Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ކިތަންމެ ވަރެއްކުރިޔަސް އިންޑިޔާ ސިފައިން ރާއްޖޭގައި ނެތްކަމަކަށް ނުވާނެ: އަލީ ހުސައިން

ކިތަންމެ ވަރެއްކުރިޔަސް އިންޑިޔާ ސިފައިން ރާއްޖޭގައި ނެތްކަމަކަށް ނުވާނެކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައިމިވަނީ ވެރިކަމަށް އަރަން ތައްޔާރުވާ ބަޔަކު، ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ގުޅޭގޮތުން ބުހުތާނު ދޮގު ހެދުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވައި އަލީ ހުސައިން ވިދާޅުވީ ކިތަންމެ ވަރެއް ކުރިޔަސް އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް ނުވާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އިނގުރައިދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް ވިދާޅުވެފައިވަނީ ސިފައިން ތިބޭތީ، ބައެއް ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށްރަށް ބޭރު ސިފައިންނާއެކު ފުރިފައި ވާކަމަށާއި ހިނގަން އުނދަގޫވާ ކަމަށް އެ ކެންޑިޑޭޓުން ބުނާކަމަށެވެ.

ނަމަވެސް އެއީ އޮޅުވާލަން ދައްކާ ވާހަކަތަކެއްކަމަށް ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.

"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު އެބަ ވިދާޅުވޭ ތިމަންނަ އަރާއިރު ބޭރު ގައުމުގެ ސިފައިން އަރާ ފުރިފައޭ އެ ރަށުގައި އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ހިނގާ ނުގަނެވޭއޭ ތިމަންނަމެންނަކަށް. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެކަހަލަ ވާހަކަ ދެއްކުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބި ބަޔަކު އެ ކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާ ވަރު ކަމެއް ނޫން،" އެ ރައީސް އިބްރާހިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މިފަދައިން ވިދާޅުވީ ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސް ނަންގަވައިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ފެއްޓެވުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައަކީ ހައްލުކުރަންޖެހޭ މައްސަލައެއްކަމާމެދު އިދިކޮޅު އިއްތިހާދުގެ ލީޑާޝިޕުގެ މެދުގައި އެއްވެސް ދެބަސްވުމެއް ހިޔާލުތަފާތުވުމެއް ނެތްކަމަށް އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