ޕީޕީއެމް/ ޕީއެންސީގެ ސެނެޓުގައި ބޭއްވި ވާދަވެރި ޕްރައިމަރީ އަށް ފަހު ވެސް ފެނުނީ ޑރ. މުހައްމަދު މުއިއްޒު އަށް ލިބިފައިވާ ތަރުބިއްޔަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެކޯލިޝަންގެ އާންމު މެމްބަރުން ހަމަޖެއްސި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވާދަ ނުކުރެއްވޭ ގޮތް ސަރުކާރުން ހެދުމާ ގުޅިގެން އެދެޕާޓީގެ ސެނެޓުގައި ނެގި ވޯޓު ދެ ވޯޓުގެ ތަފާތުން ކާމިޔާބުކޮށް ރިޔާސީ ޓިކެޓް ހޯއްދެވީ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެޕްރައިމަރީއަށްފަހު ޑރ، މުއިއްޒުއާ އިދިކޮޅަށް ވޯޓު ދެއްވި މެމްބަރުންނާއެކު އެޕްރައިމަރީއަށް ފަހު މަޝްވަރާގެ ރިވެތި އުސޫލަށް ވަޑައިގެންނެވި ކަމަށެވެ. އެގޮތުން ޕާޓީ ބައިބައި ވިޔަ ނުދިނުމަށް އެންމެންނާ ވާހަކަދައްކަވައި އެދަނޑިވަޅުގައި ވެސް ޕާޓީ އެކަތިގަނޑަކަށް ހަދައި އެކަމަސައްކަތް ވަރަށް ރީތިކޮށް ނިންމާލި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑަށް އެނގޭ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންވެސް ހަމަ މަޝްވަރާގެ ރިވެތި އުސޫލުން އެމަނިކުފާނުގެ މަސައްކަތްޕުޅު ގެންދަވާނެ ކަމަށް. އެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް.
މިފަދަ ވާދަވެރި އިންތިޚާބެއް ނިމެގެންދާއިރު ދެކޮޅަށް މަސައްކަތް ކުރާ މީހުންނާމެދު ހިތް ބުރަކަމެއް އަންނާނެ ކަންފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ޑރ. މުއިއްޒުއާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އެފަދަ ހިތްހަމަ ނުޖެހުމެއް އެއްވެސް މީހަކާމެދު އެމަނިކުފާނުގެ ނެތް ކަމެވެ.
ޑރ. މުއިއްޒު ފިޔަވަި މި ކޮލިޓީ ހުރި އެއްވެސް ކެންޑިޑޭޓަކު މިފަހަރުގެ އިންތިޚާބުގައި ވާދަ ނުކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ. ރޭގެ ވާހަކަ ކޮޅު ނިންމާ ލުމުގެ ކުރިން ސަލީމް ވަނީ ރައީސް ޔާމީން އާ މެދު ރަނގަޅަށް ކަންކަން ކޮށްދެއްވުމަށް ޑރ. މުއިއްޒު އަދި ސެމްބެގެ އަރިހުން ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ.