ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސްއިން ތައްޔާރުކޮށްފައިވާ މެނިފެސްޓޯ އެކީގައި މި މަހުގެ 15 ވަނަ ދުވަހު އިއުލާނުކުރާނެކަމަށް ދަ ޑިމޮކްރެޓްސްގެ ކެމްޕޭންގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިފަދައިން ވިދާޅުވީ މިއަދު އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓްސްއިން މިހާރުވެސް މެނިފެސްޓޯގެ އެކި ބައިބައި ލޯންޗް ކޮއްފައިވާ ކަމަށާއި ނަމަވެސް މުޅި މެނިފެސްޓޯ އެކީގައި އަދި ހާމަކުރާނެކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވިގޮތުގައި މުޅި މެނިފެސްޓޯ އެކީގައި އިއުލާނުކުރަން ހަމަޖެހިފައި ވަނީ މި މަހު 15 ވަނަ ދުވަހުއެވެ.
އެކަން ހާމަކުރައްވާ އިންތި ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. އަދި ހދ. އަތޮޅައް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ޑިމޮކްރެޓްސްގެ ރަނިންމޭޓް ހުސެން އަމްރު ބ. އަތޮޅައް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓްސްއަށް އޮތް ސަޕޯޓާއި ރައްޔިތުންގެ ލޯބި ފެނިފައި އިންތިހާބު ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް ކަމަށާއި އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމަށެވެ.