Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިން ބެހުން

ބިންވެރިޔާ ސްކީމުން ގޯތި ލިބޭނީ ޖޮއިންޓް ކޮށްގެންކަމަށް ބުނެ ހިންގީ ބޮޑު "ސްކޭމެއް"

ހިލޭ ގޯތި ބެހުމުގެ ސްކޭމްގައި އެންމެ އިސް ދައުރެއް އަދާކުރި ސަރުކާރުގެ އިސްވެރިން / ދިޔަރެސް އާޓްވޯކް

"ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބެހި ގޯތިތައް ފުރަތަމަ ބުރުން ލިބޭނީ ޖޮއިންޓްވެގެން އެޕްލިކޭޝަން ހުށަހެޅުމުންކަމަށް ހައުސިންގ މިނިސްޓްރީއިން އެންގުމަށް ފަހު، އެ އުސޫލަށް ނުބަލައި ފަހު ވަގުތު ސިންގަލް އެޕްލިކެންޓްސް ހިމެނޭހެން ހުރިހާ އެންމެންނަށް ގޯތި ބަހާލައިގެން ސަރުކާރުން ހިންގީ ބޮޑު "ސްކޭމެއް" ކަމަށް ޖޮއިންޓް ކުރުވައިގެން ގޯތި ދިން ފަރާތްތަކުން ބުނަން ފަށައިފިއެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލުމުން ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ ކަމަށް ސަރުކާރުން ނިންމާފައިވަނީ 19،858 މީހުންނެވެ. ސަރުކާރުން އެންމެ ފުރަތަމަ އާއްމުކުރި ވަގުތީ ލިސްޓްގައި ފުރަތަމަ ބުރުގައި ގޯތި ދިނުމަށް ނިންމީ އޭގެ ތެރެއިން 10،314 ފަރާތަކަށެވެ. ޖުމްލަ 5000 ގޯތި ފުރަތަމަ ބުރުގައި ދޭން ނިންމި ނަމަވެސް ކ.ގުޅިފަޅުން އިތުރު ބިން ހިއްކަން ފެށުމުގެ ގޮތުން އެ ރަށުގައި މިދިޔަ ޖުލައި މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް ވަނީ ފުރަތަމަ ބުރުގައި 6200 ގޯތި ދޭނެކަމަށް ބުނެ އިތުރު 1200 ގޯތި ދޭނެކަމަށް އިއުލާން ކޮށްފައެވެ.

ނަމަވެސް އޭގެ ފަހުން ސަރުކާރުން ދާއިމީ ލިސްޓް ނެރުނު އިރު، ގޯތި ލިބޭ މީހުންގެ އަދަދު 18،955 އިތުރުކޮށް، ދޫކުރާ ގޯތީގެ އަދަދު 9001 ވަނީ އިތުރުކޮށްފައެވެ.

ފުރަތަމަވެސް ކަންކުރީ ގޯތި ބެހުމަށްޓަކައި އެކުލަވާލި އުސޫލާއި ދިމާ އިދިކޮޅަށް

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި އަމަލުކުރާނެ އުސޫލެއް އެކުލަވާލުމަށްފަހު އެ އުސޫލު މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ ގެޒެޓްގައި އާއްމުކޮށްފައެވެ.

އެ އުސޫލު ހެދުމުގެ މަގުސަދެއްގެ ގޮތުގައި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މި އުސޫލުގެ މަގުސަދަކީ، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ޓަކައި ހިންގާ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް ހިންގަނީ ކަނޑައެޅިފައިވާ ވަކި ހަމަތަކެއްގެ މަތީންކަން ކަށަވަރު ކުރުމެވެ". ގޯތި ދޫކުރުމުގެ އުސޫލުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތަކާއި ގޯތި ދިނުމުގައި އިސްކަންދޭނެ ތަރުތީބު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

