މާލޭގައި ހުންނަ ސިވިލް ކޯޓު ފަޅާލައި ކޯޓަށް ވަގަށް މީހަކު ވަން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ސިވިލް ކޯޓު ފަޅާލައި ވަގަކު ކޯޓަށް ވަނުމާ ގުޅިގެން ފުލުހުން ކޯޓުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާއަށް ފެންމަތިވެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ޖަސްޓިސް ބިލްޑިން ދެވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަދެގެން އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ މިއަދު ހަވީރު 3:57 ހާއިރުކަމަށެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ތަހުގީގަށް މިހާތަނަށް ސިވިލް ކޯޓުން އެއްވެސް އެއްޗެއް ވަގަށް ނެގިކަމަށް މިހާތަނަށް ނުބެލެވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ބަޔަކުވަނީ ފެމިލީ ކޯޓު ފަޅާލައިފައެވެ. ކޯޓުތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ފަޅާލައި ވައްކަންކުރާ މައްސަލަ ފާއިތުވީ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.