ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތު އެންމެ ރަނގަޅަށް ތަސައްވުރުވާ ތަފާސްހިސާބުތައް ޓުއަރިޒަމް މިނިސްޓްރީން އާންމުކުރުން ހުއްޓާލުމުގެ ސަބަބުން އެ ސިނާއަތުގެ ހަގީގީ ހާލަތު މިހާރު ނޭނގޭކަމަށް އެ ސިނާއަތުގެ ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ރިސޯޓްތަކެއް އޮޕަރޭޓްކުރައްވާ ބައެއް ވިޔަފާރިވެރިން "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެއަށް ޑެއިލީކޮށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް އެ ހިސާބުތަކުން ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެ ހާލަތު މުޅިން ރަނގަޅަށް ނޭނގޭ ކަމަށެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާތީ އެއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރި ނަމަވެސް އެހެނިހެން އިންޑިކޭޓާތަކަށް ސަރުކާރުން ސަމާލުކަން ނުދެނީ އަދި އެ ހިސާބުތައް އާއްމު ނުކުރަނީ ފަތުރުވެރިކަމުގެ ހާލަތު ރަނގަޅުނޫން ފައްތަރެއްގައި އޮތުމުންކަމަށްވެސް އެފަރާތްތަކުން ބުންޏެވެ.
އެގޮތުން ފަތުރުވެރިކަމުގެ ޙަޤީޤީ ޙާލަތު ދެނެގަތުމަށް ބެޑް ނައިޓްސް ނުވަތަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭތަކުގެ އަދަދާއި، ދުވަސްތައް ހޭދަކުރަނީ ސިނާއަތުގެ ކޮން ތަނެއްގައި ކަމާއި، ޖިއޮގުރޮފީގެ ގޮތުން ފަތުރުވެރިން ބެހިގެން ދާ ގޮތް ފަދަ މައުލޫމާތަކީ ކޮންމެހެން ބޭނުންވާ މައުލޫމާތުކަމަށް އެފަރާތްތަކުން ބުންޏެވެ.
އަދި ފަތުރުވެރިން އަންނަ އަދަދު ކިޔާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އަދި ޚާއްޞަކޮށް ރިސޯޓުތަކުގައި އެނދު ހުރި މިންވަރާއި އަންނަ ފަތުރުވެރިންގެ ތެރެއިން ރިސޯޓްތަކުގައި ތިބެނީ ކިހާ އަދަދެއްގެ ފަތުރުވެރިންތޯ ބަލައި އެ ހިސާބުތައް އަޅައިކިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެ ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުން ފާހަގަކުރައްވައެވެ. އެ އަދަދުތައް އެކުއެކީ ނުބަލާނަމަ އެކަށީގެންވާ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތް އޮތް ހާލަތު ވަޒަންކުރެވިދާނެކަމަށް އެ ބޭފުޅުން ދެކެވަޑައިނުގަންނަވައެވެ.
ފަތުރުވެރިކަމުގެ ހާލަތު ދެނެގަތުމަށް ބޭނުންކުރާ ހުރިހާ އިންޑިކޭޓާތަކަށް ބަލާއިރު އެ ސިނާއަތުގެ ހާލަތު މިއިން ޒަމާނެއްގައި ދަށަށް ނުދާ މިންވަރަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން މި ރިޕޯޓަށް މައުލޫމާތު ދެއްވި ޓުއާ އޮޕަރޭޓަރެއް ވިދާޅުވީ މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުވެފައިވާ ކަމަށެވެ.
"މިހާރު ރިސޯޓުތަކަށް އަންނަ ޓުއަރިސްޓުން ރިސޯޓުތަކުގައި ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް މަދުވެއްޖެ. ބައެއް ރިސޯޓުތަކުގެ ރޫމް ނައިޓުތަކުގެ އަދަދު 30 އިންސައްތައަށްވުރެ ބޮޑަށްވަނީ ދަށްވެފައި،" އެއްބޭފުޅަކު ބުންޏެވެ.
