މި އަހަރުގެ ސަރުކާރުގެ ބަޖެޓުގެ ދަރަނި 6.8 ބިލިއަން ރުފިޔާއަށް އަރައި، ދުވާލެއްގެ މައްޗަށް 31 މިލިއަން ރުފިޔާއިން ބަޖެޓު ޑެފިސިޓުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 18.8 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ދައުލަތުގެ ޚަރަދުތައްވަނީ 25.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އެހެންކަމުން އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދައުލަތުންވަނީ ޖުމްލަ 6.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި ފައިސާއަކީ އެތެރެއިންނާއި ބޭރުން ދަރަންޏަށް ފައިސާ ނަގާފައިވާ ފައިސާއެވެ.
ސަރުކާރުން މި އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ނިޒާމަށް ގެންނާނެ އިސްލާހުތަކަކާއި އާސަންދައަށް ގެންނަ ބަދަލުތަކެއް ހިމެނި ނަމަވެސް، އެއިން އެއްވެސް ފިޔަވަޅެއް މިހާތަނަށް ތަންފީޒުކޮށްފައިނުވެއެވެ.
ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ކުޑަކޮށް އާމްދަނީއާއި ޚަރަދުގެ ފަރަގު ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމަށް ކަމުގައި ބުނެ ސަރުކާރުންވަނީ މި އަހަރުގެ ޖަނަވަރީން ފެށިގެން އާންމުންގެ އަތުން ނަގަމުން އަންނަ ޖީއެސްޓީއާއި ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީގެ ރޭޓުތައް ބޮޑުކޮށްފައެވެ.
ޓެކުސް ނަގާ މިންވަރު ބޮޑުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޚަރަދު ކުޑަނުކުރެވޭނަމަ، ދަރަނީގެ ހާލަތު ރަނގަޅުނުވާނެކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް ލަފާދިން ނަމަވެސް އެ ލަފައަށް ސަރުކާރުން އަމަލުކޮށްފައިނުވެއެވެ.
ދައުލަތުގެ ބަޖެޓުގެ ދަރަނި އިތުރުވަމުންދާއިރު، ފާއިތުވި ޖޫން މަހާއި ޖުލައި މަހުގައި ސަރުކާރުންވަނީ 1.3 ބިލިއަން ރުފިޔާގެ ލޯނުތައް ނަގައިފައެވެ. އެއިން 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ލޯނެއް ނަގާފައިވަނީ ގޮތް ނޭނގޭ އަމިއްލަ ފަރާތަކުންނެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންފައިވަނީ ރައްޔިތުންގެ ގާތުން އެހުމެއް ނެތި ދަރަންޏަށް ފައިސާ ނަންގަވާ ބޭފުޅެއްކަމުގައި ވެވަޑައިނުގަންނަވާނެ ކަމަށެވެ.