އިންޑިޔާގެ ސްކޫލެއްގެ ޓީޗަރަކު އުމުރުން ހަތް އަހަރުގެ މުސްލިމް ދަރިވަރަކާމެދު ކްލާސްރޫމެއްގެ ތެރޭގައި ދަށުދަރަޖައިގެ އަމަލުތަކެއް ހިންގައި، އެކުއްޖާގެ ގައިގައި ތެޅުމަށް އޭނާގެ ކްލާސްކުދިންނަށް އަމަރުކޮށް، މުސްލިމް ކުއްޖަކަށްވާތީ އޭނާ ބޭރުކުރުމަށް ގޮވާލާފައިވާ ކަން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ހާމަވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ ސްކޫލުގެ ޓީޗަރު 'ޓްރަޕްތާ ތިޔާގީ' އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުގެ އިތުރުން އެހެން ދަރިވަރުންނަށް ވެސް އޭނާގެ ގައިގައި ތަޅަން ހިތްވަރު ދެ އެވެ.
ފަހަތުން އައި ފިރިހެން އަޑެއް މުދައްރިސަށް އެއްބަސްވި އަޑު އިވުނެވެ.
"ހުރިހާ މުސްލިމް ކުދިން ވެސް ދާން ޖެހޭނެ ކަމަށް އިއުލާނުކުރީ،" ވީޑިއޯގައި ތަޔާގީ ބުނާ އަޑު އިވެ އެވެ.
"ޔޫ އާ ރައިޓް، އޭގެ ސަބަބުން ތައުލީމު ހަލާކުވޭ،" އަނިޔާ ލިބުނު ކުއްޖާ ކްލާހުގެ ކުރިމަތީގައި ހުއްޓިލައިގެން ރޮމުން ބިރުން ތެދުވަމުން ދިޔަ އިރު ފިރިހެން މީހާ ބުނާ އަޑު އިވެ އެވެ.
އުއްތަރަ ޕްރަދޭޝްގެ 235 މިލިއަން މީހުންގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ.
އޭނާގެ ބައްޕަ މުހައްމަދު އިރުޝާދު ބުނި ގޮތުގައި ޓީޗަރު "އެކުދިން [ކްލާސްކުދިން] ގާތު އެދުނީ ދަރިފުޅުގައިގައި ތަޅައި އަނިޔާކުރުމަށެވެ.
ދަރިފުޅަކީ ކިޔެވުމުގައި މޮޅު ކުއްޖެކެވެ. އޭނާ ޓިއުޝަން ނަގައެވެ. މުދައްރިސް އޭނާއާ މެދު އެގޮތަށް ކަންތައް ކުރީ ކީއްވެކަމެއް އަހަންނަކަށް ނުވިސްނެއެވެ. ހީވަނީ މުދައްރިސަކީ ނަފްރަތުން ފުރިފައިވާ މީހެއް ހެން،" އުމުރުން 42 އަހަރުގެ ބައްޕަ ބުންޏެވެ.
އިންޑިއާގެ ފުލުހުން ސޯޝަލް މީޑިއާބޭނުންކުރާ ފަރާތްތަކުން އެ ވީޑިއޯ ހިއްސާ ނުކުރުމަށް އަންގާފައި ވަނިކޮށް އެކި ފަރާތްތަކުން ވަނީ އެ ވީޑިއޯ ޝެއާކޮށް މުޅި ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. ނަމަވެސް ފަހުން އެވީޑިއޯ ފޭސްބުކުން ރިމޫވް ކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ދަނޑުވެރިއެއް ކަމަށްވާ އިރުޝާދު ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ގޯސްކޮށް ކަންތައް ކުރުމަކީ "ގައުމުގައި މުސްލިމުންނާ މެދު ފަތުރަމުންދާ ނަފްރަތުގެ ނަތީޖާ" ކަން ވީޑިއޯއިން އިވޭ ޓީޗަރުގެ ވާހަކަތަކުން ދޭހަވާ ކަމަށެވެ.