އާ ލީޑާޝިޕެއް ބޭނުންވާކަން ރާއްޖޭގެ ރަށްރަށުން ފެންނަމުންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެނޑިޑެންސީ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ މި ޖީލާ ވިސްނުން އެއްގޮތްވާ ލީޑާ ޝިޕެއް ކަމަށެވެ.
އިލްޔާސް ވިދާޅުވީ ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުންދަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ހާސިލްކޮށްދިނުމަށް ކަމަށެވެ.
އިލްޔާސްގެ ރަނިން މޭޓަރަކަށް އެސްޓިއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު ހަމަޖައްސަވާފައިވާއިރު، އިލްޔާސް ވިދާޅުވީ ރަނިން މޭޓަކު އިހްތިޔާރު ކުރިއިރު، ބެއްލެވީ ރައްޔިތުން ބަލައިގަންނަ ދަ ޑިމޮކްރެޓްސްއިން ބޭނުންވާ ހިސާބަށް ދިއުމަށްޓަކައި އެނާޖީ އާއި ސްޕީޑްގައި މަސައްކަތް ކުރެވޭނެ މީހެއް ކަމަށެވެ.
އަދި ވަރަށް ހިންގުންތެރި މީހުންނާއި ގުޅުން ހުންނަ ޝައުގުވެރިކަމާއިއެކު މަސައްކަތްކުރައްވާނެ ބޭފުޅަކަށް ކަމަށްވެސް އިލްޔާސް ލަބީބް ވިދާޅުވިއެވެ.
"ޕޮލިސީތައް އެކުލަވާލައި އެކަން ތަންފީޒު ކުރައްވާނެ ގޮތް ވެސް އަޅުގަނޑުމެން ދެ މީހުން އެނގޭ. އަޅުގަނޑަށް އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ އަމްރުއާއިއެކުގައި ކަމަށްވާތީ ރަނިން މޭޓަކަށް އައްޔަން ކުރީ" ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ އޭނާގެ ރަނިންމޭޓް ހުސައިން އަމްރު މުހައްމަދު ރަޝާދަށް ފުރިހަމަ އިތުބާރު އަމްރަށް އެބައޮތް ކަމަށެވެ. ދެ މީހުން އެކީ މިހާރު ކުރަމުންދާ މަސައްކަތް ކޮޅެއްގައި ޖެހެންދެން ކުރިއަށްގެންދާނެ ކަމަށާއި ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވުން އަންނަ ކަމަށާއި ނަމަވެސް އެކަންކަމަށް ހައްލު ހޯދައިގެން އެކުގައި ގުޅިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.