ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަހުމީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
އަލްޙާން ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރުނީ ފުލުހުންގެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ބަލަމުން އަންނަ މައްސަލައިގެ އިތުރު އެއްވެސް ތަފުސީލެއް އެ އިދާރާއިން މިހާތަނަށް ހާމަނުކުރެއެވެ.
އަލްޙާނުގެ ހިއްސާ އޮންނަ ކިންގް ފޮރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނުމާއެކު، އެ ކުންފުނީގެ އެކައުންޓުތައް ފުރީޒުކޮށް ޖިނާއީ ތަހުގީގެއް ފުލުހުންގެ އިދާރާއިން ފެށިއެވެ.
ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓުރޭޑުކުރުމުގެ ނަމުގައި ހިންގި މި ސްކީމުގައި ބައިވެރިވި މީހުންނަށް ފައިސާ ނުލިބުމުގެ ސަބަބުން ބައެއް މީހުންވަނީ އަލްޙާން އަދި އެ ކުންފުނީގެ މައްޗަށް ދައުވާވެސް އުފުލާފައެވެ.
އެ ދައުވާތަކުގެ ތެރެއިން އެއް ދައުވާ ސާބިތުވެ ސިވިލް ކޯޓުންވަނީ ނިމުނު މޭ މަހުގައި އެ ކުންފުނީގެ މައްޗަށް މީހަކަށް 90،000 ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.
ފުލުހުން ކުރިން މައުލޫމާތު ދިން ގޮތުގައި މި ސްކީމަށް އަލްޙާނުވަނީ 1،864 މީހެއްގެ އަތުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައެވެ. އަލްޙާނު ބުނާ ގޮތުން އެ ފައިސާ އަނބުރާ އިންވެސްޓަރުންނަށް ނުދެވުނީ ކުންފުނީގެ ވިޔަފާރިއަށް ދައުލަތުގެ އިދާރާތަކުން ހުރަސްއެޅުމުންނެވެ.