Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ޚިޔާލު: ހޯހޯއެވެ. ރައީސް ޔާމީނޭ ނުކިޔާށެވެ!

ރައީސް ޔާމީނަކީ މިވަގުތު އެކަކަށް މިރާއްޖޭގައި އެންމެ ގިނަ ރައްޔިތުންގެ ތާޢީދާއި ލޯބި އޮތް ހަމައެކަނި ބޭފުޅާއެވެ. އެތައް ސަބަބަކާހުރެއެވެ. ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގަތީވެސް ހަޤީޤަތުގައި ރައްޔިތުންގެ ތާޢީދެއް ނެތިގެނެއްނޫނެވެ. ބޭރުޤައުމެއްގެ ނުފޫޒާއި ކަޅުފައިސާއިން ރިޝްވަތުގެ ހުތުރު ފައިސާއިން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވަގަށް ނަގާފައިވާކަމީ އެންމެން މިއަދު ދަންނަ ބޮޑު ސިއްރެކެވެ. އެވަރުންވެސް އިންތިޚާބު ވަގަށްނެގި މީހުންވެސް ހާމަކޮށްފައިވަނީ 90 ހާހަށްވުރެ ގިނަ މީހުންގެ ވޯޓު ރައީސް ޔާމީނަށް ގިނިކަންޏާ ލިބިވަޑައިގެންނެވިކަމަށެވެ.

ކޮންމެއަކަސް އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށްފަހުވެސް ސިޔާސީ މައިދާނުގައި އެމަނިކުފާނު އެންމެ ދުވަހަކުވެސް ހުންނަވައިފިނަމަ، ސަރުކާރު ސިޔާސީގޮތުން ބަލިކަށިވަމުންގޮސް ދައުރު ހަމަވަންދެންވެސް އޮވެދާނެކަމުގެ ޔަޤީންކަން ސަރުކާރަށް ކުޑަވިއެވެ. ނަތީޖާއެއްްގެގޮތުން ޝަރުޢީނިޒާމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ފޯރުވައި ހަރާންހުކުމެއްކޮށް ރައީސް ޔާމީން "ރަހީނު"ކުރިއެވެ.

އެކަމަށްޓަކައި ރައީސް އިބްރާހީމްގެ މިތުރު މަޖިލިސް ރައީސް ނަޝީދައި، ކޯލިޝަންގެ ލިޑަރުންކަމަށްވާ، ޤާސިމް އިބްރާހީމާއި، ޢަދާލަތުޕާޓީގެ ރައީސް އިމްރާނުގެ ފުރިހަމަ ބައިވެރިވުމާއި ރޭވުން އޮތެވެ. ސަރުކާރަށް ކޮންޓްރޯލްކުރެވޭ ސިޔާސީ މީހުން ކޯޓުތަކުގެ ފަނޑިޔަރުންގެގޮތުގައި ޢައްޔަންކުރިއެވެ. ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓެއްގެގޮތުގައި ސިޔާސީ މަސައްކަތްކުރަން ހުރިމީހަކު އަދި އަމުދުން ސީދާ ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމަކަށް ޢައްޔަންކޮށްފައިހުރި މީހަކު އަނެއްދުވަހު އިރުއަރާއިރު ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ހެދީ މިރާއްޖެނޫން ދުނިޔޭގެ ކޮން ޤައުމެއްގައި ހެއްޔެވެ؟ ރައީސް ޔާމީން ނިޒާމުން ގެއްލުވާލުމަށް ސަރުކާރުން އެތިބީ އެކަންވެސް ކޮށްގެންނެވެ.