އުސޫލުގެ 7 ވަނަ މާއްދާގައި ގޯތި ލިބޭނެ މީހުން ކަނޑައެޅުމުގައި އިސްކަންދޭނެ ތަރުތީބު ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި އިސްކަންދޭ ތަރުތީބުގެ އެންމެ ކުރީގައި އޮންނަނީ މުޅި އާއިލާ އެއްކޮށް ޖޮއިންޓްވެގެން ފޯމް ހުށަހަޅާ ފަރާތަކެވެ. ދެވަނައަށް އިސްކަންދޭނެ ކަމަށް ބަޔާންކޮށްފައިވަނީ އާއިލާ މެމްބަރުންގެ ތެރެއިން 1 އަށްވުރެ ގިނަ މީހުން ޖޮއިންޓްވެގެން ހުށަހަޅާ ފަރާތްތަކަށެވެ. ގޯތި ދިނުމުގައި އިސްކަންދޭ ތަރުތީބުގެ އެންމެ ފުލުގައި އޮންނާނެކަމަށް ބަޔާންކޮށްފައިވަނީ އެކަނި ނުވަތަ ސިންގަލް އެޕްލިކަންޓްސް ގޮތުގައި ފޯމް ހުށަހަޅާ ފަރާތްތަކެވެ.

އެ ތަރުތީބަށް ބަލައިގެން ގޯތި ދިނުމުގައި އިސްކަންދޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވީ ނަމަވެސް، ފުރަތަމަ ސަރުކާރުން އާއްމުކުރި ވަގުތީ ލިސްޓްގައިވެސް ސިންގަލް އެޕްލިކަންޓްސް ގޮތުގައި ހުށަހެޅި ހާހަކަށް ވުރެ މީހުންނަށް ވަނީ ޖޮއިންޓްކޮށް ހުށަހެޅި ޝަރުތުހަމަވާ އެތައް އެޕްލިކަންޓްސްއެއްގެ މައްޗަށް އިސްކަންދީގެން ފުރަތަމަ ބުރުގައި ގޯތި ލިބޭނެ މީހުންގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ލިސްޓުންވެސް އެނގިހާމަވެގެން ދިޔައީ ގޯތިތައް ބެހުމުގެ އުސޫލެއް ހަދާފައިވީނަމަވެސް އެއަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ވަކި ބަޔަކަށް ގޯތިތައް ދީފައިވާކަމެވެ.

ޖޮއިންޓްވެގެން ފުރަތަމަ ބުރުގައި ގޯތި ކަށަވަރުކުރުމަށް އިއުލާންކުރުން

ވަގުތީ ލިސްޓް އާއްމުކުރުމަށްފަހު ހައުސިންގ މިނިސްޓްރީއިން ނެރުނު އިއުލާނެއްގައި ވަނީ ފުރަތަމަ ބުރުން ގޯތި ކަށަވަރު ކުރުމަށްޓަކައި އެ ލިސްޓްގައި "ގޯތި ލިބޭ" ސްޓޭޓަސްގައިވާ ފަރާތްތަކާއި ޖޮއިންޓްވެގެން "ޝަރުތުހަމަވޭ ޖޮއިންޓުވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ސްޓޭޓަސްގައިވާ ފަރާތްތަކަށް ގޯތި ކަށަވަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހައުސިންގ މިނިސްޓްރީގެ އިއުލާނާއި ގުޅިގެން ފުރަތަމަ ބުރުން ގޯތި ޔަގީން ކުރުމަށްޓަކައި އެތައް ސަތޭކަ މީހުންވަނީ "ގޯތި ލިބޭ" މީހުންގެ ކެޓަގަރީގައިވާ ފަރާތްތަކާއި ޖޮއިންޓްވުމަށް ގެދޮރުވެރިޔާ ޕޯޓަލް ތެރެއިން ރިކުއެސްޓްކޮށް ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި 1250 އަކަފޫޓްގެ ގޯއްޗެއް ހޯދުމަށް އޮތް ފުރުސަތު ދޫކޮށްލާފައެވެ. ގޯތި ބެހުމަށް ހެދި އުސޫލުގައި ޖޮއިންޓް ވެވޭނީ ތިމާގެކަމުގެ ގުޅުންއޮތް ފަރާތްތަކާއިއެކު ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ފަހުން ކުރި އިއުލާނުގައި ވަނީ ތިމާގެކަމުގެ ގުޅުމެއްނެތް ފަރާތްތަކާއިއެކުވެސް ޖޮއިންޓްވުމުގެ ފުރުސަތު ދީފައެވެ.

