ދުނިޔޭގަ ބާއްވާ ބެޑްމިންޓަންގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ބީޑަބްލިއުއެފް ވޯލްޑް ޗެމްޕިއަންޝިޕްގައި ފުރަތަމަފަހަރަށް ދިވެހި ފިރިހެން ކުޅުންތެރިއަކު ކޮލިފައިވެއްޖެއެވެ.
ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން އިންތިޒާމު ކުރާ މިމުބާރާތަށް ކޮލިފައިވީ ރާއްޖޭގެ މި އަހަރުގެ ޤައުމީ ބެޑްމިންޓަން ޗެމްޕިއަން ޒަޔާން ޒަކީއެވެ. މި މުބާރާތަށް ފުރަތަމަ ކޮލިފައިވި ދިވެހި ކުޅުންތެރިއާގެ އިތުރުން ޒަޔާން އަކީ މި މުބާރާތަށް ކޮލިފައިވި ފުރަތަމަ މިކްސްޑް ޑަބަލްސް ޕެއަރވެސްމެއެވެ. ޒަޔާން އާއެކު ދެން ކޮލިފައިވި އަނެއް ކުޅުންތެރިއަކީ ރާއްޖޭގެ ބެޑްމިންޓަން އަންހެން ޗެމްޕިއަން ނަބާ އަބްދުއްރައްޒާގެވެ.
ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ނިމޭނީ މި މަހު 27 ވަނަ ދުވަހުގައެވެ.
ޒަޔާން ވަނީ ބެޑްމިންޓަންގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން މި އަހަރު ސިންގަލްސް، ޑަބަލަސް އަދި މިކްސްޑް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވާއިރު މިދިޔަ އަހަރުވެސް މިކްސްޑް ޑަބަލްސް އަދި ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވެއެވެ. މީގެ އިތުރުން މީގެކުރިން ރާއްޖޭގެ ޗެމްޕިއަންކަންވެސް ހޯދާފައިވެއެވެ.