މި ސަރުކާރު ކޯލިޝަނުގެ ޕާޓުނަރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުމެ ތިބީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމަށްފަހުކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނު ޖަލުގައި ހުންނަވާތާ 1،000 ދުވަސްވުމާ ގުޅިގެން މިއަދު އިދިކޮޅުން މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ސައިކަލު ބުރު ނިންމައިލުމަށްފަހު، އެ ސައިކަލު ބުރުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން ޓޮމް ވިދާޅުވީ ރައީސް ޔާމީނު ޖަލަށްލައިގެން އުޅެނީ އެމަނިކުފާނު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާމެދު ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެން ކަމަށެވެ.
"އެމަނިކުފާނު [ރައީސް ޔާމީން] އެއްހާސް ދުވަސް ޖަލުގައި ކުޑަ ގޮޅީގައި ހޭދަކުރައްވަމުން ގެންދަވަނީ އެންމެ ސަބަބަކާހުރެ. އެއީ މިޤައުމުގެ މިނިވަންކަމަށް ބަސް ބުނަމުންދާ ލީޑަރަކަށްވާތީ. މި އިބުރާހީމުގެ ވެރިކަން ގެނައި ކޯލިޝަނުގެ ޕާޓުނަރުން ރިޔާސީ އިންތިޚާބަށް ނިކުމެ ފާޑުފާޑުގެ ވާހަކަދައްކަމުންދަނީ ރައީސް ޔާމީން ކުޑަގޮޅީގައި ބާއްވައިގެން،" ޓޮމް ވިދާޅުވިއެވެ.
ޓޮމްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ރައީސް ޔާމީނު ޖަލުގައި ހުންނަވަނީ ޕީޕީއެމްގެ ލީޑާޝިޕުން އެމަނިކުފާނު މިނިވަންކުރަން އެދިވަޑައިނުގަންނަވާތީކަމަށް ވިދާޅުވެ، އެމަނިކުފާނު ޖަލުން މިނިވަންކުރާނީ ޑިމޮކްރެޓުންކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާތީ އެކަމަށް އިޝާރާތްކުރައްވައިކަމަށް ބެލެވެއެވެ.
އިތުރަށް ޓޮމް ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ޙައްޤުގައި ރައީސް ޔާމީނު ބަސްފުޅު ވިދާޅުވެ އެކަންކަމުގެ ޙައްޤުގައި މަސައްކަތްކުރެއްވުމަކީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ގޮތް މެދުވެރިކޮށް އިންތިޚާބުން އެކަހެރިކުރި ސަބަބު ކަމަށެވެ.
ޤައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށާއި، ޒުވާނުންނަށް ޓޮމް އިލްތިމާސްކުރެއްވީ ރައީސް ޔާމީނު މިނިވަންކުރުމަށްޓަކައި، އެމަނިކުފާނުގެ ޙައްޤުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒާއި، އޭނާގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފަށް ވޯޓު ދެއްވުމަށެވެ.