އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެށުމުގެ ގޮތުން މަހާމަސީނާ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މީހުންގިނަވެ، ފިތިގެން 12 މީހުން މަރުވެ އިތުރު 80 މީހަކަށް އަނިޔާވެއްޖެ އެވެ.
މަޑަގަސްކަރައިގެ ބޮޑުވަޒީރު ކްރިސްޓިއަން އެންޓްސޭ މިކަން ކަށަވަރު ކޮށްދެއްވާފައިވާ ވާއިރު، ރެޑްކްރޮސްގެ އޮފިޝަލް އެންސާ މިރާޑޯ އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ މީހުންތައް ފިތިފައިވަނީ އެ ސްޓޭޑިއަމްގެ ދޮރުމަތީގައި އެއްފަހަރާ ގިނަބަޔަކު ތިބުމުން ކަމަށެވެ.
ސްޓޭޑިއަމްގައި ހުންނެވި ރައީސް އަންދްރީ ރަޖޮއެލީނާ ވިދާޅުވީ މިއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެއް މިނެޓުގެ ހިމޭންކަމަށް ގޮވާލާ ކަމަށެވެ.
ގާތްގަނޑަކަށް 41،000 މީހުންގެ ޖާގައިގެ މަހާމަސީނާ ސްޓޭޑިއަމް ގައި ބެލުންތެރިން ފުރިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޒަހަމްވެފައިވާ އެތައް ބަޔަކު ބިންމައްޗަށް ވެއްޓިފައި ތިބިތަން ފެންނަ މަންޒަރުތައް ވަނީ އާންމުވެފަ އެވެ. އަދި އަނިޔާ ލިބުނު އެހެން މީހުން ސްޓޭޑިއަމުން އުފުލާ މަންޒަރު ވެސް ފެނެ އެވެ.
1977 ވަނަ އަހަރު އުފެއްދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މަލްޓި ސްޕޯޓްސް އިވެންޓެކެވެ.
ބައިވެރިންނަކީ ކޮމޮރޯސް، މަޑަގަސްކަރަ، މޮރިޝަސް، ސީޝެލްސް، ދިވެހިރާއްޖެ އަދި ރިޔޫނިއަންގެ ޖަޒީރާ ގައުމުތަކާއި ސަރަހައްދުތަކެވެ.
މަޑަގަސްކަރަ-ސެނެގާލް ފުޓްބޯޅަ މެޗެއް ފެށުމުގެ ކުރިން 2018 ވަނަ އަހަރުވެސް މަހާމަސީނާގައި ހިނގި މިފަދަ ފިތުމުގެ ހާދިސާއެއްގައި އެކަކު މަރުވެ 40 ވަރަކަށް މީހުން ޒަހަމްވި އެވެ.
2016 ވަނަ އަހަރު މަޑަގަސްކަރަގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވެސް އެއް ގްރެނޭޑެއް ގޮއްވާލުމުން ދެ މީހަކު މަރުވެ 80 އެއްހާ މީހުން ޒަހަމްވި އެވެ. ބޮން ގޮއްވާލާފައިވަނީ ހިލޭ ސާބަހަށް ބޭއްވި ކޮންސެޓެއްގެ ތެރެއިންނެވެ.
މީގެ ދެ އަހަރު ކުރިން ވެސް ގްރެނޭޑް ގޮވުމެއްގައި ކުޑަކުއްޖަކު މަރުވެ، އިތުރު އެތައް ބަޔަކު ޒަހަމްވެފައި ވަނީ އެ ސްޓޭޑިއަމްގެ ބޭރުގަ އެވެ.
އިންޑިއަން އޯޝަން ގޭމްސް އަށް މަޑަގަސްކަރައަށް ދިވެހިންވެސް ގޮސްފައިވާއިރު، އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.