ނެދަލޭންޑްސް އާއި ޑެންމާކުން ޔޫކްރޭނަށް އެފް-16 މަރުކާގެ މަތިންދާ ބޯޓުތައް ދޭން ނިންމައިފައިވާ ކަމަށް ބައިނަލް އަޤުވާމީ ރިޕޯޓްތައް ބުނެފި އެވެ.
މިނިންމުމާއި ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެ، އެކަމަކީ އެގައުމުގެ އަސްކަރިއްޔާއަށް ވަރަށް މުހިންމު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އެފް-16 ގެ ބޯޓްތައް ދޭން ނިންމި ކަމުގައިވިޔަސް އެކަން ބިނާގެންވަނީ ވަކި ޓައިމްލައިންގެ ދަށުން ކަމަށާއި، އެގޮތުން ޔޫކްރެއިންގެ ސިފައިންނާއި އިންފްރާސްޓްރަކްޗާ އާއި އެމެރިކާގައި އުފައްދާ ބާރުގަދަ ޖެޓްތަކުގެ ބޭނުން ޔޫކްރެއިންއަށް ހިފެނީ ކިހާމިންވަރަކަށްތޯ ބައްލަވާނެ ކަމަށް ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރުޓޭ ނެދަލޭންޑްސްގެ ވައިގެ މަރުކަޒަކަށް ޒިޔާރަތް ކުރައްވަމުން ޒެލެންސްކީއަށް ވިދާޅުވި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ޒެލެންސްކީ ވަނީ ތާރީޚީ އެ އިއުލާނަށް މަރުހަބާ ވިދާޅުވެ، ނެދަލޭންޑްސް އަކީ މަތިންދާބޯޓުތައް އެންމެ ފުރަތަމަ ދޭނެ ގައުމަށް ހެދުމުން ރުޓޭއަށް ތައުރީފް ކުރައްވާފައެވެ.
މިކަން ހާމަކޮށްފައި މިވަނީ ދެކުނުގެ ސިޓީއެއް ކަމަށްވާ އައިންދޯވަންގައި ހުންނަ ނެދަލޭންޑްސްގެ ބޭސްގައި ހޭންގަރެއްގައި ޕާކްކޮށްފައި ހުރި ގްރޭ އެފް-16 ގެ ދެ ޖެޓް ، ދެ ލީޑަރުން ބައްލަވާލެއްވިތާ މިނެޓެއް ހާއިރު، ފަހުންނެވެ.
ހުޅަނގު ގައުމުތަކުން ކެނޑިނޭޅި ޔޫކްރެއިންއަށް ޒަމާނީ ހަތިޔާރުތަކާއި، އެންމެފަހުގެ ހަނގުރާމަ މަތީ މަތިންދާބޯޓްތަކާއި، އެފަދަ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ވައުދުވަމުންދާއިރު، ރަޝިއާއިން ބުނަނީ އެއީ ބޭކާރު ޚަރަދު ތަކެއް ކަމުގައެވެ. އަދި އެއިން އެއްވެސް ހަތިޔާރަކުން ޔޫކްރެއިންއަށް އެއްވެސް މަންފާއެއް ނުކުރާނެކަމަށާއި، އެހަތިޔާރުތައް ދާނީ ޓެރެރިސްޓުންގެ އަތްދަށަށް ކަމަށް ތަކުރާރުކޮށް ރަޝިއާއިން ދަނީ ބުނަމުންނެވެ.