ގުދުސް (އޮގަސްޓް 20) - އިސްރާއީލުން ހިފާފައިވާ ގުދުސްގައި ހުންނަ އަލް އަޤްޞާ މިސްކިތް ކޮމްޕައުންޑަށް އިސްރާއީލުގެ ގިނަ އަދަދެއްގެ މީހުން، އިސްރާއީލުގެ ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު ވަދެއްޖެ އެވެ.
ގުދުސްގައި ހުންނަ އިސްލާމިކް ވަޤްފް އޮތޯރިޓީން ބުނީ އަލްއަޤްޞާ މިސްކިތަށް ވަޒަންވެރިވި އެތައް ބަޔަކު ވަކި ވަކި ޖަމާޢަތްތަކަކަށް ބަހާލައިގެން ވަދެފައިވާ ކަމަށެވެ. އެމީހުން މިސްކިތުގެ ގޯތިތެރޭގައްޔާއި، ޑޯމް އޮފް ދަ ރޮކް ކައިރީގައި ތަލްމުޑިކް އަޅުކަން ކުރި އެވެ.
އިސްލާމް ދީނުގައި ތިންވަނައަށް އެންމެ މާތް ވެގެންވާ އަލްއަޤްޞާ މިސްކިތުގެ ވަށައިގެން އުފެދިފައިވާ ނުތަނަވަސްކަން އެންމެ ފަހުގެ ހާދިސާއިން އިތުރުވެގެން ދެއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމާއެކު އެ ކޮމްޕައުންޑަށް ވަޒަންވެރިން ވަނުމަކީ ފަލަސްތީނުގެ އޮފިޝަލުންނާއި ދީނީ އިދާރާތަކުން އަބަދުވެސް ކުށްވެރިކުރާ ކަމެކެވެ.
އިސްލާމިކް ވަޤްފް އޮތޯރިޓީން ތަކުރާރުކޮށް ގޮވާލަމުން ދަނީ މި ޙަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ނުފޫޒު ފޯރުވުމަށެވެ.
އަލްޙަރަމް އަލް ޝަރީފްގެ ނަމުން ނަންދީފައިވާ އަލްއަޤްޞާ މިސްކިތް ކޮމްޕައުންޑަކީ ފަލަސްޠީނާއި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ މެދުގައި ތަކުރާރުކޮށް ކުރިމަތިލުންތައް ހިނގަމުން އަންނަ ތަނެކެވެ.