އެމަނިކުފާނު ސިޔާސީ މަސްރަޙުން އެކަހެރިކޮށްގެން ވެރިކަމުގެ ދައުރެއް ނިންމާލަނީއެވެ. ސީދާ ޖަލުގެ އަނިޔާވެރިކަމުގައި އެތައް އަސާސީ ޙައްޤަކުން އެމަނިކުފާނު މަޙުރޫމްކޮށްފައި އޮންނަތާ 1000 ދުވަހަށްވުރެ ގިނަވީއެވެ.
ރައީސް އިބްރާހީމްގެ ވެރިކަމުގެ ދަރުގެ 5 އަހަރު ނިމިގެންދާއިރު، ރައީސް ޔާމީންގެ ސަބޯޓަރުން ގެއަކަށް ނުވަދެއެވެ. ކޮންމެ ދުވަހަކު ކޮންމެ ރެއަކު މަގުމަތީގައި ކެނޑިނޭޅި އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި މުޒާހަރާކުރަނީއެވެ. ރައީސް އިބްރާހީމް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާއެވެ. ސައިހޮޓަލަކަށް ވަނަސް ޔާމީންގެ ނަންފުޅުގެ އަޑެވެ. މަގުމަތިންވެސް އެއަޑެވެ. ސިޔާސީ ކޮންމެ ޕޯޑިއަމަކުންވެސް އެއަޑެވެ. ހަމަކޮންމެ ޕޯޑިއަމަކުންނެވެ. ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގެން މިވީ 5 އަހަރުދުވަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޕޯޑިއަމުން ޚުދު ރައީސް އިބްރާހީމް އަމިއްލަފުޅަށްވެސް އެންމެ ގިނައިން ވިދާޅުވި އެއް ނަންފުޅަކީ ޔާމީނެވެ.
ކުރިއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓެއްގެ މިހާރުގެ ވައުދުތައްވެސް އެންމެފަހުންގޮސް މިގުޅެނީ ޔާމީނާއެވެ. ރައީސް ސާލިހުގެ ޕޯޑިއަމުން ކެނޑިނޭޅި ޔާމީންގެ ނަން އިވެއެވެ. އިބްރާހީމްގެ ކޮންމެ ކެމްޕެއިން އިވެންޓަކުން ޔާމީންގެ ނަން އިވެއެވެ.
އިބްރާހީމްގެ މިތުރު ނަޝިދު، ވަކި ޕާޓީއެއް ހައްދަވައިގެން ކެންޑިޑޭޓަކު ނެރެގެން ކެމްޕެއިން ކުރައްވާއިރު، އެހީއަށް އެދެނީ ޔާމީންގެ ސަޕޯޓަރުންގެ ކިބައިންނެވެ. އެންމެބޮޑު ވަޢުދަކަށް މިހާރުވެފައިވަނީ ރައީސް ޔާމީން މިނިވަންކުރުމެވެ. ރައީސް ޔާމީން މިނިވަންކުރަން މަގުމައްޗަށް ނުކުމެ މުޒާހަރާވެސް ކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. އެކަމަށް ޕޯޑިއަމްގައި އަޑުއުފުލައިވެސްފިއެވެ.
ޤާސިމް އިބްރާހީމްގެ ވަޢުދަކަށްވެސް އެކަންވެއްޖެއެވެ. އޭނާގެ ރަނިންމޭޓު އަމީން އިބްރާހީމް ވިދާޅުވީ ޤާސިމްގެ ވެރިކަމެއްގައި ރައީސްޔާމީނަށް އިންސާފު ހޯދައިދީ މިނިވަންކޮށް ޙިމަޔަތްކޮށްދޭނެކަމަށެވެ.
ދެންހުރީ ކާނަލް ނާޒިމެވެ. މިއަދު ރައީސް ޔާމީނަށް އިންސާފު ލިބެންޖެހޭ ވާހަކަ ކެމްޕެއިނުގައި އެބަ ވިދާޅުވެއެވެ. ބޭރުގެ ސިފައިން މިތަނުގައި ތިބެންނުޖެހޭވާހަކަވެސް ފާޑަކަށް ވިދާޅުވެއެވެ.

