ރިޔާޒް (ސެޕްޓެމްބަރު 25) - ޔަމަނުން ސައުދީ އަށް އެތެރެވާން އުޅެނިކޮށް އިތިއޯޕިއާގެ ހިޖުރަވެރިންނަށް ހަމަލާދިން ކަމަށް ބުނެ ޖަމިއްޔާއަކުން ކުރި ތުހުމަތުތައް ސައުދީ އަރަބިއްޔާއިން ދޮގުކޮށްފި އެވެ.
މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އަދި އިތުބާރު ނުކުރެވޭ ވަސީލަތްތަކުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ކަމަށް ސައޫދީގެ ރަސްމީ ފަރާތްތަކުން ބުންޏެވެ.
ސައުދީއާ ބެހޭ ގޮތުން ބައެއް ޖަމިއްޔާތަކުން ކުރާ ދޮގު ތުހުމަތުތަކާއި ސިޔާސީ އަދި އޮޅުވާލާ ފައިވާ ރިޕޯޓްތައް މީޑިއާކެމްޕެއިންތަކުގެ ތެރެއިން ޝާއިއުކޮށް ޕްރޮމޯޓް ކުރުން ވެސް އެ ފަރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.
އަދި ބޯޑަރު ހުރަސްކޮށް ބާރުގެ ބޭނުންކޮށްގެން ސައުދީއަށް ވަނުމަށް ބާރުއެޅުމުގެ ގޮތުން ހަތިޔާރު އެޅި ޖަމާއަތްތަކުން ބަޑީގެ ޒަހަމްތައް ލިބުނު މީހުންގެ ގްރޫޕްތަކަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް ސައޫދިން ތުހުމަތު ކުރެއެވެ.
ސައުދީގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކަކީ ގައުމީ އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި، ބޯޑަރު ސެކިއުރިޓީއާ ހިލާފުވާ މީހުންނަށް އިންސާނީ ހިދުމަތް ފޯރުކޮށްދިނުމާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނާ މެދު އަމަލުކުރާ އިދާރާތަކެއް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
ސައޫދީން މިހެނ ބުނިނަމަވެސް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ނެރުނު އާ ރިޕޯޓެއްގައި، ބުނެފައިވަނީ ޔަމަނުގެ ބޯޑަރު ސަރަހައްދުން ހިޖުރަކުރި ގިނަ ބަޔަކު ސައުދީ ބޯޑަރުގެ ގާޑުންގެ ބަޑީގެ ހަމަލާތަކުގައި މަރުވި ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޔަމަނު ހުރަސްކޮށް ސައުދީ އަރަބިއްޔާއަށް ދާ އިތިއޯޕިއާގެ އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށެވެ.
ސައުދީ އަރަބިއްޔާއިން މީގެ ކުރިން ވެސް ވަނީ މިފަދަ ތުހުމަތުތައް ދޮގުކޮށްފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގައި، "ދޭ ފަޔާޑް އޮން އަސް ލައިކް ރެއިން" ގެ ނަމުގައި ނެރުނު ރިޕޯޓުގައި، ސައޫދީ އަރަބިއްޔާއާއި ޔަމަނުގެ އުތުރުގެ ބޯޑަރު ސަރަހައްދުގައި ސައޫދީ ފުލުހުންނާއި ސިފައިން ބަޑިޖަހާ، އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދިން ކަމަށް ބުނާ ހިޖުރަވެރިންގެ ހެކިބަސް ވެސް ހިމަނާފައި ވެއެވެ.
ބައެއް ހިޖުރަވެރިން ބުނީ، ރޭގަނޑުގެ ވަގުތުތަކުގައި މަސައްކަތް ހޯދުމަށް ބޯޑަރު ހުރަސްކުރަން އުޅުމުގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ނުރައްކާތެރި ހަމަލާތައް އަމާޒުވެފައިވާ ކަމަށެވެ.
އެކަމަކު ސައޫދީ ސަރުކާރުން ނެރުނު ރިޕޯޓްގައި މިހުރިހާ ވާހަކަތަކެއް ވަނީ ދޮގުކޮށްފައެވެ.