އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް އެރަށުގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިއަދު ހަވީރު އައްޑޫއަށް ވަޑައިގެންނެވި އިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދަށް އެއްވެފަ އެވެ.
މަރުހަބާ ކިޔަން ނުކުތް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ޑރ. މުއިއްޒު ވަނީ ސަލާމް ކުރައްވާފަ އެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.
ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (އައްޑޫ އަސްލަމް) އެވެ.
އަދި އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުން އުފެއްދެވި އާ ޕާޓީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބް އަކީ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.
އައްޑޫގެ ފަސް ދާއިރާގެ މަޖިލިސް ގޮނޑިވެސް ކުރިން ތަމްސީލުކުރީ އެމްޑީޕީންނެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މެންބަރުން އެމްޑީޕީން ވަކިވުމުން މިހާރު އައްޑޫގެ ގޮނޑިތައް ތަމްސީލު ކުރަނީ އެމްޑީޕީއާއި ޑިމޮކްރެޓްސް އިންނެވެ. އެހެންކަމުން އައްޑޫގެ ބޮޑު ތާއީދެއް އޮންނާނެ ކަމަށް ގިނަ ބަޔަކު ދެކެނީ އެމްޑީޕީއަށެވެ.
އެކަމަކު މުއިއްޒު މިއަދު އައްޑޫއަށް ވަޑައިގެންނެވުމުން ގިނަ ސަޕޯޓަރުން މަރުހަބާ ކިޔަން ނުކުތް އިރު، އޭނާގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ވެސް ހޫނު މަރުހަބާއެއް ކިޔެވެ.
ކެމްޕެއިނަށް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުން ވެސް ވަނީ ވަރަށް ބޮޑު ތާއީދެއް ފެނިގެން ގޮސްފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް، ރައީސަށް ނުކިޔާހާ ހޫނު މަރުހަބާއެއް ގިނަ ރަށްރަށުން މުއިއްޒަށް ކިޔެވެ.
އެހެންކަމުން، ދެކުނުގެ އަތޮޅުތަކުން ވެސް އެ ތާއީދު ލިބިއްޖެ ނަމަ އެއްބުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ކޯލިޝަނަށް ކާމިޔާބު ވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.