ޖޮއިންޓްވުމަށް ހުޅުވައިލި ފުރުސަތުގައި ފުރަތަމަ ބުރުގައި "ގޯތި ލިބޭ" ކެޓަގަރީގައިވާ އާއިލާގެ މީހުންނާ ގިނަ މީހުން ޖޮއިންޓްކުރިއިރު، ބައެއް ފަރާތްތަކުން ވަނީ އާއިލީގޮތުން ސީދާ ގުޅުންނެތް ނަމަވެސް އިތުބާރުކުރާ ގާތް ރަހުމަތްތެރިކަން އޮތް ފަރާތްތަކާއިއެކުވެސް ޖޮއިންޓްވެފައެވެ. އެކަނި ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި 1250 އަކަފޫޓް ހޯދުމުގެ ފުރުސަތު ދޫކޮއްލައި ޖޮއިންޓްވީ ސަބަބުގެ ގޮތުގައި "ދިޔަރެސް"އާ ވާހަކަދެއްކި ޖޮއިންޓްކުރި ގިނަ ފަރާތްތަކުން ބުނީ ދެވަނަ ބުރެއްގައި ގޯތި ލިބޭނެ ދުވަހެއް އޭރު ޔަގީން ނުވުމާއި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް ނުހޮވިއްޖެނަމަ ދެން އަންނަ ސަރުކާރަކުން ބިންވެރިޔާ ސްކީމަށް ބަދަލުތައް ގެނެސް ހުއްޓާލުމުގެ ބިރު އޭރު އޮތަތީވެއެވެ.

ގޯތި ބެހުމުގެ އުސޫލުގައިވާ ގޮތުން އެކަނި ސިންގަލް އެޕްލިކަންޓަކަށް ލިބެނީ 1250 އަކަފޫޓްގެ ގޯއްޗެކެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ ބައިވެރިވާ ކޮންމެ މީހަކަށް އިތުރަށް 400 އަކަފޫޓް ގޯތީގެ ބޮޑުމިނަށް އިތުރުކުރެވެއެވެ. އެގޮތުން ޖުމްލަ 7 މީހުންނަށްވުރެ އިތުރުވާނަމަ އެފަދަ އެޕްލިކޭޝަނަކަށް ލިބެނީ 4000 އަކަފޫޓެވެ.

ދާއިމީ ލިސްޓް ނެރުނުއިރު "ކުރިން ބުނި އެތި ކެންސަލް"

ވަގުތީ ލިސްޓްގައި "ޝަރުތުހަމަވޭ ޖޮއިންޓުވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ކެޓަގަރީގައިވާ ފަރާތްތަކަށް ފުރަތަމަ ބުރުން ގޯތި ކަށަވަރުކުރެވޭނީ ހައުސިންގ މިނިސްޓްރީއިން ކުރި އިއުލާނާއި އެއްގޮތަށް "ގޯތި ލިބޭ" ކެޓަގަރީގައިވާ ފަރާތްތަކާއި ޖޮއިންޓްކޮށްގެން ކަމަށް ކަނޑައެޅުމުން އެ އެންގުމާއި އެއްގޮތަށް އަމަލުކުރި މީހުންނަށް ދާއިމީ ލިސްޓް ލިބުނުއިރު ލިބުނީ އެފަރާތްތަކުން ބުނާގޮތުގައި ކެއްސެކެވެ. ސަރުކާރުން ގަސްދުގައި އެފަރާތްތަކަށް އޮޅުވާލައިގެން "ސްކޭމެއްގައި" ޖެއްސިކަމަށް އެފަރާތްތަކުން ބުނެއެވެ.

