Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިލަމާލެ ބްރިޖު

ފޮޓޯއިން ވާހަކަ: ޖުލައި މަހު ނިންމަން ބުނި ބުރިޖަށް ވަނީ ކިހިނެއް؟!

ބުރިޖު އެޅުމަށް ޖަހާފައިވާ ޝީޓު ޕައިލެއް ބަނޑިވެފައި، ފޮޓޯ: ދިޔަރެސް

މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ބުރިޖުގެ މަސައްކަތަކީ މި ސަރުކާރުން ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢެވެ. އެ މަޝްރޫޢު ފެށީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެންނެވެ. އިތުރަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ލިބޭ ގޮތަށެވެ. މަސައްކަތް ފެށިފަހުން މަސައްކަތް ނުކުރެވި ލަސްވާން ފެށުމުން އަނެއްކާވެސް އިތުރު 200 މިލިއަން ޑޮލަރުގެ ލޯނު ނުވަތަ ލައިން އޮފް ކްރެޑިޓު އެގްޒިމް ބޭންކުން ނަގާފައިވެއެވެ.

މި މަޝްރޫޢު ފެށުމަށް ސަރުކާރުން ތަފާތު އެކި މުހުލަތުތައް ދެމުން އައިސް މަޝްރޫޢު ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2021 ވަނަ އަހަރުގެ 26 އޯގަސްޓުގައެވެ. އަމަލީ މަސައްކަތް ފެށުނީ ނިމުނު 2022 ވަނަ އަހަރުގައެވެ. ނަމަވެސް ޕްރޮޖެކްޓުގެ މަސައްކަތް ހިނގަމުންދާ ގޮތް ލަސްކަން ފާހަގަކޮށް އާންމުންގެ ފާޑުކިޔުން ސަރުކާރަށާއި މަޝްރޫޢު ހިންގާ އިންޑިއާގެ އެފްކޯންސްއަށް އައީ އަމާޒުވަމުންނެވެ. ސަރުކާރާއި އެ ކުންފުނިން ޔަގީންކަން ދެމުން އައީ ކަނޑައެޅިފައިވާ ގޮތަށް އެ މަޝްރޫޢުގެ މަސައްކަތް ތާވަލުގައި ނިމިފައި ހުރި ތާރީޚުތަކަށް ނިންމަމުންދާނެ ކަމަށެވެ.

2021 ވަނަ އަހަރުގައި އެކުލަވައިލި ބުރިޖުގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުން މި މަޝްރޫޢަކީ 36 މަސްދުވަހުން އެކީގައި ނިންމަންޖެހޭ މަޝްރޫޢެކެވެ. މި އެއްބަސްވުމުގައި ސޮއިކުރިއިރު ބުރިޖުގެ ތަފުސީލީ އިންޖިނިއަރިންގެ ކުރެހުންތައް ކުރަހައި ނިންމާފައިނުވާކަން ހާމަކުރީ އެއިރުގެ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒެވެ.

މިފަދައިން ސަރުކާރާއި އެފްކޯންސްއިން ބުނަމުން އައިސް، މަޝްރޫޢު އެކީގައި ކަނޑައެޅި ތާރީޚަށް ނުނިމޭނެކަން އެންމެ ފުރަތަމަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހާމަކުރެއްވީ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި އަހަރުގެ އޯގަސްޓު މަހުގެ ކުރިން ބުރިޖުގެ ފުރަތަމަ ބައިކަމަށްވާ މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް ނިންމައި އެބައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.

އޭގެ ފަހުން އިންޑިއާއިން ދިވެހި ބައެއް ނޫސްވެރިން އިންޑިއާއަށް ގެންދިޔަ ދަތުރެއްގައި އެފްކޯންސް ކުންފުނީގެ މައި އޮފީހަށް ނޫސްވެރިން ޒިޔާރަތްކުރުމުން، އެ ކުންފުނިން މައުލޫމާތުދެމުން ބުނެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ޕްރޮޖެކްޓުގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމައިލެވި ބޭނުންކުރެވޭ ވަރުވާނެ ކަމަށެވެ.

ބުރިޖުގެ މަސައްކަތް ހިނގާ ސަރަހައްދަށް ގޮސް "ދިޔަރެސް"އިން ބެލި ބެލުމަށް ބަލާއިރު، މިހާތަނަށް ޕައިލްތައް ޖަހާފައިވަނީ މާލެ ކައިރިން ތިލަ ތަނުގައެވެ. އެއަށްވުރެ ދުރުން ކަނޑުގެ ސަރަހައްދުގައި އަދި އެއްވެސް ޕައިލެއް ޖަހާފައި ނެތެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައިވެސް ވިލިމާލެއާއި މާލެ ބުރިޖުން ގުޅުވައިލެވިދާނެ ކަމުގައި ނުބެލެވެއެވެ. އަދި އެމަސައްކަތްކުރަން ބޭނުންވާ ވަގުތީ ޕްލެޓުފޯމުތައްވެސް އެ ސަރަހައްދުގައި މިހާތަނަށް އަތުރައިލެވިފައިނުވެއެވެ.

ބުރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ހިކިފަސްތަނުން ދުރުގައި ފެށިފައިނުވާއިރު، ބުރިޖުގެ މަސައްކަތްކުރާ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންގެ މަދުކަމާއި މަސައްކަތްކުރާ ގޮތުގެ ލަސްކަން އެ ސަރަހައްދުގައި މަޑޫކޮށް މަސައްކަތް ހިނގާ ގޮތް ބަލައިލާ އެންމެނަށްވެސް ފާހަަގަވެއެވެ. ޚާއްޞަކޮށް ބުރިޖެއްގެ މަސައްކަތް ކުރާ ގޮތާއި ވައްޓަފާޅި މީގެ ކުރިން ހުޅުމާލެއާއި މާލެ އަދި ހުޅުލެ ގުޅުވައިލުމުގެ މަސައްކަތުގެ ތެރެއިން ދިވެހިންނަށް ފެނިފައިހުރުމުން މަސައްކަތްކުރާ ގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އެފްކޯންސް އަދި ސަރުކާރަށް އަމާޒުވަމުންނެވެ.

އިތުރު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ މާލެ ސަރަހައްދުގައި މިހާރު ބުރިޖުގެ ތަނބުޖަހައި ބުރިޖުގެ ބައިތައް އަޅަމުން އަންނައިރު އެ މަސައްކަތްކުރާ ވައްޓަފާޅީގެ ތަފާތުކަމެވެ. އެ މަސައްކަތްކުރާ މީހުން ކޮންކުރީޓު އެޅުމަށާއި އުފުލުމަށް ދަނގަނޑު ދޮލަނގުތައް ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

ވިލިމާލެ ބުރިޖުގެ އެންމެ މުހިއްމު ބޭނުމަކީ މާލޭގެ ބައިނަލްއަޤުވާމީ ބަނދަރު ޖާގަ ތަނަވަސް ބަނދަރަކަށް ބަދަލުކުރުންކަމުގައިވާއިރު، މިހާތަނަށް ގުޅިފަޅުގައި ބަނދަރު ޤާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާތީ ބުރިޖު ނިމުނު ނަމަވެސް ބުރިޖަށް ޚަރަދުކުރާ 700 މިލިއަން ޑޮލަރު ނުވަތަ 10.7 ބިލިއަން ރުފިޔާ އަނބުރާ އެ މަޝްރޫޢުގެ ތެރެއިން އިޤުތިޞާދަށް ނެރެވޭނެ މުއްދަތާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ހުޅުމާލެ ބުރިޖު ފީސަބަލް މަޝްރޫޢަކަށް ބަދަލުވީ އެ މަޝްރޫޢުގެ މަސައްކަތާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި، އެތަނުގެ މަގުތައް ހަދައި އިމާރާތްތައްކޮށް އާބާދީއެއް އާބާދުކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށުމާއެކުއެވެ.

މި ސަރުކާރުން ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢަކީ ބުރިޖުކަމަށްވާއިރު މާލެ ކައިރިން ތިލަ ތަނުގައި ޖަހާފައިވާ ޝީޓް ޕައިލުގެ އިތުރަށް އެއްވެސް މަސައްކަތެއް ނުކުރެވި މަޝްރޫޢު ދިގުލައިގެން ގޮސްފައިވީ ނަމަވެސް މި މަޝްރޫޢު ހިންގުމަށް އެކަށައަޅާފައިވާ ތާވަލަކީ އެ މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން ސިއްރުކުރެވިފައިވާ ކަމެއް ކަމުގައި ސަރުކާރުން ބުނެފައިވެއެވެ. އެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން އިންކާރުކޮށްފައިވެއެވެ.

ބުރިޖުގެ މަޝްރޫޢެކޭ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫޢުތައް ހުރީ ފެށިފައި ނިމޭނެ ދުވަހެއް ތާރީޚެއް ނޭނގި ހުއްޓުން އަރާފައެވެ. އެ މަޝްރޫޢުތައް ހިނގަނީ ވަރަށް ލަސްލަހުން މަޑުމަޑުންނެވެ. އެއާއެކު މަޝްރޫޢުތައް އަވަސްކުރުމުގެ ނަމުގައި އިންޑިއާގެ އެގްޒިމް ބޭންކުން އެކި އަދަދުތަކުގެ ލޯނު ސަރުކާރުން އަންނަނީ ނަގަމުންނެވެ. އެގްޒިމް ބޭންކުގެ ލޯނުތަކުގެ އެހީގައި ފަށަން ބުނި ގިނަ މަޝްރޫޢުތައް ނުފެށި މަޑުޖެހިފައިވެއެވެ. އޭގެ ތެރޭގައި މާލޭ ފުޓުބޯޅަ ސްޓޭޑިއަމުގެ މަސައްކަތާއި ލ.ގަމު ކެންސަރު ހޮސްޕިޓާ ފަދަ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ.

ގިނަ ބަޔަކު މިހާރު ޤަބޫލުކުރާ ގޮތުގައި ސަރުކާރުން ފެށި އެންމެ އަގުބޮޑު އަދި އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުކަމަށްވާ ބުރިޖުގެ މަޝްރޫޢަކީ މި ސަރުކާރުގެ ދުވެއްޔާއި މަސައްކަތްކުރާ ވައްޓަފާޅީގެ ރަމްޒެކެވެ. ލަސްކަމާއި ފަރުވާކުޑަކަމާއި ދިގުލައިގެން ގޮސް ކަންކަން ނުނިމި ޚަރަދު ބޮޑުވުމުގެ މިސާލެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