އުދަ އަރާނެކަމަށް ލަފާކޮށް މާލެއިން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެލާޓް ނެރެފިއެވެ.
އުދައަރާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން އިރު އޮއްސި 6:00 އާ ހަމައަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މީގެ އިތުރުން މެޓުން ބުނީ މިއަދުގެ އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި އެހެން ހިސާބުތަކުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މެލާއި 15 މެލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މެލާއި 18 މެލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މެޓުން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށްގަދަވާނެކަމަށެވެ.