ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންފައިވާކަން ހާމަކުރައްވައިފިއެވެ.
ޓުއަރިޒަމް މިނިސްޓަރުގެ މަޤާމަށް މައުސޫމު ވަޑައިގަތީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ވަހީދަށް އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވުމާ ގުޅިގެން އޭނާ އެ މަޤާމުން ވަކިކުރެއްވުމުންނެވެ.
ޑރ.މައުސޫމު ޓުއަރިޒަމް މިނިސްޓަރުގެ މަޤާމަށް ވަޑައިގަތީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކުލަވައިލި ކޯލިޝަން އެއްބަސްވުމުގެ ދަށުން ޖުމްހޫރީ ޕާޓީއަށް ޓުއަރިޒަމް މިނިސްޓްރީގެ ޖާގަ ދީފައި އޮތުމާއެކު، އެ ޕާޓީން އެ މަޤާމަށް އޭނާ ހަމަޖެއްސުމަށް އެންޑޯސްކުރުމުންނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަލުން އިއްތިހާދުވުމަށް ޖުމްހޫރީ ޕާޓީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދައުވަތު ދެއްވި ނަމަވެސް އެ ޕާޓީން ނިންމާފައިވަނީ ވަކިން އިންތިޚާބުގައި ވާދަކުރުމަށާއި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް އެރުވުމަށެވެ.
މިއަދު ޤާސިމުވަނީ އޭނާގެ ރިޔާސީ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. އަދި އެ ކޮމިޝަނުން ޤާސިމުގެ ކެންޑިޑެސީ ބަލައިގަނެފައިވާކަން ހާމަކޮށްފައިވެއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި މައުސޫމުވަނީ ޤާސިމަށާއި، ޕާޓީގެ އިސްވެރިންނަށާއި، މެންބަރުންނަށް ޝުކުރުއަދާކުރައްވައި، އޭނާ ޖުމްހޫރީ ޕާޓީގައި ހޭދަކުރެއްވި މުއްދަތުގައި ކުރިމަތިވި ހިތްދަތި އަދި އުފާވެރި ހުރިހާ ވަގުތެއްގައި ބެހެއްޓި ގާތްކަން ފާހަގަކުރައްވާފައެވެ.
މިއަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ޑރ.މައުސޫމުވަނީ މީގެ ކުރިން ރައީސް އިބްރާހީމަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރައްވަން ނިންމަވައި އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވަވަޑައިގަންނަވަން ފައްޓަވާފައެވެ.