Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިން ފައިސާ ނުދީ ކޮންޓްރެކްޓަރުން ފުނޑެނީ، ރައީސް ވިދާޅުވީ ބައްލަވައިދެއްވާނެކަމަށް!

ފެނަކައިން އެކި މަސައްކަތްތައް ހަވާލުކޮށް، އެ މަސައްކަތް ނިންމި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބުނު ސަބަބުން އެ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޯޓަށް ގޮސްގެން ކޯޓުން ހުކުމްކުރުމުންވެސް ފެނަކައިން ފައިސާ ނުދައްކާކަމަށް އެ ކުންފުނިތަކުން ބުނެފިއެވެ.

މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއިން ބައެއް ކުންފުނިތަކުގެ ވެރިންނާއި، ބައެއް ކުންފުނިތައް ތަމްސީލުކުރާ ޤާނޫނީ ވަކީލެއްކަމުގައިވާ މުޙައްމަދު ޝަހުނީމު ބައިވެރިވެވަޑައިގެންނެވިއިރު ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވީ އެ ކުންފުނިތަކަށް ފެނަކައިން އަމަލުކުރާ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށެވެ. ޝަހުނީމު ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ކުންފުނިތަކުގެ ވެރިން ދައްކަވާ ވާހަކަފުޅަކީ އެއްވެސް ގޮތަކަށް ސިޔާސީ މަޤުޞަދެއްގައި ދައްކަވާ ވާހަކަފުޅެއް ނޫނެވެ. ނަމަވެސް ޤާނޫނީ ގޮތުން އެ ބޭފުޅުންގެ ހައްގުތަކެއް ގެއްލިފައިވާތީ ދައްކަވާ ވާހަކަފުޅެކެެވެ.

ފައިސާ ނުލިބޭ ކުންފުނިތައް ގިނަ

އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ސައީދު ކުންފުންޏާ ހަވާލުވެވަޑައިގެންނެވި ފަހުން ފެނަކައިން 5،000 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާއިރު، އެއިން އެއްވެސް އެއްބަސްވުމަކާ އެއްގޮތަށް ފެނަކައިން ފައިސާ ދެމުންނުދާ ކަމަށެވެ. އަދި ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން އެ ކުންފުނިން ހަދާފައިވާ ހުރިހާ އެއްބަސްވުމާ ޚިލާފުވުމަކީ ރާއްޖޭގެ ތާރީޚުގައިވެސް ރެކޯޑެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ރާއްޖޭގެ ސަތޭކަ ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެގުރިމެންޓު ހަދާފައިވާ، އެ ހެދި އެގުރިމެންޓުގެ 100 ޕަސެންޓާ ޚިލާފުވުމަކީ ރާއްޖޭގެ ރެކޯޑަކަށްވާނެ. އަޅުގަނޑަށް ހީވަނީ ދުނިޔޭގެވެސް ރެކޯޑަކަށްވާނެހެން،" އޭނާ ވިދާޅުވިއެވެ. އިތުރަށް އޭނާ ފާހަގަކުރެއްވީ ސަރުކާރު ހިއްސާވާ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެއިން އެއްވެސް މައްސަލައެއްގައި އަޅައިނުލާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ފެނަކައިން އަމަލުކުރާ ގޮތަށް ބަލާއިރު، ފައިސާ ދިިނުމުގެ އެއްވެސް ވިސްނުމެއް ފެނަކައިގެ ކިނބައިގައި އަދި ސަރުކާރުގެ ކިނބައިގައި ނެތްކަން ސާފުވާކަމަށެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ފެނަކައިން ދައްކަންޖެހޭ ފައިސާ ދިނުމަށް 200 މިލިއަން ރުފިޔާގެ ލޯނެއް ފެނަކައަށް ދިނުމުން މުޅި އެ ފައިސާ ހޭދަކުރީ އެސްޓީއޯއިން ގަތް ތެލަށް އަގު ދެއްކުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ ފެނަކައިން ދައްކަންޖެހޭ ފައިސާ ނުލިބި ހުރި ކުންފުނިތަކުގެ އަދަދުތައް 100 ކުންފުންޏަށްވުރެ ގިނަވާނެ ކަމެވެ.

މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ހުޅުވައިދެއްވި ގެމަނަފުށީ އިންޖީނުގެއަށް އިޝާރާތްކުރައްވައި އޭނާ ފާހަގަކުރެއްވީ އެ އިންޖީނުގެއަކީ ކޮންޓްރެކްޓަރުން އަޅާފައިވާ ތަނެއްކަމަށާއި، އެތަނަކީ ދަރަންޏަށް ސަރުކާރުން އެޅި ތަނެއް ކަމަށެވެ. އަދި އެ ތަންތަން އަޅާއިރު ފައިސާ ނުލިބުމުން އެ ކުންފުނިތަކަށް ވަރަށް ބޮޑަށް ގެއްލުންވެ ކުންފުނިތައް ކުޑަކުރަންޖެހިފައިވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންޓްރެކްޓަރުންނޭ ގދ. ގެމަނަފުށި އިންޖީނުގެ އެޅީ. ކޮންޓްރެކްޓަރުންނޭ އިންޖީނު ގެންދިއައީ. ކޮންޓްރެކްޓަރުން ކޭބަލް ސަޕްލައި ކުރީ. މިއަދު ރައީސުލްޖުމްހޫރިއްޔާ ގެމަނަފުށި އިންޖީނު ހުޅުވާފައި އައި އިރު އެއީ 100 ޕަސެންޓު ދަރަންޏަށް އަޅާފައި. ކޮންޓްރެކްޓަރުން ތިބީ މަގުމަތީގައި. އަޅުގަނޑުމެން 100 ލޭބަރުން ގެންގުނު ކުންފުނި މިހާރު ކުޑަ ކުރަން ޖެހުނީ 20 ލޭބަރުންނަށް،" ފެނަކައިން ފައިސާ ނުލިބޭ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވިއެވެ.

ކުންފުނިތަކަށް ފައިސާ ނުލިބުނަސް ޓެކުސް ދައްކަންޖެހޭ

ފެނަކައިން ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނިތަކަށް ކުރިމަތިވެފައިވާ ދަތިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެއިން ކުންފުންޏެއްގެ އިސްވެރިޔަކު ވިދާޅުވީ، ފެނަކައިން ފައިސާ ނުދިނަސް އެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުސް ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އެ ކުންފުނިތައް ފަހަތުން އަންނަ ކަމަށެވެ. އަދި އެ ކުންފުނިތަކަށް ބޮޑެތި ޖޫރިމަނާތައް ދައްކަންޖެހޭ ހާލަތު ކުރިމަތިވާކަމަށެވެ.

"މީރާ އެބަދުވޭ ފަހަތުން. ދެދުވަހުން އެއް ދުވަހު [މީރާއިން] މެއިލް އާދޭ. ޖީއެސްޓީ ފައިން އަރާ، ފައިލިން ފައިން އަރާ، މިހެންގޮސް ބައިވަރު ފައިން އަރާ. އެމީހުން އެއްޗެއް މައާފުކޮށްދެނީއެއް ނޫން.،" ކުންފުންޏެއްގެ ވެރިޔަކު ބުންޏެވެ. އޭނާ ބުނީ އަހަރަކު އެއްފަހަރު މީރާއިން ވަރަށް ކުޑަކުޑަކޮށް ޕޭމެންޓުތައް ދެމުންދާއިރު ބަރާބަރަށް ޓެކުސް ފައިސާ ދައްކަންޖެހޭ ކަމަށެވެ. އަދި ޓެކުސް ފައިސާ ނުދެއްކޭ ހާލަތު ކުރިމަތިވުމުގެ ސަބަބުން ޓެކުސް ކްލިއަރޭންސް ނުހެދުމުގެ ސަބަބުން އެ ކުންފުނިތަކަށް އިތުރު މަޝްރޫޢުތަކަށްވެސް ކުރިމަތިލުމުގެ މަގު ބަންދުވެފައިވާ ކަމަށް ކޮންޓްރެކްޓަރަކު ވިދާޅުވިއެވެ.

