Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

އިސްލާމްދީނާ ދެކޮޅު ވެރިން ނަމޫނާއަކަށް ނުބަލަން ހުތުބާގައި ޒުވާނުންނަށް ގޮވާލައިފި

އިސްލާމްދީނަށް ދެކޮޅު ހަދާ، އިސްލާމީ އަގީދާއާ އިދިކޮޅު ވެރިން ނަމޫނާއަކަށް ނުބެލުމަށާއި، އިސްލާމްދީން މަނާކުރާ ހުނަރުތަކާ ދުރުވުމަށް ހުކުރު ހުތުބާގައި ޒުވާނުންނަށް ގޮވާލައިފި އެވެ.
"ހެޔޮ ނަމޫނާގެ ބޭނުންތެރިކަން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ މުސްލިމުންގެ ޝަހްސިއްޔަތު އޭގެ މަތީގައި ގާއިމުވެފައިވާ ތަނބުތަކުގެ ތެރޭގައި ރިވެތި ނަމޫނާ ހިމެނޭ ކަމަށެވެ.
ތަރުބިއްޔަތު ކުރުމުުގެ އެންމެ ރަނގަޅު ވަސީލަތަކީ ހުތުބާގައި ބުނި ގޮތުގައި ނަމޫނާ އެވެ. އެއީ ބަހުގެ އަސަރަށްވުރެ ކަމުގެ އަސަރު ބޮޑުވާނެތީ އެވެ.
"ރަނގަޅު ނަމޫނާ ފެނުމަކީ އަނެކުންނަށް އޭގެ ހެޔޮ އަސަރު ކުރާ ކަމެކެވެ. މުޖްތަމައަށް ހެޔޮ ބަދަލެއް ގެވެނޭނީ ހެޔޮ ނަމޫނާއިންނެވެ،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި މުޖްތަމައުގެ ފަރުދުން ކިތަންމެ ރަނގަޅުވިޔަސް އެމީހުން ވެސް ތަބާވާންޖެހޭ ދިރިހުރި ނަމޫނާތަކެއް ބޭނުންވެ އެވެ. އެ ނަމޫނާ ލިބޭނީ ބަހާއި އަމަލު އެއްގޮތް ކޮށްގެނެވެ.
އަދި މުސްލިމުންގެ ބަހާއި އަމަލު އެއްގޮތް ކުރަން އަންގަވާފައިވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
ޒުވާނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އެކުދިންނަށް ހެޔޮ ނަމޫނާ ނުފެނުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.
ވިސްނުން ތޫނު، ވާޖިބު އަދާކުރާ، އިލްމުވެރި ގާބިލު، މުއުމިނު ޒުވާނުންގެ ޖީލެއް ބިނާކުރެވޭނީ ހުތުބާގައި ބުނި ގޮތުގައި އެދުރުންނާއި، މައިންބަފައިންނާއި، މުޅި މުޖްތަމައު، ޒުވާނުން ބިނާކުރުމުގެ މަސައްކަތް ކޮށްގެންނެވެ.
އެމީހުންނަށް އެކަމަށް ފުރުސަތު ފަހިކޮށްދީ، އޯގާވެރިކަމާއެކު އެމީހުންގެ ކުށްތައް ރަނގަޅުކޮށްދީ އެމީހުންނަށް ހެޔޮ ނަމޫނާ ދައްކައިގެންނެވެ.
ހުތުބާގައި ވަނީ ޒުވާނުން ނުބައި ނަމޫނާތަކަށް ތަބާވުމާ ދުރުހެލިވުމަށް ގޮވާލާފަ އެވެ.
އެގޮތުން އިސްލާމް ދީން މަނާކުރާ ފަންނުތަކާއި ހުނަރުތަކާ ޒުވާނުން ދުރުހެލި ކުރުވުމަށާއި، އިސްލާމްދީނާ ދެކޮޅުހަދާ، އިސްލާމީ އަގީދާއާ އިދިކޮޅު ފިކުރުތަކުގެ ވެރިން ނަމޫނާއަކަށް ބެލުމާ ދުރަށް ލުމަށް ވެސް ހުތުބާގައި ގޮވައިލި އެވެ.
"ވިސްނާ ނުލައި އެއްވެސް ނަމޫނާއެއް ނަކަލު ނުކުރާށެވެ،" ޒުވާނުންނަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