ޓްރާންސްޕޯޓު މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ދެ ލިޔުންކަމަށްވާ ސީޑީސީ އަދި ސީފެއަރާރސް އައިޑެންޓިޓީ ޑޮކިއުމެންޓް ނުވަތަ އެސް.އައި.ޑީ ސީމަނުންނަށް ނުލިބުމުގެ ސަބަބުން ދިވެހި ސީމަނުންނަށް އެމީހުންގެ ވަޒީފާތައް ގެއްލި އާމްދަނީ ލިބޭނެ މަގުތައް ބަންދުވާން ފަށައިފިއެވެ.
2015 ވަނަ އަހަރު ދިވެހިރާއްޖެއިން ިންޓަރނޭޝަނަލް މެރިޓައިމް ލޭބަރ ކޮންވެންޝަންގައި ސޮއިކޮށް އެ މުއާހަދާގައި ބައިވެރިވުމާއެކު، އެސްއައިޑީއާއި ސީޑީސީއަކީ އެ މުއާހަދާގެ ދަށުން އެ މިނިސްޓްރީން ސީމަނުންނަށް ދޫކުރަންޖެހޭ ދެ ލިޔުމެވެ. މި ލިޔުންތައް ނެތި މިހާރު އެއްވެސް ސީމަނަކަށް ބޯޓުފަހަރުގައި މަސައްކަތްނުކުރެވެއެވެ.
މިކަމާ ގުޅިގެން "ދިޔަރެސް"އާ ވާހަކަދެއްކި ސީމަނުން ބުނި ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް އެމީހުން މަސައްކަތްކުރާތާ އެތައް މަހެއް ވެއްޖެއެވެ. ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއެއްގެ ވެރިންނާ ބައްދަލުކޮށް މި މައްސަލައަށް އަވަސް ހައްލެއް ލިބޭތޯ އާދޭސްކުރި ނަމަވެސް މިހާތަނަށް މި މައްސަލައަށް ފަހި ހައްލެއް އެއްވެސް އިދާރާއަކުން ހޯދައިދީފައިނުވާކަމަށް އެމީހުން ބުންޏެވެ.
މީގެ މަސްތަކެއްކުރިން މި މައްސަލަ ފެންމަތިކޮށް ސީމަނުން ނޫސްތަކަށް ވާހަކަދައްކަން ފެށުމުން، މަހެއްހައި ދުވަސް ތެރޭގައި އެ މައްސަލަ ހައްލުކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ނަމަވެސް އެފަހުން ދެމަހެއްހައި ދުވަސް ފާއިތުވިއިރު އަދިވެސް އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށް އެމީހުން ބުނެއެވެ.
ޖޫން މަހުގެ ތެރޭގައި އެސްއައިޑީ ހަދަން ބޭނުންވާ ސީމަނުންގެ އެޕްލިކޭޝަންތައް ޓްރާންސްޕޯޓު މިނިސްޓްރީން ނެގި ނަމަވެސް އޭގެ ފަހުން އެކަމުގައި އެއްވެސް ޚަބަރެއްނުވާކަމަށް މިނޫހަށް މައުލޫމާތު ދިން ސީމަނެއް ބުންޏެވެ. "އެފަހުން ޚަބަރެއްނުވޭ. އަހަރުމެން މިތިބީ އެ ލިޔުން ލިބޭނެކަމަށް ބަލައިގެން. ދެން ނުލިބުނީމައި އަނެއްކާވެސް މިނިސްޓްރީއަށް ދިޔައީ،" އޭނާ ބުންޏެވެ.
