Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

މުއިއްޒަށް ކުރާ ތުހުމަތުތައް އިދިކޮޅުން ދޮގުކޮށްފި

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޖެންޓެއް ކަމަށް ކުރާ ތުހުމަތުތައް އިދިކޮޅުން ދޮގުކޮށްފި އެވެ.
ސަރުކާރުން ވަކިވެ، ޑިމޮކްރެޓްސް އުފެއްދެވި މެންބަރުންގެ ތެރޭގައި ހިމެނޭ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯޓުތަކުގައި އޮތް މުއިއްޒުގެ މައްސަލަތަށް ނަގައިދީ ރެކޯޑު ސާފުކޮށްދިނީ ސަރުކާރުން ކަމަށާއި، އޭނާއަކީ ރައީސްގެ އެޖެންޓެއް ކަމަށެވެ.
"ނޫމަޑި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ކޯޓުތަކަށް އަތް ބާނައިގެން ނިންމައި ދިނީ. ޕީޕީއެމް ގެ ސެނެޓް މުއިޒް ގަތީ އިބްރާހިމް ފައިސާ ދީގެން،" މުއިއްޒު ޕީޕީއެމްގެ ސެނެޓުގެ ކޮންޓްރޯލު ނަންގަވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައި އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމަށް ގުޅުއްވައި ތަކުރާރުކޮށް އާދޭސް ދެންނެވި ކަމަށް، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މުއިއްޒު ވިދާޅުވި ވާހަކައިގެ ވީޑިއޯ ވެސް އާޒިމް ވަނީ އޭނާގެ ޓުވީޓުގައި ހިމަނާފަ އެވެ.
"...އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅިން މީގެ ދެ ދުވަސް ކުރިން ވެސް. [ޔާމީންގެ] ކެންޑެޑިސީ ބާތިލްކޮށް، އެ މަނިކުފާނަށް ކުރިމަތިނުލެވޭނެކަމަށް ހުކުމްކުރި ދުވަހު އަޅުގަނޑު ގުޅާފައި ދެންނެވިން ރައީސޭ، ތި ބޭފުޅުން ބޭނުންފުޅުލެއްވީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ގޮތް ހަދަން ނޫންހޭ. މިހާރު އެ މަނިކުފާނަކަށް ކުރިމައްޗެއް ނުލެވޭނެކަން ޔަގީންވެއެއް ނޫންހޭ. ދެން އެ މަނިކުފާނު ގެއަށް ގެނެސްދެއްވުމަށް އަޅުގަނޑު އާދޭސްކޮށް ދަންނަވަމޭ،" މުއިއްޒު ރޭ ވިދާޅުވި އެވެ.
އާޒިމްގެ ތުހުމަތުތައް ދޮގުކުރައްވައި ޕީއެންސީގެ ސެނެޓަރ އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވީ އެއީ ޑރ. މުއިއްޒުގެ އަގު ވައްޓާލުމަށް ރާވައިގެން ފަތުރާ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"ހުރިހާ ސިޔާސީ ޕާޓީތަކުން ރިވެތި ކެންޕެއިން ކުރުމަކީ އަޅުގަނޑުމެން އެދޭ ގޮތް. އެންޓި ކެންޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއް. އެކަން ކުރަން އަޅުގަނޑުމެން މާމޮޅުވާނެ. ނަމަވެސް އަޅުގަނޑުމެން މިކުރަނީ އިބޫ ނޫންގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއުގެ އިތުރުން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ނޫމަޑި މައްސަލައިގައި މުއިއްޒުގެ ވަކީލުކަން ވެސް ކުރެއްވި އާދަމް ޝަމީމް ވެސް ވަނީ އާޒިމްގެ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލި ދޮގު ބަޔާން ދިނުމުގެ ދައުވާ ސާބިތު ނުވީ އެކަށީގެންވާ ހެކި ނެތުމުންނެވެ. އަދި އެ މައްސަލައިން ސަލާމާތްވާން ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވާދަކުރަން ނިންމައި ޕީޕީއެމްގެ ކެންޑިޑޭޓަކަށް ހަމަޖެއްސީ ރައީސް ޔާމީނެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސެވި އެވެ.
އެކަމަކު ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެން އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށް ނެގި ވޯޓުގައި މުއިއްޒު ޓިކެޓު ކާމިޔާބު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރާ ވާދަކުރައްވަ އެވެ.
އޭރު ރައީސް ޔާމީންގެ ކެންޑިޑެންސީ އީސީން ބަލައިނުގަތް މައްސަލަ އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލަ ރައީސް ޔާމީނާ އެއްކޮޅަށް ނިމިއްޖެނަމަ އޮތީ މުއިއްޒުގެ ކެންޑިޑެންސީ އަނބުރާ ގެންދާ ގޮތަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ވެސް އިއްޔެ ނިންމީ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އީސީން ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތީ ރަނގަޅަށް ކަމަށެވެ.
އެއާއެކު މުއިއްޒުގެ ކެންޑިޑެންސީ ހުށަހަޅައި، އިދިކޮޅު ލީޑާޝިޕާއި ރައީސް ޔާމީންގެ ތައީދު މުއިއްޒަށް އޮތްކަން ވަނީ ހާމަކުރައްވާފަ އެވެ. މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.
މި ލިއުމާއި ގުޅޭ