ނެދަލޭންޑްސްގެ ހަރުކަށި ފިކުރުގެ މީހުން އިސްނަގައިގެން އިސްލާމްދީނާއި މުސްލިމުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ނެދަލޭންޑްސްގައި ހުންނަ ތުރުކީ އެމްބަސީ ގެ ބޭރުގައި ހުކުރުދުވަހު ބޭއްވި މުޒާހަރާއަށްފަހު ޖެހިގެން އައި ހޮނިހިރުދުވަހު އެ އެމްބަސީ ކުރިމަތީގައި ގުރުއާނުގެ ކޮޕީއެއް ވީދާލައި، މުސްލިމުނަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށްފިއެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ގޮތުން ހުކުރު ދުވަހު ބޭއްވި މުޒާހަރާ ނެދަލެންޑްސްގެ ސަރުކާރުން ކުށްވެރިކުރި ނަމަވެސް އެކަން ހުއްޓުވުމުގެ ގާނޫނީ ބާރެއް ނެދަލެންޑްސް އަށް ނެތް ކަމަށް ބުނެފައިވެ އެވެ.
ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ ޕެގިޑާގެ ނެދަލެންޑްސް ބްރާންޗުގައި އިސްކޮށް ހަރަކާތްތެރިވާ އެޑްވިން ވެޖެންސްވެލްޑް ވަނީ ގުރުއާނުގެ ކޮޕީއަކަށް ގެއްލުން ދީފައި ކަމަށް އޭއެފްޕީ ނިއުސް އެޖެންސީގެ ނޫސްވެރިން ވަނީ ބުނެފަ އެވެ.
އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ޤުރުއަން ވީދާލުމުގައި ބައިވެރިވި ކަމަށްވެ އެވެ.
ތުރުކީ އެމްބަސީ ހުންނަ މަގަށް ފުލުހުން ވަނުމުގެ ފުރުސަތު ބަންދުކޮށްފައިވާއިރު، ކައުންޓާ މުޒާހަރާގައި ބައިވެރިވި ފަންސާހަކަށް މީހުން ވެސް ތިއްބެވެ.
އެ މުޒާހަރާގެ ތެރޭގައި ކީރިތި ޤުރުއާނުގެ ސަފުހާތައް ވީދަން ފެށުމުން ބައެއް މީހުން ވެގަންސްވެލްޑަށް ހިލައާއި ގައު އުކަން ފެށިއެވެ.
ޝީލްޑާއި ބަޑިހިފައިގެން ތިބި ގާތްގަނޑަކަށް 20 ވަރަކަށް ފުލުހުން އެކަމަށް ހުރަސް އެޅީ އޭނާ އެތަނުން ނުކުމެގެން ދިއުމުން ބައެއް މީހުން އޭނާގެ ފަހަތުން ދާން އުޅުމުންނެވެ.
ތުރުކީވިލާތަށް އުފަން ނެދަލޭންޑްސްގެ ޖަސްޓިސް މިނިސްޓަރު ދިލަން ޔެސިލްގޯޒް ވަނީ އެ ފޮތް ހަލާކުކޮށްލުމުގެ ރޭވުން ސިފަކުރައްވާފައި ވަނީ ވަރަށް އާދަޔާ ހިލާފު އަދި ހިތާމަވެރި ކަމެއްގެ ގޮތުގަ އެވެ.
ނަމަވެސް އެގައުމުގެ ގާނޫނުތަކުން އެފަދަ މުޒާހަރާއެއް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ ޖެނުއަރީ މަހު ބޭއްވި މިފަދަ މުޒާހަރާއެއްގައި އެޑޮލްފް ހިޓްލަރުގެ "މޭ ކަމްފް" އާ އެ ފޮތް އެއްވަރުކުރަމުން ދަނިކޮށް ޕާލަމެންޓުގެ ބޭރުގައި ގުރުއާން ކޮޕީއެއް ވީދާލުމުން ވެގަންސްވެލްޑް ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ޝަރީއަތް ކުރިއަށް ދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުކުރު ދުވަހުގެ މުޒާހަރާގައި އޭނާ ލައިގެން ހުރި ޓީޝާޓުގައިވެސް ވެސް ވަނީ މުސްލިމުންނަށާއި، އިސްލާމްދީނަށް ފުރައްސާރަ ރައްދުވާފަދަ އިބާރާތްތައް ލިޔެފަ އެވެ.