ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބެނާތައް މާލޭ ސިޓީގައި އިންދާފައިވާ ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން އެ ރުއްތަކަށް ގެއްލުން ލިބޭތީ އެފަދައިން އަމަލު ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބެނާތައް މާލޭގެ ބޮޑުތަކުރުފާނުމަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކަށް ވައު ޖަހައި، ދަމަމުން ގެންދާ ކަމަށާއި ބައެއް ޕާޓީތަކުން މިހާރުވެސް ބެނާތައް އެފަދައިން ކަދުރު ރުއްތަކުގައި ދަމާފައި ހުރުމުން އެ ރުއްތަކަށް ގެއްލުން ލިބެމުންދާކަމަށެވެ.
އެހެންވެ ކެމްޕެއިންގެ އެއްވެސް ބެނާ އެއް ނުވަތަ ދިދަފައްޗެއް ކަމުގައި ވީނަމަވެސް ކަދުރު ރުއްތަކުގައި ހަރު ނުކުރުމަށް އެ ކައުންސިލުން ވަނީ އަންގާފައެވެ.
އަދި ކަނޑައެޅިފައި އޮންނަ އުޞޫލުގެ ތެރެއިން ހުއްދަ ނަންގައިގެން ހޮޅިދަނޑީގައި ބެނާ އަދި ދިދަފަތި ދެމުމަށް ވެސް އެ ކައުންސިލުން ވަނީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް އިލްތިމާސްކޮށްފައެވެ.