ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރާއްޖޭގެ ޖުޑިޝަރީ ނުހިންގޭ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު, ހުސްނުއްސުއޫދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން ކޯޓުގެ ސްޓްރަކްޗާތަކަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގެނައި ބަދަލުތަކަކާއެކު 10 ކޯޓު އެޑްމިނިސްޓްރޭޓަކު ވަޒީފާއިން ވަކުކުރި އެވެ. އެ 10 މީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމީ އެމީހުންގެ މަގާމު އަނބުރާ ދޭންޖެހޭނެ ކަމަށެވެ.
އެ ނިންމުން ބަދަލުކުރަން ޖޭއެސްސީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެކަމަކު ހައިކޯޓުންވެސް ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް އެމީހުންގެ ވަޒީފާ އަލުން ދޭން ހުކުމްކުރި އެވެ. އެހެންވެ، ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަން ޖޭއެސްސީން އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ސުއޫދު ވިދާޅުވީ މައްސަލަތަށް ޓްރައިބިއުނަލަށް ހުށަހެޅުނު އިރު މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި އޮތީ ޑީޖޭއޭ ކަމަށެވެ. އެކަމަކު ހައިކޯޓުގެ ރިޕޯޓަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި ޖޭއެސްސީއަށް ބަދަލުވެފައި އޮތުމުން އެކަން ވީގޮށް ސާފުކޮށްދޭން އެދުނެވެ.
އޭގެ ޖަވާބުގައި ޖޭއެސްސީން ބުނީ މައްސަލަ ރައްދުވާ ފަރާތެއްގެ ގޮތުގައި ޑީޖޭއޭ ލިޔެފައި އޮތްނަމަވެސް އެ އިދާރާއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްަތަރު ލިބިފައިވާ ފަރާތެއް ކަމުގައިނުވާތީ އެ މައްސަލައާ ގުޅިގެން ޑީޖޭއޭ ތަމްސީލުކުރީ ނުވަތަ މައްސަލަ ހަގީގަތުގައި ރައްދުވާންޖެހޭ ފަރާތަކީ ޖޭއެސްސީ ކަމަށެވެ.
ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި ފިޔަވަޅު އެޅުމާއި ވަކިކުރުން ފަދަ ކަންކަމަކީ ޑީޖޭއޭގެ މަސްއޫލިއްޔަތެއް ނަމަވެސް ޑިޖޭއޭ އަކީ ޖޭއެސްސީގެ މަސްއޫލިއްޔަތުތަކެއް ތަސްދީގު ކުރުމަށްޓަކައި އެކަންކަން އަމަލީ ގޮތުން ކުރުމަށްޓަކައި ގާނޫނުން އުފައްދާފައި އޮންނަ އިދާރާއެއް ކަމަށެވެ. އެހެންކަމުން ޑީޖޭއޭ އިން ކުރާ ހުރިހާ ކަމެއް "އަލްޓިމޭޓްލީ" ގޮސް ގުޅޭނީ ޖޭއެސްސީއާ ކަމަށެވެ.
އިދާރީ ކަންކަމާ ބެހޭ ގަވާއިދުވެސް ހަދާނީ ޖޭއެސްސީންތޯ ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވުމުން ޖޭއެސްސީން ބުނީ "ޑޭޓުޓޭ ކަންކަން ކުރަނީ ޑީޖޭއޭއިން ނަމަވެސް އަލްޓިމޭޓްލީ ޕޮލިސީ ލެވެލްގައި ކަންކަން ކުރާނީ ޖޭއެސްސީން" ކަމަށެވެ.
އެއާއެކު ފަނޑިޔާރު ސުއޫދު ވިދާޅުވީ، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހާ ކަންތައްތައް ރައްކާތެރިކޮށް އިދާރީ ހިންގުމާބެހޭ ގަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިފައިވާ ބާރެއް ކަމަށް ގާނޫނުއަސާސީގެ 156 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން ސުވާލުކުރެއްވި އެވެ.
ޖޭއެސްސީން ބުނީ އެގޮތަށް 156 ވަނަ މާއްދާގައި އޮތް ނަމަވެސް ޖޭއެސްސީ ހިނގާނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންވެގެންވާ ގޮތަށް ކަަމަށް ގާނޫނުގެ 157 ވަނަ މާއްދާގައި ބުނާ ކަމަށާއި، އެ ގާނޫނުގައި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު ގާނޫނު އޮތްގޮތުން "ބާރު އޮތީ ޖޭއެސްސީގަ" ކަމަށެވެ.