އަޖައިބެއް ނުވާނެހެއްޔެވެ. ވެރިކަމުގެ ދައުރެއް ނިމެންދާއިރު މިމީހުންނަށް ކުރެވުނު ހަމައެކަނި ކަމަކީ ރައީސް ޔާމީނަށް އަނިޔާދީ ހުރަގޭގައި ހައްޔަރުކުރުމެވެ. އިހަށްދުވަހާހަމައަށް ތިޔަ ނަޝީދައި ޤާސިމާއި ނާޒިމަކީވެސް މިސަރުކާރު ނެގެހެއްޓި މީހުންނެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު އަވަށްޓެރި ޤައުމަށް ދެތިން ކުކުޅުބިހާއި ފިޔާ ބަސްތާއަކަށް ވިއްކާލިއިރު މިމީހުން ތިބީ އަތްޖަހާށެވެ. މިއަދު ޤާސިމުމެން އުތުރުލިލަފަޅޭ އިންޑިއާ ސިފައިންނޭ ފޯޅަވަހި ކަނޑޭ ރައީސް ޔާމީނޭ ވިދާޅުވާން ލަދުގަންނަންޖެހޭނެއެވެ. މިއީ މިއަދު ކުއްލިއަކަށް ވީކަމެއް ނޫނެވެ. ރައީސް އިބްރާހީމްގެ ވެރިކަމުގެ ފުރަތަމަ ދުވަހުންފެށިގެން ހިނގަމުންއަންނަ ޖަރީމާތަކެވެ. އޭރު ރައީސް ޔާމީނާއި ޕީޕީއެމްއިން މިކަންކަމާދެކޮޅަށް ތެދުވީމާ، ރައީސްޔަމީނަށް އަނިޔާދީ ޖަލަށްލައި ނިޒާމުން ގެއްލުވާލީ މިއެންމެން ގުޅިގެންނެވެ.

ޢުމަރު ނަސީރަށްވެސް ރައީސް ޔާމީންނަށް ލިބެމުންއެދަނީ ހައްދެއްނެތް އަނިޔާކަން އެނގިވަޑައިގަތީ މިއަދުއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ބިޔަ ލަޝްކަރުގެ އެހީއާނުލައި ހަމަ އެކަކަށްވެސް ކާމިޔާބެއް ނެތްކަން ޔަޤީންވީމައެވެ.

މާފުކުރައްވާށެވެ. ޕީޕީއެމް/ޕީއެންސީގެ ޢާންމުމެންބަރުންނަށް ތިޔަވަގޮތް ވަރަށް ސާފެވެ. ކަލޭމެންނަށް ކަލޭމެންގެ ރައީސް އިބުރާހީމެވެ. އަހަރެމެންނަށް އަހަރެމެންގެ ރައީސް ޔާމީނެވެ. މިއަދު ރައީސް ޔާމީން އޮންނެވީ ޖަލުގައެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ ޕީއެންސީން ޢަމަލުކުރާނީ އެމަނިކުފާނު ވިދާޅުވިގޮތަކަށެވެ. އެއީ މިރާއްޖެއަށް ޒަމާނީ ތަރައްޤީ ގެނެސްދެއްވި ބާނީއެވެ. އެއީ ޤައުމަށްތަކައި ޖަލުގައި އިންތިހާއަނިޔާއަށް ކެތްކުރެއްވި ޤައުމީ ބަޠަލެވެ. އެއީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ބަލިކޮށް ނުލެވުނު ދިވެހި ޤައުމިއްޔަތުގެ ދިރިހުރި މިސާލެވެ.

އެމަނިކުފާނު ދެއްކެވި ކޮންމެ މީހަކަށް އަހަރެމެން ވޯޓުދޭނީ އުފަލާއެކު އިސްއުފުލައިގެންނެވެ. މި ޤައުމަށް ޣައްދާރުވި އިބްރާހީމްގެ ކޯލިޝަނަށް ނިސްބަތްވި އެކަކަށްވެސް މަޢާފެއް ނެތެވެ.

ނޯޓު: މި ލިޔުމަކީ ޕީޕީއެމްއަށް ތާއީދުކުރާ އެ ޕާޓީގެ އާންމު މެންބަރަކު "ދިޔަރެސް"ގައި ޝާއިއުކުރަން ފޮނުވާފައިވާ އަމިއްލަ ޚިޔާލެކެވެ.

މި ލިއުމާއި ގުޅޭ