އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އަޅަމުންދާ ވިލިމާލެ ބުރިޖުގެ މަސައްކަތުގައި މާލެ ފަޅިން މިހާރު ބިނާކުރާ ބައިގެ ކޮންކުރީޓު މަސައްކަތުގައި ދޮލަނގަށް ކޮންކުރީޓު އަޅައިގެން ބޯމަތީގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތްކުރަނީ އިންޑިއާ ކުންފުންޏެއްކަމަށްވާ އެފްކޯންސް ކުންފުނިންނެވެ. ކަނޑުގައި މިފަދަ ބުރިޖެއް ކުރިން ދުވަހަކުވެސް އަޅާފައިނުވާ އެފްކޯންސްއާ މަސައްކަތް ހަވާލުކުރީ މި އަހަރުގެ އޯގަސްޓުގެ ކުރިން ބުރިޖުގެ މާލެއާއި ވިލިމާލެއާ ދެމެދުގައި އަޅާ ބައި އެކީ ނިންމާ ގޮތަށެވެ.
ބުރިޖުގެ މަސައްކަތް ލަސްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެފްކޯންސްއަށް އަމާޒުވުމުން އެ ކުންފުނިން ކުރިން ބުނެފައިވަނީ ނިމުނު ޖުލައި މަސް ނިމޭއިރަށް ބުރިޖުން ވިލިމާލެއަށް ދަތުރުކުރެވޭ މިންވަރަށް މަސައްކަތް ނިންމާނެ ކަމަށެވެ. ނަމަވެސް ޖުލައި މަސް ނިމުނުއިރުވެސް ބުރިޖުގެ މާލެއާއި ވިލިމާލެ ގުޅުވައިލާ ބައިގެ މަސައްކަތް އެ ކުންފުންޏަށް
ޓުވިޓާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ އެފްކޯންސްގެ މުވައްޒަފުން ދަގަނޑު ދޮލަނގަށް ކޮންކުރީޓު އަޅައިގެން އައިސް ބުރިޖުގެ މަތީ ބައަށް އެ ކޮންކުރީޓު އަޅާ މަންޒަރެވެ. އެ ވީޑިއޯ ހިއްސާކުރި މީހާ ބުނީ" ނިމެނީ ނިމެނީ، ބުރިޖުގެ މަސައްކަތް އެންމެ ފަހުގެ ޓެކްނޮލޮޖީ ލޯ ތަށި ބޭނުންކޮށްގެން އިބޫ ސްޕީޑުގައި ނިމެނީ،" ކަމަށެވެ.
އެ ވީޑިއޯ ހިއްސާކޮށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބުރިޖު އަޅައި ނިމުމުގެ ކުރިން ބުރިޖު ނުވެއްޓި ހުންނާނެތޯ ސުވާލު އުފައްދާފައެވެ.
އިތުރު މީހަކު ފާހަގަކުރީ މިފަދަ ހައްސާސް އުމްރާނީ ވަސީލަތެއްގެ މަސައްކަތް މިހާ ފެންވަރު ދަށްކޮށް ކުރިއަށްގެންދަން ދޫކޮށްލެވުމަކީ ދެރަވަރު ކަމެއް ކަމުގައެވެ. އޭނާ ފާހަގަކުރީ ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ އުމްރާނީ މަޝްރޫޢުތަކަކީ ދިވެހި ކުންފުނިތަކަށް ނުކުރެވޭ މިންވަރުގެ ބޮޑެތި މަސައްކަތް ކަމަށްވާއިރު، މިބާވަތަށް މި މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ސަރުކާރުން ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢަކީ ތިލަމާލެ ބުރިޖުގެ މަސައްކަތެވެ. މި މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރު ދަރަންޏަށް ނަގައިގެން ހިންގާ މަޝްރޫޢަކަށްވާއިރު، މި މަޝްރޫޢު އަވަސްކުރުމަށް ކަމުގައި ބުނެ އިތުރު 100 މިލިއަން ޑޮލަރު ސަރުކާރުން އެ ބޭންކުން ނަގާފައިވެއެވެ.
ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާކަމަށް ތަކުރާރުކޮށް ބުނުމަށްފަހު، ދާދިފަހުން ސަރުކާރުންވަނީ މި މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދާކަން ޤަބޫލުކޮށްފައެވެ.
މި މަޝްރޫޢު ބައިބައަށް ނިންމައި ހުޅުވަމުންދާނެ ކަމަށާއި، މި އަހަރުގެ އޯގަސްޓު މަހުގެ ކުރިން ބުރިޖުގެ މާލެއާއި ވިލިމާލެއާ ދެމެދުގެ ބައި ނިންމައި ހުޅުވައި ބޭނުންކުރަން ފެށޭނެކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.