"ދޮޅު އަހަރު، ދެއަހަރު ވެގެން ދާއިރު ސުޕްރީމް ކޯޓަށް އެސްޖީ އަކު، އިދާރީ މުވައްޒަފަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ ކޯޓު އަމިއްލައަށް، ނުވަތަ ކޯޓުގެ އިންޑިޕެންޑެންސް ކޮބައިތޯ. އެއީ ނުފޫޒެއްގެ ތެރެއަށް ވަންނަނީތޯ،" ޖޭއެސްސީގެ އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ސުއޫދު ސުވާލުކުރެއްވި އެވެ.
ފަނޑިޔާރު ސުއޫދު ނުރުހުން ފާޅުކުރެއްވީ އެތައް ދުވަހެއް ވެގެން ދިޔަ އިރުވެސް ސުޕްރީމް ކޯޓަށް އިދާރީ މުވައްޒަފަކު އައްޔަން ނުކުރެވި އޮތުމުން، ޖޭއެސްސީއަށް ޖުޑިޝަރީ ނުހިންގޭ ކަމަށް ވިދާޅުވެ އެވެ.
"ދޮޅު އަހަރު، ދެ އަހަރުވެގެން މިދަނީ ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލަކު އައްޔަންކޮށްދޭށޭ އާދޭސް ކުރާތާ. މިހެން އާދޭސް ކުރާގޮތަށް މިކަން ހިންގަން ބާއްވަންތޯ، މި ގާނޫނުއަސާސީން ދެކޭ ގޮތަކީ އެއީތޯ. މިހާރު މިވަނީ ދެއަހަރު، ދެއަހަރު ވީއިރު ސުޕްރީމް ކޯޓަށް ޑީޖޭއޭ އިން ސެކެޓްރީ ޖެނެރަލަކު ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފަކު އައްޔަން ނުކޮށްގެން މި ހުންނަނީ، ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މިތިބީ. މިތަން ހިންގަނީ މި. ދެން ކޮން ވާހަކައެއް ތި ދައްކަނީ. މީ ކޮން ކަމެއްތޯ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގެ ތެރެއިން---
"ރަނގަޅު، ދުވަހަށް ތިކަން ހިންގޭނަމަ ރަނގަޅު، ޑިޕާޓްމަންޓަށް މުވައްޒަފުން އައްޔަންކުރެވޭ ނަމަ ރަނގަޅު، ޖޭއެސްސީއަށް ޖުޑިޝަރީ ހިންގޭނަމަ ރަނގަޅު، އެކަމެއް ނުކުރެވޭ. މިތަނަށް މުވައްޒަފެއް ލެވެނީއެއް ނޫން، އަށެއްކަ ނުވަ މަސް އެދޭއިރުވެސް މިއުޅެނީ މިތަނަށް މުވައްޒަފަކު ނުލެވިގެން. ދެން މިތަނަށް އައިސް ތި ބުނަނީ ތިމަންނަމެންނޭ [ޖޭއެސްސީންނޭ] ހިންގަނީ."
ޖުޑިޝަރީ ހިންގުމުގެ ބާރު އޮތީ ޖޭއެސްސީގައި ކަމަށް އެ އިދާރާއިން ވަކާލާތު ކުރާއިރު އަދި ކޯޓުތަކުން އަމިއްލައަށް އެ ކޯޓެއްގެ އިދާރީ މުވައްޒަފުން އައްޔަން ކުރުމުގެ ބާރު ނެތް އިރު، ޖޭއެސްސީއަށް އެކަން ނުކުރެވޭ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނެތް އަޅުގަނޑުމެންގެ މުވައްޒަފަކު އައްޔަންކުރެވޭކަށް. މިތަން ހިންގޭކަށް. މިތާ ތިބި ހަތް ފަނޑިޔާރުން ނޫން މީހަކު މިތާކު ނެތް، އިދާރީ މުވައްޒަފުންނެއް މިތާކު ނެތް. ދެން ތި ވިދާޅުވަނީ ތިމަންނަމެންނޭ [ޖޭއެސްސީންނޭ] ޖުޑިޝަރީ ހިންގަނީ. ތިމަންނަމެންނޭ ހިންގާނީ. އެގޮތަށޭ ގާނޫނުއަސާސީ ދެކެނީ. ދެން ކިހިނެއް ހަދަންވީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ކޯފާވެ ވާހަކަދައްކަވައި ފަނޑިޔާރު ސުއޫދު ސުވާލުކުރެއްވީ ދެން ހަދަންވީ ގޮތަކީ އެހެން ކޯޓުތަކުގައި ތިބި އިދާރީ މުވައްޒަފުން ވެސް ކަނޑާލަންވީތޯ އެވެ. އެ ސުވާލާ ގުޅިގެން ޖޭއެސްސީން ބުނީ އެ މައުލޫގައި އިތުރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.