަބަބު ހާމަކޮށްފައެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެމްޑީއޭގެ މިވަގުތު މިސްރާބް ހުރި ގޮތުން އެއީ ދިވެހިރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމުގައި ނުފެންނާތީ ޕާޓީގައި ހުރުމަށް ނުފެންނާތީ އެޕާޓީގެ ކައުންސިލުން އިސްތިއުފާ ދެއްވާ ޕާޓީން ވަކިވާން ނިންމަވާފައިވާ ކަމަށެވެ.
އެމްޑީއޭއިން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު ހިންގާ އެމްޑީޕީއަށް ތާއީދުކޮށް ބައި އަތު ހިފައިފައެވެ. އެހެންކަމުން އެޕާޓީއިން މިހާތަނަށް ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ވަނީ ވަކިވެފައެވެ.
އެގޮތުން އެމްޑީއޭއަށް އެންމެ ތާއީދު ބޮޑު އަތޮޅުކަމަށްވާ ދ. އަތޮޅުގެ އާންމު މެމްބަރުން ވެސް އަންނަނީ އެޕާޓީއިން ވަކިވެ އިދިކޮޅާއި ގުޅެމުންނެވެ.