އިތުރަށް އެހެން ކުންފުންޏެއްގެ ވެރިޔަކު ފާހަގަކުރީ ފައިސާ ނުލިބި ދިގުލައިގެންދާއިރު، އިންޖީނުގެތައް އަޅާފައި ހުންނަނީ ކުންފުނިތަކުގެ އަމިއްލަ ޚަރަދުގައި ކަމަށެވެ. މަޝްރޫޢެއް ލިބޭއިރަށް އާންމުކޮށް އެޑްވާންސް ޕޭމެންޓު ލިބުނަސް ފެނަކައިގެ މަސައްކަތްތައް ކުރަނީ އެފަދައިން އެޑްވާންސް ޕޭމެންޓެއް ނުލިބިކަމަށެވެ. ފެނަކައިގެ ޕޭމެންޓު ނުލިބި އަހަރު ދެ އަހަރު ދެމިގެންދާތީ ވަރަށް ބޮޑަށް ގެއްލުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނިތައް ދަރަނިވެރިވެފައި

ކުންފުނިތަކުގެ ވެރިން ފާހަގަކުރެއްވި އަނެއް ނުކުތާއަކީ އެ ކުންފުނިތަކުން މި މަސައްކަތްތައް ކުރީ އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ކުރެޑިޓަށް މުދާ ނަގައިގެން ކަމަށެވެ. އެގޮތުން ފިހާރަކަތާއި ދޯނިތަކާއި އޮޑިފަހަރަށް އެ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ނުދެއްކި އެ ކުންފުނިތައް ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމަށާއި، އަދި ތަކެތި ސަޕްލައި ކުރި ބައެއް ފިހާރަތަކާއި ކުންފުނިތަކަށް ފައިސާ ނުދެއްކި ލަސްވުމުގެ ސަަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުނިތަކާއި ފިހާރަތަކުންވެސް ފައިސާ ނަގަމުން ދާ ކަމަށެވެ.

އަދި އޭގެ އިތުރަށް ފެނަކައިން ފައިސާ ނުލިބި ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން އޮންނަ ވަގުތުގައި މުސާރަ ނުދެވިގެން މުވައްޒަފުން ތަންތަނަށް ހުށަހެޅި މައްސަލަތައް ނިމި އެ މުވައްޒަފުންނަށްވެސް ބޮޑެތި އަދަދުތަކުން ފައިސާ ދޭންޖެހިފައިވާކަމަށާއި، އެ ފައިސާވެސް ފެނަކައިން ފައިސާ ނުލިބިގެން ނުދެއްކި ކުންފުނިތަކުގެ މާލީ ބުރަ ބޮޑުވެފައިވާކަމަށް ކުންފުނިތަކުގެ ވެރިން ފާހަގަކުރިއެވެ.

އިތުރު ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވީ މި ކުންފުނިތަކުގެ ދަރަނި ބޮޑުވެ ފައިސާ ނުދެއްކި ކުންފުނިތަކުގެ އެސެޓުތައް ވިއްކައިލަން މަޖުބޫރުވާ ހާލަތަށް ކުންފުނިތައް އޮތީ ހުށަހެޅިފައި ކަމަށެވެ. އަދި މެދުފަންތީގެ ނުވަތަ ކުދި ކުންފުނިތަކަށް މިފަދަ ދަތި ހާލަތެއް މެދުވެރިވީ އިހުމާލުން ނޫންކަމަށާއި، އެއީ ގަސްތުގައި ކުންފުންޏަށް މެދުވެރިކޮށްފައި އޮތް ހާލަތެއް ކަމުގައި އޭނާ ފާހަގަކުރިއެވެ.

ރައީސް ވިދާޅުވީ ބައްލަވާނެ ކަމަށް

އިތުރަށް ވާހަކަދައްކަވަމުން ކޮންޓްރެކްޓަރެއް ވިދާޅުވީ ފެނަކައިގެ މަސައްކަތް ކުރުމަށްފަހު، ފައިސާ ނުލިބުނު ބައެއް ކުންފުނިތަކުގެ ވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ފެނަކައިން ފައިސާ ނުލިބުމުގެ ސަބަބުން އެ ކުންފުނިތަކަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޝިކާޔަތު ރައީސްގެ އަރިހުގައި ކުންފުނިތަކުގެ ވެރިން ދެންނެވުމުން އެ މައްސަލަ ބައްލަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަށްވެސް މިވާހަކަ ފެންނާނެ އަޑުއިވޭނެ. ކޮންޓްރެކްޓަރުންތަކެއް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް މިވާހަކަ ދެއްކި ވިދާޅުވި ބަލައިދޭނަމޭ. އަޅުގަނޑު ހިތަށް އަރަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ގެމަނަފުށީ އިންޖީނުގެ ހުޅުވިއިރު ކޮންޓްރެކްޓަރުން މަތިން ހަނދާން ހުރިތޯއޭ. އެއްވެސް މިންވަރަކަށް ލަދުވެތިނުވަނީތޯއޭ؟،" ރައީސް އިބްރާހީމު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