ކެނެރީފް ރިސޯޓުގެ ސީނިއާ އެސިސްޓެންޓް މެނޭޖަރު އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައާއި، މަގުބޫލު އުޒުރެއްނެތި މުވައްޒަފުން ވަޒީފާއީ ވަކިކުރި މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދިން އެ ރިސޯޓުގެ މުވައްޒަފަކު ބުނި ގޮތުގައި ރިސޯޓުގެ ކަންކަން ބޮއްސުންލައިގެން ދިޔައީ ރިސޯޓުގެ މެނޭކްމަންޓް ބަދަލުވެ، އޭއޭއޭ ހަމްޒާ އަދި އާބަންކޯގެ ޗެއާމަން ޖާއިޝް އިބްރާހީމް އެތަނާ ހަވާލުވެ އެކި މަގާމުތަކަށް ގެނައި ބަދަލަށްފަހު އެވެ.
"އެމީހުން ތަނާ ހަވާލުވި ދުވަހުން ފެށިގެން އެތަނުގެ އެކި މަގާމުތަކަށް މީހުން ގެނެސް ގިނަ ބަދަލުތަކެއް ގެނައި. އެގޮތުން ސީނިއާ އެސިސްޓެންޓް މެނޭޖަރަކަށް ސާނިހް ކިޔާ މީހު ގެނައި. އޭރުވެސް އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި އެޗްއާރުގައި މީހަކު ހުރި،" މުވައްޒަފު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފުރަތަމަ މައްސަލަ ޖެހެން ފެށި ހިސާބަކީ ސީނިއާ އެސިސްޓެންޓް މެނޭޖަރު ސާނިހް، އެ ރިސޯޓުގައި އޭރު ޕާޗޭސިން ގައި މަސައްކަތް ކުރަމުން ދިޔަ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި ހިސާބުންނެވެ. އެ އަންހެން ކުއްޖާ ވަޒިފާއިން ވަކިކުރީ އެކަމާ ގުޅިގެންނެވެ.
އޭގެ ފަހުން އަނެއްކާވެސް ޕާޗޭސިން އަށް އިންޓަވިއުއަށް އައި އަންހެން ކުއްޖާއަށް ވެސް އެޗްއާރު މެނޭޖަރަކު ދައްކަން ނުޖެހޭ ވާހަކަ ތަކެއް ދެއްކުމުން އެ ކުއްޖާވެސް ވަޒީފާއަށް އަންނަން ދެކޮޅު ހެދީ އެވެ.
އޭގެ ފަހުން މިދިޔަ ޖޫން މަހުގެ ތެރޭގައި ފްރޮންޓް އޮފީސްގެ މުވައްޒަފަކަށް ސާނިހް މެސެޖުކޮށް އުނދަގޫކުރާ ވާހަކަ އެސިސްޓެންޓް ފްރޮންޓް އޮފީސް މެނޭޖަރަށް އެންގުމުން، އެ މައްސަލަ ރިސޯޓުގެ ޖީއެމް އަކަށް ހުންނެވި އާބަންކޯގެ ޗެއާމަން ޖާއިޝް އަށް މައްސަލަ ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.
އެވަގުތު ޖާއިޝް ރާއްޖެއިން ބޭރުގައި ހުރުމުން، ރާއްޖެ އައުމަށްފަހު މައްސަލަ ބަލާނެ ކަމަށް ބުނި ނަމަވެސް މައްސަލަ ނުބެލި އެވެ. އަނެއްކާވެސް އޭގެ ދުވަސްތަކެއް ފަހުން އެ އަންހެން ކުއްޖާ އެ މައްސަލައިގެ އަޕްޑޭޓަކަށް އެދުމުން މައްސަލަ މެއިލްކުރަން އެދުނެވެ.
އަދި މައްސަލަ ބަލައިދޭން އެދި މެއިލް ކުރުމުން އެކަން ބެލުމަށްޓަކައި ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލި އެވެ. އެއީ ދެ އަންހެނުންނާއި ތިން ފިރިހެނުންގެ ކޮމިޓީއެކެވެ.
