އިސްލާމް ދީނާ ދެކޮޅު އެކްޓިވިސްޓުން ގުރުއާން އެންދުމުގެ ހާދިސާތަކާއި ގުޅިގެން ސްވިޑަންއަށް ދަތުރުކުރާ ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުން ދީފި އެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން އަޕްޑޭޓްކޮށްފައިވާ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ސްވިޑެންގެ ކަމާބެހޭ ފަރާތްތަކުން ރޭވިފައިވާ ބައެއް ހަމަލާތަކަށް ކާމިޔާބުކަމާއެކު ހުރަސް އަޅައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިދަނޑިވަޅުގައި ސްވިޑެން ދަތުރުކުރާ އެހެން ޤައުމުތަކުގެ ރައްޔިތުން ސަމާލުވާންޖެހޭ ކަމަށާއި، ޓެރަރިސްޓުން ސްވިޑަންގައި ހަމަލާ ދޭން މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ބޭރުގެ މީހުން ޒިޔާރަތްކުރާ ތަންތަނަށް އެފަދަ ހަމަލާއެއް އަމާޒުވެދާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤަވާއިދުގެ ދަށުން ކަމަށް ބުނެ ޤުރުއާން އެންދުމުގެ ހުއްދަ ސްވިޑެން ސަރުކާރުން ދީފައިވީ ނަމަވެސް މުސްލިމުން ދެކެނީ ކީރިތި ޤުރުއާން އެންދުމަކީ ދީނަށް ފުރައްސާރަކުރުމުގެ ގޮތުގައެވެ.
މުސްލިމުންނާއި، މުސްލިމު މެޖޯރިޓީ އޮންނަ ޤައުމުތަކުގެ އިތުރުން ސްވިޑަންގެ ސަރުކާރުން ވެސް ވަނީ ޤުރުއާން އެންދުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރާ ކަމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ އިތުރުން، އެމެރިކާ ސަރުކާރުންވެސް ވަނީ ސްވިޑްންއަށް ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.