އެފަރާތްތަކުން އެގޮތަށް ބުނަނީ ދާއިމީ ލިސްޓް ސަރުކާރުން ނެރުނު އިރު ޝަރުތުހަމަވާ އެންމެންނަށް ކަހަލަ ގޮތަކަށް ފުރަތަމަ ބުރުން ގޯތި ދޭން ސަރުކާރުން ނިންމުމުންނެވެ. އެއީ ހައުސިންގ މިނިސްޓްރީގެ އިއުލާނާއި އެއްގޮތަށް ސިންގަލް އެޕްލިކަންޓްސް ގޮތުގައި ތިބި ހުރިހާ ފަރާތްތައްވެސް ހިމެނޭ ގޮތަށެވެ. ދާއިމީ ލިސްޓް ސަރުކާރުން ގެޒެޓްކުރިއިރު ސިންގަލް އެޕްލިކަންޓްސްގެ ގޮތުގައި ކުރިމަތިލީ ޖުމްލަ 3551 މީހުންނަށް ކޮންމެ މީހަކަށް 1250 އަކަފޫޓްގެ ގޯއްޗެއް ކަށަވަރުކޮށްދީފައިވެއެވެ. އެގޮތަށް ނިންމުމަކީ އެކަނި 1250 އަކަފޫޓްގެ ގޯއްޗެއް ލިބެންއޮތް ފުރުސަތު "ސްކޭމެއްގައި" އަޅުވައިގެން ގެއްލުވާލައި ކުރިމަތިކުރުވި ބޮޑު ބޭއިންސާފެއްގެ ގޮތުގައި އެފަރާތްތަކުން ފާހަގަކުރެއެވެ.

އޭގެ އިތުރުން ވަގުތީ ލިސްޓް ނެރުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމްވެސް ސިންގަލް އެޕްލިކަންޓްސް ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަށް ގޯތި ނުލިބޭނެކަމުގެ އިޝާރަތެއް ދެއްވާފައިވާތީ، ގިނަ ސިންގަލް އެޕްލިކަންޓްސް އެހެން ފަރާތްތަކާއިއެކު ޖޮއިންޓްވީކަމަށް ބުނެފައިވެއެވެ.

ހައުސިންގ މިނިސްޓްރީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސިންގަލް ކޮންމެ އެޕްލިކަންޓަކަށް 1250 އަކަފޫޓްގެ ބިމެއް ވަކިން ދިނުމަކީ ދަތިތަކެއްކަމަށާއި، ޖޮއިންޓްވުމުން މީހަކަށް އިތުރަށް ލިބެނީ 400 އަކަފޫޓްކަމުން ބިމުން ބޮޑުބައެއް ސަލާމަތްކުރެވޭކަމަށް މިނިސްޓަރު އަސްލަމް ފާހަގަކޮށްފައިވެއެވެ.

"ޖޮއިން ވެގެނޭ ހަމައެކަނި ފުރުސަތު އޮތީ ކިޔާފަ ބައެއްމީހުންނަށް މަޖުބޫރުން ގޯތި ފޮތިކުރާ އުސޫލުން ޖޮއިންވާން ޖެއްސުމަކީ އަހަރެމެންނަށްދިން ބޮޑު އަނިޔާއެއް، ދަރިންގެ ދަރިންނަށް ލިބުނު ބޮޑު ބޭއިންސާފެއް" ޖޮއިންޓްވި ފަރާތަކުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