ކޮމިޓީން މައްސަލަ ބެލުމަށްފަހު ސާނިހްގެ މައްސަލަތައް ގިނަ ކަމުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމައި ރިޕޯޓު ޖާއިޝް އަށް ފޮނުވި އެވެ. އެ ރިޕޯޓުގައި ވަނީ ހަތަރު މެންބަރުން ސޮއިކޮށްފަ އެވެ.
އެކަމަކު ރިޕޯޓު ޖާއިޝް އަށް ލިބުމުން މައްސަލަ ނުބަލަން ނިންމައި ކޭސް ކްލޯސް ކުރި އެވެ. ކޮމިޓީން ލަފާދިން ގޮތަށް ސާނިހް ވަޒީފާއިން ވަކިނުކުރި އެވެ.
އެ ތިން މައްސަލައިގެ އިތުރުންވެސް ރިސޯޓު ބާރ ގައި މަސައްކަތްކުރި އަންހެން ވެއިޓަރަކަށް ސާނިހް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. އެކަމަކު ސާނިހް އަށް އިތުރު ބާރުތައް ދިނުމާއެކު ފިޔަވަޅެއްވެސް ނާޅަ އެވެ.
މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ އިތުރުން ކެނެރީފްގެ މުވައްޒަފުންނަށް ދޭ ކެއުމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ. މެންދުރަށް ކަށްކާފައި ހުންނަ ބަތުން ބާކީވާ ބައި ރޭގަނޑު ކައްކާ ނޫޑްލިސް އަށް އަޅައި ހުންނަނީ އެއްކޮށްފަ އެވެ.
އެ މައްސަލަ މުވައްޒަފުން ތަކުރާރުކޮށް ޖެއްސުމުންވެސް އެކަން ހައްލު ނުކުރުމުން، ރިސޯޓު މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލާ ސޯޝަލް މީޑިއާ ޕޭޖަކަށް އެމީހުންގެ ކަންބޮޑުވުންތަކާއެކު ފޮޓޯ ހިއްސާކުރި އެވެ.
އެ މައްސަލައިގައި އެކަކު ވަޒީފާއިން ވަކިކުރުމުން މައްސަލަ ޖައްސަން އެޗްއާރަަށް ދިޔަ އިރު އިތުރު ހަތަރު މީހަކު ވަޒީފާއިން ކަނޑާލާފައިވާ ކަމަށް މުވައްޒަފު ބުންޏެވެ. އަދި އޮކިއުޕެންސީ ދަށްވެގެން ކަމަށް ބުނެ ވެސް އިތުރު މީހަކު ވަޒީފާއިން ވަކިކުރި ކަމަށްވެ އެވެ.
"އަދި މިނޫންވެސް ގޮތްގޮތަށް ވަޒީފާއިން މީހުން ކަނޑަމުން ދަނީ. އަޅުގަނޑުގެ ވަޒީފާއަކީ ވެސް ރިސޯޓެއްގައި އުވާލަންޖެހޭނެ ވަޒީފާއެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި ގާނޫނުގައިވެސް ތިން މަހުގެ ނޯޓިސް ދޭންޖެހޭނެ ކަމަށް އޮވޭ. އެކަމަކު އެ މަގާމު އުވާލާ ކަމަށް އަންގައިފި. މައްސަލަ މިހާރު ކޯޓަށް ލުމަށް ތައްޔާރުވަމުން މިދަނީ،" އެތަނުގެ މުވައްޒަފަކު ބުންޏެވެ.
މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުން ހުށަހަޅާފައިވާ މައްސަލަތަކުގެ ރިޕޯޓާއި، މަގުބޫލު އުޒުރެއް ނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރި ލިޔުންތަކުގެ ކޮޕީ ވެސް ވަނީ މި ނޫހަށް ލިބިފަ އެވެ.