މި ރިޕޯޓަށް މައުލޫމާތު ދެއްވި ރިސޯޓު އޮޕަރޭޓަރުންވެސް ފާހަގަކުރެއްވީ އެ ހުރިހާ އިންޑިކޭޓާތައް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ 30 އިންސައްތަައާ ގާތްކުރާ މިންވަރަށް ދަށްވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އިތުރު މައްސަލައެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރެއްވީ މި ދާއިރާގެ ވާދަވެރިކަން އިހުނަށްވުރެ ބޮޑުވުމެވެ. ރާއްޖެ ނޫނަސް، ރާއްޖެއިން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދޭ އެހެން މަންޒިލުތައް ހުރުމާއެކު، އެ މަންޒިލުތަކާއި ރާއްޖޭގެ މެދުގައި އޮތް ވާދަވެރިކަން ދުވަހަކުވެސް ބޮޑުނުވާ ވަރަށް ބޮޑުވެފައިވާކަމަށް އެ މާކެޓްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ފާހަގަކުރައްވައެވެ.
މި ރިޕޯޓަށް މައުލޫމާތު ދެއްވި ޓުއާ އޮޕަރޭޓަރު ވިދާޅުވީ، މި ވާދަވެރިކަމުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކުން މިހާރު އަންނަނީ ރިސޯޓުތަކުގެ އަގުތައް ވަރަށް ބޮޑަށް ކުޑަކުރަމުން ކަމަށެވެ. ނަތީޖާއަކީ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުވި ނަމަވެސް އެ ސިނާއަތުން ލިބޭ އާމްދަނީ އިތުރުނުވެ މަދުވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިން ވާހަކަދެއްކެވި ރިސޯޓު އޮޕަރޭޓަރުންވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ރިސޯޓުތަކަށް މިހާރު އަގުތައް ކުޑަކުރަންވަނީ މަޖުބޫރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. އަދި ސަރުކާރަށް ޓެކުހުގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުން ދެމުންދާ ފައިސާގެ އަދަދުތަކާއި އިޤުތިޞާދުގައި ދައުރުކުރާ ބޭރު ފައިސާގެ އަދަދުތަކަށްވެސް އެކަމުން ނޭދެވޭ އަސަރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ތައިލޭންޑު ކަހަލަ ޤައުމުތަކުން ސޭމް ސާވިސް، ސޭމް ސްޓައިލްގެ ޓުއަރިޒަމް މިއޮތީ. އެހެންވީމާ ކޮމްޕެޓިޝަން ކަޓްތުރޯޓު ލެވެލްއަށް ދިޔައިމަ ނޯ ޗޮއިސްގައި އަގުތައް ދަށްކުރަނީ،" އެއްބޭފަކު ވިދާޅުވިއެވެ.
މިފަދަ ނާޒުކު ހާލަތުގައި އޮއްވާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގޮންޖެހުމަށްފަހު ސަރުކާރުން މިއަހަރުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރުމަކީވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ހިރާސްތައް ބޮޑުވާނެ ސަބަބެއްގެ ގޮތުގައި އައިއެމްއެފުންވެސް ފާހަގަކޮށްފައިވެއެވެ. އެފަރާތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާ ވާދަކުރާ ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ކޮވިޑަށް ފަހު އަލުން ހުޅުވައިލުމެވެ. އެގޮތުން އައިއެމްއެފުން ފާހަގަކުރީ ތައިލެންޑު ފަދަ ޤައުމުތަުގެ ބޯޑަރުތައް ހުޅުވައިލުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ހިރާސް އޮތް ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރީ ޔޫރަޕަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކުގެ އަސަރެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 50 އިންސައްތައަކީ ޔޫރަޕުގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންކަމަށްވީއިރު ޔޫރަޕުގެ އިންފުލޭޝަން މަތިވުމާއި، ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ހިރާސް އެބައޮތްކަމަށް އައިއެމްއެފުން ބުނެއެވެ.އެހުރިހާ ސަބަބުތަކެއް އެހެން ހުރުމުން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުވި ނަމަވެސް މި ދާއިރާގެ ވިޔަފާރިތަކަށް މި ދުވަސްވަރަކީ ދަތި ދުވަސްވަރެކެވެ. މި ރިޕޯޓަށް މައުލޫމާތު ދެއްވި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މި އަހަރުގެ ހޫނު މޫސުމަކީ ފާއިތުވި 20 އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައި އެންމެ ދަތި ހޫނު މޫސުމެވެ.
"މި ސަމަރ މިދަނީ ވަރަށް ދަށްކޮށް. އަސްލު މިއީ ނިމުނު 20 އަހަރު ތެރޭގައިވެސް ނުދެކޭހާ ދަށަށް ފަތުރުވެރިކަމުގެ ސިނާއަތް ދިޔަ އޮފް ސީޒަން. އެކަމަކު އެކަން ޑާޓާއިން ނުފެންނަނީ މެއި މަހުން ފަށައިގެން ސަރުކާރުން ޑާޓާ އާންމުނުކުރާތީ" މި ރިޕޯޓަށް މައުލޫމާތު ދެއްވި ޓުއާ އޮޕަރޭޓަރަކު ވިދާޅުވިއެވެ.
އޭނާގެ ވާހަކައަށް ބާރުދެއްވަމުން ރިސޯޓު އޮޕަރޭޓަރުންވެސް ފާހަގަކުރެއްވީ މި އަހަރުގެ އޮފް ސީޒަނުގައި ފަތުރުވެރިކަން އާދަޔާ ހިލާފަށް ދަށްވި ކަމެވެ. އަދި ފަތުރުވެރިން އައި މިންވަރަށްވުރެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭތަކުގެ އަދަދާއި، އެ މީހުން ޚަރަދުކުރި މިންވަރާއި ރިސޯޓުތަކުގެ އެނދުގެ އަގަށް ގެންނަން މަޖުބޫރުވި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދުޅަހެޔޮކަން ވަޒަންކުރަން މުހިއްމު ހިސާބުތަކަށްވާއިރު އެކަންކަން ސަރުކާރުން ވަންހަނާކުރުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް ބޭރު ފައިސާ ލިބޭ މައިގަނޑު މަގު ކަމުގައިވާއިރު، އެ ސިނާއަތް ދަށަށް ދިއުމުން ބޭރު ފައިސާ އިޤުތިޞާދުގައި ދައުރުކުރާ މިންވަރަށް އަސަރުކުރާނެއެވެ. ރިސޯޓު އޮޕަރޭޓަރުން ފާހަގަކުރައްވާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އަގުތައް ވަރަށް ބޮޑަށް ދަށްކުރަންޖެހުމުގެ ސަބަބުން ޕްރޮފިޓް މާޖިން ކުޑަވެފައިވެއެވެ. އަދި އަގުތައް ކުޑަކުރުމުގެ ސަބަބުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއަށްވެސް ނޭދެވޭ އަސަރުކުރާނެކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
"ރުފިޔާ ޕްރިންޓުކޮށް އެކޮނޮމީގެ ސާކިއުލޭޝަނުގައި ވަރަށް ބޮޑަށް އިތުރުކޮށްފައި އޮއްވައި އިންޑަސްޓްރީގެ ޕާފޯމެންސް ދަށްވީމައި، ދެންވާނެ ގޮތަކީ ޑޮލަރު ޝޯޓޭޖު ބޮޑުވާނީ. ޑޮލަރުގެ އަގު ބޮޑުވާނީ. މިއީ އަސްލު ދިމާވެގެން މިއުޅޭ އިޝޫއަކީ މިހާރު،" ކުރިންވެސް ވާހަކަދެއްކެވި ރިސޯޓު އޮޕަރޭޓަރު ވިދާޅުވިއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގުވަނީ 18.30 އަށް މަތިވެފައެވެ. އަދި ބޮޑެތި އަދަދުތަކަށް ޑޮލަރު ގަންނަނަމަ މިހާރު ލިބެނީ 18.00 ރުފިޔާ އަށެވެ. މި ހާލަތުގައި ޑޮލަރުގެ ރަސްމީ އަގު 25 ރުފިޔާއަށް އިތުރުކުރަން އިންޑިއާއިން ދިވެހި ސަރުކާރަށްވަނީ ލަފާ ދީފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ އެ ސިނާއަތުގެ ހަގީގީ ހާލަތު ދެނެގަނެވޭނެ ހިސާބުތައް ސަރުކާރުން ވަންހަނާކޮށް އިޤުތިޞާދުގެ ޙާލަތު ރަނގަޅަށް ތަސައްވުރުނުކުރެވޭނެ ހާލަތެއް އުފައްދާފައި އޮތުމެވެ. އެކަމުގެ ސަބަބުން މިވަގުތު އިޤުތިޞާދު އޮތް ނާޒުކުކަން ވަރަށް ބޮޑަށް ފޮރުވިފައި އޮތުމަކީ އެ ބޭފުޅުންގެ ވަރަށް ބޮޑު ކަންބޮޑުވެވަޑައިގަތުމެކެވެ.