ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ ތަމްސީލް ކުރާ ރާއްޖޭގެ ގައުމީ ޓީމްތައް މިއަދު ފުރައިފިއެވެ.
މަޑަގަސްކަރާގައި އައިއޯއައިޖީ ކުރިއަށްދާނީ މި މަހު 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭން، އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޓެނިސް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ހޭންޑްބޯޅަ ޓައެކްވަންޑޯ، ސްވިމިން އަދި ބެޑްމިންޓަނުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ކޮންޓިންޖެންޓްގައި 280 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭއިރު، އޭގެ ތެރެއިން އެތުލީޓުންގެ ޖުމްލަ އަދަދަކީ 176 އެވެ.
މިފަހަރުގެ އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ދީފައިވަނީ ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ފާތިމަތު ދީމާ އަލީ އާއި ގައުމީ ޓެނިސް ޓީމުގެ މުހައްމަދު ފާއިހް ފަޒީލް (ފާއީ) އަށެވެ.
ދީމާ އަކީ އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެ އަށް އެންމެ ގިނަ މެޑަލް ގެނެސްދިން އެއް އެތުލީޓެވެ. ފާއީ އަކީ މީގެ ކުރިން އައިއޯއައިޖީގައި ވާދަކޮށްފައިވާ އެތުލީޓެކެވެ.