ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ފަހަތަށް އަރާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ގޮވާލައްވައިފިއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ދަތުރުގެ ތެރެއިން މިރޭ ކުޅުދުއްށި ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މިފަހަރުގެ އިންތިޚާބަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން މުއިއްޒު ފިޔަވައި އެމަގާމަށް ގާބިލު ބޭފުޅަކު، އަދި ރައްޔިތުންގެ ތާއީދު އޮތް ބޭފުޅަކު ނެތް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން ބޭކާރު ޚަރަދެއްކޮށް އިތުރު ބުރެއް ބޭއްވުމުގެ މާނައެއް ނެތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ދެންތިބި މީހުންނަށް ފަހަތަށް ޖެހިލާށޭ. ދޫކޮށްލާފަ މުއިއްޒުއަށް ތާއީދު ކުރާށޭ. ރާއްޖޭގައި ތާއީދެއް ނެތޭ ތިބޭފުޅުންނަކަށް. ދެންކީއްކުރަން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިތުރު ބުރަކަށް ދަނީ. އަވަހަށް މުއިއްޒު ފަހަތަށް އަރާށޭ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ވެރިކަމަށް ގެންނަން ޖެހޭނީ ރަނގަޅު ތަރުބިއްޔަތަކާއި ރަނގަޅު އަޚްލާގެއް ލިބިފައިވާ މީހެއް ކަމަށެވެ. އެމްޑީޕީއިން މިހާތަނަށް ނެރުނު ދެ ކެންޑިޑޭޓުންނަކީ ވެސް މަގުމަތިންތަރުބިއްޔަތު ވެފައިވާ މީހުން ކަމަށް ސަލީމް ވިދާޅުވިއެވެ.
އެއާޚިލާފަށް ޑރ. މުއިއްޒުއަކީ އެބޭފުޅާގެ މައިންބަފައިންނެކޭއެއް ގޮތަށް ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ރީތި އަޚްލާގެއްގެ ވެރިއެއް ކަމަށެވެ. ގައުމެއްގެ ވެރިކަން ކުރަން އަންނަ މީހަކު މަގުމަތިން ހޮވައިގެން ގެނައިމަ ވާގޮތް ފެންނަމުންދާ ކަމަށާއި، ކުރިން ވެސް އެމްޑީޕީއިން ހޮވި މީހަކީ މަގުމަތިން ހޯދި ކެންޑިޑޭޓެއް ކަމަށެވެ.
"މިހާރު އަނެއްކާވެސް މަގުމަތިން ހޮވި މީހާގެނައިމަ މިއީ ހިނގާ ގޮތް، އަޚްލާގެއް ނެތް. ތަރުބިއްޔަތެއް ނެތް. ވިސްނުމެއް ނެތް. ދެން ކިހިނެއްތޯ ގައުމެއް ހިންގާނީ. ގައުމެއް ހިންގޭނީ ގައުމު ހިންގާނެ ގާބިލުކަމާއި އަޚްލާގާއި ތައުލީމު ލިބިފައިވާ މީހަކަށް. އަޅުގަނޑުމެން ޑރ. މުއިއްޒު ކިޔަނީ ކީއްވެގެންތޯ. ދެންމިތާ އެބަހުރިތޯ ޑރ. އެއް. ދެންތިބީ އަލްފާޟިލް ވެސް ނުކިޔޭ ވަރުގެ މީހުން. އިބޫ ސޯލިހަށްވެސް ދަންނަވާނަލަން ފަހަތަށް ޖެހިވަޑައިގަންނަވާފަ ޑރ. މުއިއްޒުގެ ފަހަތަށް އަރާށޭ." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ ޑރ. މުއިއްޒުގެ ރީތި އަޚްލާގަށާއި ގާބިލުކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކަވައިފައެވެ.