މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަކީ ޗައިނާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ކޮވިޑާއި ގުޅިގެން ޗައިނާ އިން ފަތުރުވެރިން އައި ފަތުރު ވެރިން ވޭތުވެ ދިޔަ ތިން އަހަރު ބޮޑުތަނުން މަދުވެފައިވާއިރު، މީގެ ކުރިން ރާއްޖޭގެ ނަމްބަރު 1ގެ ގޮތުގައި އަބަދުވެސް އޮންނަނީ ޗައިނާއެވެ.
މިދިޔަ މަހު ރައްޖެ އައިސްފައި ވަނީ ޖުމުލަ 145،620 ފަތުރުވެރިންނެވެ. މިއީ މިދިޔަ މަހުގެ ޖުލައި މަހާ އާއި އަޅާކިޔާއިރު، %9ގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މިދިޔަ މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް 4،854 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ މަހު އެންމެ ގިނައިން އެއް ދުވަހެއްގެ ތެރޭގައި އައިސްފައި ވަނީ 5،644 ފަތުރުވެރިންނެވެ. އަދި އެންމެ މަދުން ރާއްޖެ އައިސްފައި ވަނީ 3،879 ފަތުރުވެރިންނެވެ.
މި އަހަރު މިހާތަނަށް ރާއްޖެއަށް މިލިއަނަކަށް ވުރެ ވަނަ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.