"މިގޮތަށް ހުރިހާ އެންމެންނަށް ފުރުސަތުދިނީމަ 9 މީހުން ޖޮއިންވެގެން ހުށަހެޅި މީހާއަށް ގުޅީފަޅުން ގޯތި ލިބުމުގެ ފުރުސަތު ބޮޑު. ޖޮއިންވީ މީހުންނަށް ހުޅުމާލެއިން ގޯތި ލިބުމަށް އޮތް ފުރުސަތު ކުޑަވެއްޖެ، އެ ހެޔޮ ކިތަންމެ ގިނައިން ޕޮއިންޓް ލިބުނަސް. އިންސާފުގެ ކަންފުޅެއްވެސް ނެތް" ޖޮއިންޓްވީމަ ޕޮއިންޓް އިތުރުވެގެން ހުޅުމާލެއިން ގޯތި ލިބޭނެކަމަށް އުއްމީދުކުރި އެހެންމީހަކު ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރަމުން ލިޔެފައިވެއެވެ.

* 1250 އަކަފޫޓުގެ ގޯތި (ހުޅުމާލެ 250, ގުޅީފަޅު 260, ގިރާވަރު 3041)
* 1650 އަކަފޫޓޫގެ ގޯތި (ހުޅުމާލެ 340, ގުޅީފަޅު 558, ގިރާވަރުފަޅު 1904)
* 2050 އަކަފޫޓުގެ ގޯތި (ހުޅުމާލެ 370, ގުޅީފަޅު 690, ގިރާވަރުފަޅު 487)
* 2450 އަކަފޫޓުގެ ގޯތި (ހުޅުމާލެ 180, ގުޅީފަޅު 476)
* 2850 އަކަފޫޓުގެ ގޯތި (ހުޅުމާލެ 100, ގުޅީފަޅު 154)
* 3250 އަކަފޫޓުގެ ގޯތި (ހުޅުމާލެ 60, ގުޅީފަޅު 49)
* 3650 އަކަފޫޓުގެ ގޯތި (ހުޅުމާލެ 31, ގުޅީފަޅު 22)
* 4000 އަކަފޫޓުގެ ގޯތި (ހުޅުމާލެ 20, ގުޅީފަޅު 9)

"ދިޔަރެސް"އާ ވާހަކަ ދެއްކި އެކަނިވެރި ތިންކުދިންގެ މަންމައެއްވެސް ވަނީ ވަރަށް އަސަރާއިއެކު ގޯތި ކަށަވަރުކުރުމަށްޓަކައި ޖޮއިންޓްކުރުމުން އޭނާއަށް ލިބުނު ގެއްލުންތައް ވަރަށް ތަފްސީލްކޮށް ކިޔާދީފައެވެ. އޭނާވެސް ބުނީ ހައުސިންގ މިނިސްޓްރީއިން އިއުލާނުގައި ގޯތި ފުރަތަމަ ބުރު ލިބެންއޮތީ ޖޮއިންވެގެންކަމަށް އޮތުމުން ހިތާއިދެކޮޅަށް އޭނާގެ ބޭބެއާއި އެކު ޖޮއިންޓްވެފައިވާ ކަމަށެވެ. ބޭބެގެވެސް ފަސް ދަރިން ތިބި ކަމަށާއި ޖޮއިންވުމުން މުޅިއެކު ލިބުނީ 1650 އަކަފޫޓްގެ ބިމެއް ކަމަށެވެ. އެހެން ދިމާވުމުން އެކުދިން ބޮޑުވެ ގޯތި ފޮތިކުރަންޖެހުމުން ދެމީހުންގެ ދަރިންކުރެ ކުއްޖަކަށް ޖެހެނީ އެންމެ 200 އަކަފޫޓްކަމަށް ބުންޏެވެ. ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި ޖޮއިންނުވެ 1250 އަކަފޫޓް އޭނާއަށް ވަކިން ލިބެންއޮތް ފުރުސަތު ސަރުކާރުން ގެއްލުވާލީ ގަސްދުގައި އޮޅުވާލުމާއި މަކަރުންކަމަށް އޭނާ ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