Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ފޮރިން މިނިސްޓްރީގެ ސިޔާސީ މީހުންގެ ތަފްސީލު 10 ދުވަސްތެރޭ ހާމަކުރަން އަންގައިފި

ފޮރިން މިނިސްޓްރީއަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތަފްސީލު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމެޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ރައީސް އޮފީހަށް އަންގައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން މިދިޔަ މާޗު މަހު އެދުނީ ރައީސަށް ލިބިދޭ ބާރުގެ ދަށުން ފޮރިން މިނިސްޓްރީއާއި އެމްބަސީތަކަށް އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންގެ ވަނަވަރު އަދި އެމީހުންގެ މުސާރައިގެ ތަފްސީލު ހޯދުމަށެވެ.
އެ މައުލޫމާތު ހޯދަން އެންމެ ފުރަތަމަ ދިޔަރެސް އިން އެދުނީ ފޮރިން މިނިސްޓްރީގައިި ނަމަވެސް މައުލޫމާތު ހާމަކުރެވޭނީ ރައީސް އޮފީހަށް ކަމަށް އެ މިނިސްޓްރީން އެންގި އެވެ.
އެހެންވެ، ރައީސް އޮފީހަށް ހުށަހަޅައިގެން އެ މައުލޫމާތު ނުދީ ލަސްވުމުން އައިކޮމްގައި އެ މައްސަލަ ތާވަލް ކުރި ފަހުން، ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ތަފްސީލު ކަމަށް ބުނެ ރައީސް އޮފީހުން ޝީޓެއް ފޮނުވި އެވެ.
އެކަމަކު އެ ޝީޓުގައި މިނިސްޓްރީއާއި އެމްބަސީތަކުގައި ސިޔާސީ މުވައްޒަފުން ތިބި އަދަދެއް، އެއްވެސް ސިޔާސީ މުވައްޒަފެއްގެ ވަނަވަރެއް ނެތެވެ. އެ ޝީޓުގައި މުސާރަ ހިމަނާފައި ހުރި ނަމަވެސް ހިމަނާފައި ހުރީ، އާންމު ގޮތެއްގައި ކެބިނެޓް މިނިސްޓަރަކަށް ނުވަތަ ސަފީރަކަށް ނުވަތަ މިނިސްޓަރުގެ ނައިބަށް ލިބޭ މުސާރައިގެ އަދަދެވެ. އޭގައި ވަކި މަގާމެއްގައި ހުރި މީހުންގެ ވަނަވަރާއި އެ މަގާމުގައި ކިތަށް މީހުން ތިބި ކަމާއި އެމީހުންގެ މުސާރަ ހާމަކޮށްފައެއް ނުވެ އެވެ.
އެ މައްސަލައިގައި މިދިޔަ ޖޫން މަހު އައިކޮމްގައި ބޭއްވި އަޑުއެހުމުގައި ރައީސް އޮފީހުން ބުނީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއްކުރެވުމުން މައުލޫމާތު ހާމަކުރާނެ ކަމަށެވެ. ނަމަވެސް އެކަމަށް ނަގާނެ ސީދާ ދުވަހެއް ނޭނގޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އޭގެ ގާތްގަނޑަކަށް ދެ މަސް ފަހުން މިއަދު އަނެއްކާވެސް އައިކޮމްގައި ބޭއްވި އަޑުއެހުމުގައި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އެއްކުރެވި، ހިއްސާކުރެވިފައިވޭތޯ ކޮމިޝަނާ އާހިދު ރަޝީދު ސުވާލުކުރެއްވުމުން ރައީސް އޮފީހުގެ އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ އަދި މައުލޫމާތު ފޯރުކޮށްދެވޭވަރު ނުވާ ކަމަށެވެ.
ކޮމިޝަނާ އާހިދު ވިދާޅުވީ މިހާރު އެކަށީގެންވާ މުއްދަތު އެކަމަށް ދެވިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް މަސައްކަތު 10 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރުމުން ރައީސް އޮފީހަށް އެންގި އެވެ.
މިދިޔަ ފެބްރުއަރީ މަހު ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ދިވެހި ދައުލަތުން ކުރަންޖެހުނު ހަރަދުތަކުގެ ތަފްސީލު ހޯދަން ވެސް މާޗު މަހު ދިޔަރެސް އިން ރައީސް އޮފީހުގައި އެދުނު ނަމަވެސް އެ މައުލޫމާތު ވެސް ހާމަކޮށްފައިނުވެ އެވެ. ރައީސް އޮފީހުން ބުނީ އެއީ ނުރަސްމީ ދަތުރަކަށް ވާތީ އެ އޮފީހުން އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް ރައީސްގެ ނުރަސްމީ ދަތުރުފުޅުތަކުގައި ވެސް ސެކިއުރިޓީއަށާއި ޕްރޮޓޮކޯލް އަށް ދައުލަތުން ހަރަދުކުރާނެ އެވެ.
މިއަދު އޮއިކޮމް އިން ބޭއްވި އަޑުއެހުމުގައި އެ މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފް އިން ކަމުން ރައީސް އޮފީހުގައި އެކަމަށް ހަރަދުވީ ވަރުގެ މައުލޫމާތު ނެތް ކަމަށެވެ.
އެކަމަކު އެ މައުލޫމާތު ރައީސް އޮފީހުގައި ނެތް ނަމަ މައުލޫމާތު ހުރި އިދާރާއަކަށް އެ މައްސަލަ ލަސްނުކޮށް ފޮނުވަންޖެހޭނެ ކަމަށް ކޮމިޝަނަރު އާހިދު ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހުރި އިދާރާތަކަށް މައްސަލަ ފޮނުވުމަށް ރައީސް އޮފީހަށް އެންގި އެވެ.
މި ލިއުމާއި ގުޅޭ