އަލަށް އުފަންވި ހަތް ކުއްޖަކު މަރާލުމާއި، އޭނާ މަސައްކަތް ކުރި ހޮސްޕިޓަލުގެ ނިއޯނޭޓަލް ޔުނިޓުގައި އިތުރު ހަ ކުއްޖަކު މަރާލަން އުޅުނު ކަމުގެ ކުށް ސާބިތުވެ، އިނގިރޭސިވިލާތުގައި ކުޑަކުދިން މެރުމުގެ ކުށުގެ ދައުވާ އިނގިރޭސިވިލާތުގެ ނަރުހެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.
އިންގްލެންޑުގެ އުތުރުގައި އޮންނަ މެންޗެސްޓާ ކްރައުން ކޯޓުގެ ފަނޑިޔާރުން 22 ދުވަސް ވަންދެން މަޝްވަރާ ކުރުމަށް ފަހު ހުކުރު ދުވަހު ވަނީ ހުރިހާ ހުކުމަކާ ހަމައަށް ގޮސްފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ޝަރީއަތް ހިނގަމުން އަންނަ ލޫސީ ލެޓްބީ، 33، ގެ މައްޗަށް އުފުލާފައިވަނީ ބަލިވެ ނުވަތަ ދުވަސް ނުފުރާ އުފަންވި އޭނާގެ ޒުވާން ޝިކާރައަކަށްވި މީހުންނަށް ވައިގެ ޒަރިއްޔާއިން އިންޖެކްޝަން ޖަހައި، ކިރު މާ ގިނައިންދީ، އިންސިއުލިން އިން ވިހަ ދިން ކަމުގެ ތުހުމަތެވެ.
މާބޮޑު ނިޝާނެއް ވެސް ނުފެންނަ ގޮތަށް މަރާލުމުގެ ގޮތްތައް ބޭނުންކުރި އަންހެނެއްގެ ގޮތުގައި ޕްރޮސެކިއުޝަނުން ސިފަކުރި ލެޓްބީ ވަނީ އެ ކުދިންނަށް ގެއްލުމެއް ދިން ކަމަށް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.
"ލޫސީ ލެޓްބީއާ ހަވާލުކުރީ އެންމެ ނާޒުކު ބައެއް ކުދިން ހިމާޔަތް ކުރަން. އެތާނގައި އެފަދަ ނުބައި މީހަކު ހުރިކަން އެނގުނީ ވަރަށް ފަހުން،" ކްރައުން ޕްރޮސެކިއުޓާގެ ސީނިއާ ޕްރޮސެކިއުޓާ ޕެސްކޭލް ޖޯންސް ވިދާޅުވެފައިވެ އެވެ.
"ތަކުރާރުކޮށް އެ ނަރުސްމީހާ ވަނީ ތުއްތު ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ރައްކާތެރިވާން ޖެހޭ މާހައުލެއްގައި، ކުޑަކުދިންނަށް ގެއްލުން ދީފައި،" އެ މީހުން މަރާލުމަކީ "އެ ނަރުސްމީހާ އަށް ކުރާ އިތުބާރަށް މުޅިން ޚިޔާނާތްތެރިވުން" ކަމަށް ވަކީލު ވިދާޅުވި އެވެ.
ކޮންމެ ތުއްތު ކުއްޖަކު އުފަންވި އިރު ލެޓްބީ ޝިފްޓްގައި ހުރިކަން އެނގުމުން އެކުވެރިން ކަންބޮޑުވުން ފާޅުކުރި އިރު، ޕްރޮސެކިއުޓާ ނިކް ޖޯންސަން ވިދާޅުވީ ލެޓްބީ އޭނާގެ އެކުވެރިންނަށް އޮޅުވާލީ އެ މަރުތަކަކީ ހަމައެކަނި ބަދުނަސީބެއް ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.
ލެޓްބީގެ އެންމެ ފަހުގެ ޝިކާރައަކަށްވީ ދެ ޓްރިޕްލެޓް ފިރިހެން ކުދިންނެވެ.
ތިންވަނަ ޓްރިޕްލެޓް، ޗައިލްޑް ކިއު މަރާލަން ވެސް ލެޓްބީ މަސައްކަތް ކުރި ކަމަށް ބުނި ނަމަވެސް އެ ދައުވާއާ މެދު ޖޫރީއަށް ހުކުމަކާ ހަމައަށް އާދެވިފައެއް ނުވެ އެވެ.
ލެޓްބީ ހައްޔަރުކޮށް ދެ ފަހަރެއްގެ މަތިން ދޫކޮށްލި އެވެ. 2020 ވަނަ އަހަރު އޭނާ ހައްޔަރުކުރި ތިންވަނަ ދުވަހު ރަސްމީކޮށް އޭނާގެ މައްޗަށް ދައުވާކޮށް ބަންދުގައި ބެހެއްޓިއެވެ.
އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ހޮސްޕިޓަލުގެ ލިޔެކިޔުންތަކާއި ލެޓްބީ ލިޔެފައިވާ ނޯޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ލެޓްބީގެ ދިފާއުގައި ވާހަކަ ދައްކަމުން ބެރިސްޓާ ބެން މަޔަރސް ކޯޓުގައި ބުނެފައި ވަނީ އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ، ވަރަށް ބޮޑަށް ކޮމިޓްވެފައިވާ މީހެއް ކަމަށާއި އޭނާގެ މަސައްކަތަށް ލޯބިކުރާ މީހެއް ކަމަށެވެ.
އަދި އެ ކުދިންގެ ނާޒުކު ސިއްހަތަށް އިޝާރާތް ކުރައްވައި، އޭގެ ތެރެއިން ގިނަ ކުދިންނަކީ ދުވަސް ނުފުރާ އުފަންވި ކުދިން ކަމަށާއި، ނިއޯނޭޓަލް ޔުނިޓަކީ އޯވަސްޓްރޭޓެޑް އަދި މުވައްޒަފުން މަދު ޔުނިޓެއް ކަމަށް ވިދާޅުވި އެވެ.
އަދި ހޮސްޕިޓަލުގެ ނާކާމިޔާބީތައް ފޮރުވުމަށް ސީނިއާ ހަތަރު ޑޮކްޓަރުންގެ "ގޭންގަކުން" އޭނާގެ ބޮލުގައި އެ ދައުވާތައް އަޅުވާފައިވާ ކަމަށް ވެސް ލެޓްބީ ލަފާ ދެއްވި އެވެ.
ލެޓްބީ އޭނާގެ ޝަރީއަތުގައި ސްޓޭންޑް ނެގިއިރު އޭނާ ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ ކުޑަކުދިންނާ އެކު މަސައްކަތް ކުރަން ކަމަށާއި މަރުތަކުގެ ޒިންމާ އޭނާގެ ބޮލުގައި އަޅަން ޖެހުނުކަން އެނގުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.