Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

އިންޑިއާ އައުޓް ގަރާރު މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާ ދެކޮޅަށް ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ނެރުނު ރިޔާސީ ގަރާރު ބާތިލުކުރަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވައިލައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރެއް ނެރުއްވީ އޭޕްރީލް 21، 2022ގަ އެވެ.
ހިޔާލު ފާޅުކުރުމުގެ ހައްގާއި، އެއްވެ އުޅުމުގެ އަސާސީ ހައްގު ހަނިވާ ގޮތަށް ރައީސް ނެރުއްވި އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅީ "ދިޔަރެސް" ނޫހުގެ މުއައްސިސުން ކަމުގައިވާ އަހްމަދު އަޒާން މަރުޒޫގާއި އަހްމަދު އިބްރާހީމް އަދި ޝިފްޒާން އަހްމަދެވެ.
އެ މައްސަލައިގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި ދައުވާ ހުށަހެޅި ފަރާތުގެ ވަކީލު، އަހްމަދު ޝައްފާން މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތަކުގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތު ފިޔަވައި، އެހެން އެއްވެސް ހާލަތެއްގައި ރާއްޖޭގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ އެއްވެސް ހައްގެއް ހަނިކުރުމުގެ ބާރު ރައީސަށް ނޯންނާނެ ކަމަށެވެ.
އަދި އިންޑިއާ އައުޓް ހުއްޓުވަން ނެރުނު ގަރާރަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ، މަޖިލީހުން ފާސްކުރާ ގާނޫނެއް ނޫން ކަމަށެވެ. އެހެންކަމުން ވަކި ހިޔާލެއް ނުވަތަ ހަރަކާތެއް ސަރުކާރަށް ގަބޫލު ނުކުރެވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ޝައްފާން ވިދާޅުވި އެވެ.
އެހެންވެ، ރައީސްގެ ގަރާރަކީ ފެށުނީއްސުރެ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ގަރާރަށް ބަޔާންކޮށް އެއްވެސް އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުން ލިބިފައިވާނަމަ އެ ގެއްލުމަށް ދައުލަތުން ޒިންމާވެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދުނެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން ދައުލަތުން ބުނީ އެ މައްސަލައަކީ ހައިކޯޓުން ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިދީފައިވާ މައްސަލައެއް ނޫން ކަމަށެވެ. އޭގެ ހެއްކެއް ކަމަށް ދައުލަތުން ދެއްކީ މުހައްމަދު ޖަމީލް އަހްމަދު ވ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގަޒިއްޔާ އެވެ. އެހެންވެ އެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫންކަމަށް ނިންމައި ދިނުމަށް އެދުނެވެ.
އެކަމަކު އެ މައްސަލަ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ނިންމީ އެއީ އެ ކޯޓުގެ އިހްތިސާސް ނެތް މައްސަލައެއް ކަމަށެވެ. އެހެންވެ އެކަން ބެންޗުގައި އިސްތިއުނާފު ކުރުމުން ބެންޗުން ނިންމީ ޖަމީލް ވ ރައްޔިތުންގެ މަޖިލީހުގެ ގަޒިއްޔާގައި ވާގޮތުން، ރައީސްގެ ގަރާރު ބާތިލުކުރާ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށެވެ.
ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެ ނިންމުމަށް ބަހުސް ނުކުރެވޭނެ ކަމަށް ޝައްފާން ވިދާޅުވި އެވެ. އަދި ދައުލަތުގެ އެ އިއުތިރާޒަކީ ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހައި ހުށަހެޅި ކަމެއް ކަމަށާއި އެއީ ވަގުތު ބޭކާރު ކުރުމުގެ އަމަލެއް ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުން ޖެނުއަރީގެ ފަހުންވެސް އެތައް ފަހަރަކު ހައިކޯޓުގައި ތާވަލްކުރި ނަމަވެސް ކޮންމެ ފަހަރަކު ވެސް އެކި ސަބަބުތަކާ ހުރެ އަޑުއެހުން ނުބޭއްވި ކެންސަލް ވަނީ އެވެ. އެންމެ ފަހުން މިދިޔަ ޖުލައި މަހަށް ތާވަލްކުރި އަޑުއެހުން ކެންސަލްވީ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނެވެ.
މި ލިއުމާއި ގުޅޭ