ރާއްޖޭގެ ޓްރެވެލް އެޖެންޓުންގެ އެންމެ ބޮޑު ޖަމްޢިއްޔާކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކޮށް، ޓްރެވެލް އެޖެންޓުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވަން ފަށައިފިއެވެ.
މަޓާޓޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވަކި އަތަކަށް ނުޖެހި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ ބައްދަލުކޮށް މަޝްވަރާކުރަން އެ ޖަމްޢިއްޔާއިން ފަށާފައިވާ ކަމަށެވެ.
އެ ޖަމްޢިއްޔާގެ މެންބަރު އެޖެންސީތަކާއި މަޝްވަރާކުރުމުގެ އިތުރަށް، ހެދި ސާވޭއެއް މެދުވެރިކޮށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި، އެންމެ ކުދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތައް އެ ޖަމްއިއްޔާއިން ދެނެގަނެފައިވާކަމަށްވެސް މަޓާޓޯއިން ބުންޏެވެ.
އިތުރަށް މަޓާޓޯއިން ބުނީ އެ ޖަމްއިއްޔާއިން މިހާތަނަށް ދެ ކެންޑިޑޭޓަކާ ބައްދަލުކޮށް ވަރަށް ފައިދާހުރި އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.
އެގޮތުން އެ ޖަމްއިއްޔާއިން މިހާތަނަށް ބައްދަލުކުރީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއެވެ.
އަދި ކުރިއަށް އޮތް ހަފުތާތަކުގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނާއެކުވެސް މިފަދަ ބައްދަލުވުންތައް ބާއްވާނެކަމަށް މަޓާޓޯއިން ބުނެއެވެ.