މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މާލެއިން ބޭނުންވާ ބިންތައް ދޫކުރުމުގައި ހުރިހާ ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ފުރުސަތު ދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން މިހެން ބުނެފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމުގެ ކެމްޕެއިނަށް މާލެ ސިޓީއިން ބައެއް ބިންތަައް ހޯދަން އެދުމުން އެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދީފައިނުވާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިނުން ބުނުމާއި ގުޅިގެންނެވެ.
މިއަދު މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހުރިހާ ކެންޑިޑޭޓުންވެސް ބިންތައް ހޯދަން އެދެމުން ދާތީ އެކަމުގައި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް، ހުއްދަ ދިނުމުގައި ލަސްތަކެއް ކުރިމަތިވިކަމަށެވެ. އަދި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދިނުމަށް ހުއްދަތައް ދޫކުރުމުންދާކަމަށް ބުނެފައިވެއެވެ.
ރައީސް އިބްރާހީމްގެ ކެމްޕެއިންގެ ފަރާތުން ބިން ނުލިބިގެން ޝަކުވާކޮށްފައިވާއިރު ފަހުގެ ތާރީހެއްގައި މާލެ ސިޓީގައި އެ ޕާޓީގެ ފަރާތުން ބޮޑު ޖަލްސާއެއް ބާއްވާފައިނުވެއެވެ. މުޅީންވެސް ބާއްވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުޑަކުޑަ ޖަލްސާތަކެވެ.