ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާ ވަޑައިގެންފިއެވެ.
ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ ރަޝިޔާ އާއި ބެލަރޫސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މޮސްކޯއިން ޔޫކްރެއިންއަށް އަރައިގަތުމާ ގުޅިގެން ދެ ބައިވެރިން އެކަހެރިކުރުމަށް ހުޅަނގުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ޗައިނާގެ ފުރިހަމަ ތާއީދު އެ ދެ ޤައުމަށް އޮތްކަން ހާމަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ކާނަލް ވޫ ކިއާންއާ ހަވާލާދީ ޗައިނާގެ ދިފާއީ ވުޒާރާއިން ބުނީ، ހަ ދުވަހުގެ މި ދަތުރުފުޅުގައި ލީ ފުރާވަޑައިގެންނެވީ މޮސްކޯ ކޮންފަރެންސް އޮން އިންޓަނޭޝަނަލް ސެކިއުރިޓީގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ރަޝިއާ އާއި އެހެނިހެން ގައުމުތަކުގެ ދިފާއީ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ކަމަށެވެ.
ރަޝިއާގެ ރަސްމީ ނޫސް އޭޖެންސީން ބުނީ މި ކޮންފަރެންސްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ "ހުޅަނގުގެ މެކޭނިޒަމްތަކުގެ ބޭރުން ތަރައްގީކުރެވޭނެ ގޮތްތައް ހޯދުމުގެ އިތުރުން އާ ބާވަތެއްގެ މަލްޓިލޭޓަރަލް އެސޯސިއޭޝަންތައް ހަރުދަނާކުރުން" މި މައުޟޫއަށް ކަމަށެވެ.
އެގޮތުން ގާތްގަނޑަކަށް 100 ގައުމަކާއި ބައިނަލްއަގުވާމީ އަށް ޖަމިއްޔާއެއްގެ މަންދޫބުންނަށް ދައުވަތު ދީފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ ޓާސް އިން ބުނީ، "މަލްޓިޕޯލާ ވޯލްޑް އޯޑަރެއް ގާއިމުކުރުމުގެ ހާލަތުގައި ސަލާމަތީ ކަންކަމާ ބެހޭ ގޮތުންނާއި، ޔޫރޯ އެޓްލާންޓިކް އެލީޓުން ދުނިޔޭގެ ބާރުވެރިކަމަށް ނުފޫޒުފޯރުވުމަށް ކުރާ މަސައްކަތްތަކާއި ގުޅިގެން ބިނާކުރަނިވި ބައިނަލްއަގުވާމީ އެއްބާރުލުން އަލުން އިއާދަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ" ކަމަށެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ ޗައިނާ އާއި ރަޝިޔާގެ ލީޑަރުން "އެކި ކަންކަމުގައި އެކި ގޮތްގޮތުން ސްޓްރެޓެޖިކް ކޮމިއުނިކޭޝަން ތައް ބަލަހައްޓަމުން ގެންދަވާ" ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި، ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް ގުޅިގެން ވަރަށް މަތީ ފަންތީގެ ހިޔާލު ބަދަލުކުރެވުނު،" ވަންގް ވިދާޅުވި އެވެ.
އަދި ކުރިއަށްއޮތް ތާންގައި ވެސް ޗައިނާ-ރަޝިއާ ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓަކަށް އިޝާރާތް ކުރައްވައި، ވިދާޅުވި ވާހަކަފުޅެއްކަން ރިޕޯޓްތައް ބުނެއެވެ. އެ ދެ ބޭފުޅުންވަނީ "ނޯ ލިމިޓް ރަހުމަތްތެރިކަމެއް" އޭރު އިއުލާނު ކުރައްވާފައެވެ.
ޝީ ވަނީ މިދިޔަ މާޗް މަހު މޮސްކޯއަށް ވަޑައިގެން، ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މޮސްކޯ އެކަހެރި ކުރުމަށް ހުޅަނގުގެ ލީޑަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މަދުވެފައިވާ ކަމުގެ މެސެޖެއް ދެއްވާފައެވެ.