މިނިސްޓްރީއަށް ސީމަނުން މައުލޫމާތު ހޯދުމަށް ދިއުމުން އެމިނިސްޓްރީން ބުނެފައިވަނީ އެ އައިޑީ ޕްރިންޓުކުރުމުގެ މަސައްކަތް މިހާރު އިމިގުރޭޝަނާ ހަވާލުކޮށްފައިވާކަމަށާއި، ނަމަވެސް އެކަމުގައި އިމިގުރޭޝަނުން މިނިސްޓްރީއަށް ފަހުން ޖަވާބެއްވެސް ނުލިބޭކަމަށް އެ ވުޒާރާއިން ބުނެފައިވާކަމަށް އެމީހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދިން ބޭރު ކުންފުންޏެއްގެ ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރާ ސީމަނެއް ބުނީ، ދިވެހި ސީމަނުންގެ ވަޒީފާތައް ގެއްލި ވަރަށް ހާލުގައި ދިރިއުޅެންޖެހިފައިވާއިރު، ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާގެ ބޮލުގައި މިކަން ހައްލުނުވެ އޮތުމުގެ އިލްޒާމު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ސީމަނުން ބުނި ގޮތުގައި އިމިގުރޭޝަނުން އެ މަސައްކަތްކުރާކަމަށް މައުލޫމާތު ލިބުމުން އެތަނުން ޖަވާބެއް ހޯދުމަށް ވަރަށް މަސައްކަތްކުރި ނަމަވެސް އެ އިދާރާއިން އެއްވެސް މައުލޫމާތެއް ނުލިބޭކަމަށެވެ. އަދި އެކަން އެ އިދާރާގެ ބެލެނިވެރި ވުޒާރާކަމަށްވާ ޑިފެންސް މިނިސްޓްރީގެ ވަޒީރު މާރިޔާ އަޙްމަދު ދީދީގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ.
"ސުވާލަކީ، އެސް.އަ.ޑީ އަކީ ރާއްޖެއިން ބޭރުން ހަދަން ޖެހޭ ޑޮކިއުމެޏްޓެއް ނަމަ ޓްރާންސްޕޯޓް މިނިސްޓްރީން މިކަމުގައި އިސްނަގައި އިމިގްރޭޝަނަށް ފޮނުވުމުގެ ބަދަލުގައި އެ މިނިސްޓްރީން މިކަން ނުކުރެވެނީ ކީއްވެތޯ،" ދިޔަރެސްއާ ވާހަކަދެއްކި ސީމަނެއް ބުންޏެވެ.
މިހާރު މިލިޔުން ނެތި ސީމަނުންނަށް ދަތުރުނުކުރެވޭތީ ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އެ ޤައުމުތަކުގެ ސީމަނުންނަށް މިލިޔުން ފޯރުކޮށްދެމުންދާއިރު، ލިޔުން ޕްރިންޓުނުކުރެވިގެންކަމަށް ބުނެ ދިވެހި ސީމަނުންނަށް މިލިޔުން ނުލިބި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ސީމަނުން ބުނެއެވެ.
ދިވެހި 300 އެއްހައި ސީމަނުން ތިބިއިރު އެއިން އެއްވެސް މީހަކަށް މިލިޔުން ނުލިބި މަސައްކަތްނުކުރެވި ވަޒީފާތައް ގެއްލެމުންދާއިރު، އެކަމުގައި ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ ޖަވާބެއް ނުލިބުމަކީވެސް ބޮޑު ކަންބޮޑުވުމެއް ކަމުގައި އެމީހުން ފާހަގަކުރެއެވެ.
"އަމިއްލައަށް މިކަން ނުވަންޏާ، ޓްރާންސްޕޯޓް މިނިސްޓްރީން އަވަށްޓެރި ގައުމެއްގެ މެރިޓައިމް އެޑްމިނިސްޓްރޭޝަނެއްގެ އެހީތެރިކަން ނުވަތަ އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) ގެ އެހީތެރިކަން ނަމަވެސް ހޯދަން ވެއްޖެ ނޫންތޯ؟،" މި ނޫހަށް މައުލޫމާތުދިން ސީމަނަކު ސުވާލުކުރިއެވެ.