ރިޔާސީ އިންތިޚާބު ބޮއިކޮޓުނުކުރުމަށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ގުޅިފައިވާ ސެނެޓުން ދާދި ދެންމެއަކު ނިންމައިފިއެވެ.
ރިޔާސީ އިންތިޚާބު ބޮއިކޮޓުނުކުރަން ޕީޕީއެމް/ޕީއެންސީގެ ގުޅިފައިވާ ސެނެޓުން ނިންމާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަނުން ނިންމީ ރަނގަޅަށްކަމަށް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުން އެފަދައިން ނިންމި ފަހުން ރައީސް ޔާމީނު ވަކީލުން މެދުވެރިކުރައްވައި އެ ޕާޓީގެ ލީޑަރުންނާއި ސެނެޓަށް ފޮނުއްވި ނޯޓެއްގައި ވިދާޅުވީ އެމަނިކުފާނު ބަންދުކޮށް، އިންތިޚާބީ ޙައްޤު ގެއްލުވައިލީ ސަރުކާރުގެ ރޭވުމެއްގެ ތެރެއިން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އަދި އެފަދައިން ނިންމި ނިންމުމެއްކަމަށް ސެނެޓާއި ލީޑާޝިޕުން ޤަބޫލުކުރާނަމަ އެމަނިކުފާނުގެ ހުށަހެޅުއްވުމަކީ، އެ އިއްތިހާދުން އިންތިޚާބު ބޮއިކޮޓުކޮށް އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދިނީ ރޭވުމެއްގެ ތެރެއިން ސަރުކާރުން ސިޔާސީ މަޤުޞަދުގައި ހިންގި އަމަލުތަކެއްގެ ތެރެއިންކަން އެންމެނަށް ހާމަކުރުމުގެ ގޮތުން އިންތިޚާބު ބޮއިކޮޓުކުރުމަށް ކަމަށެވެ.
ސެނެޓުގެ ބައްދަލުވުމުގައި ވަރަށް ހޫނުކޮށް ބަހުސްކުރެވުނުއިރު ދެ ޕާޓީގެ ސެނެޓުގެ ގިނަ މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި ރައީސް ޔާމީނު ޖަލުން މިނިވަންކުރެވޭނެ މަގަކީ ރިޔާސީ އިންތިޚާބަށް އެ ދެ ޕާޓީން ގުޅިގެން ކެނޑިޑޭޓަކު ނެރެ އިންތިޚާބު ކާމިޔާބުކުރުމެވެ.
ސެނެޓުގައި ނެގުނު ވޯޓުގައި ދެ ޕާޓީގެ ސެނެޓުގެ ގިނަ މެންބަރުން ތާއީދުވެސް ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމް/ޕީއެންސީން ބޮއިކޮޓުނުކޮށް އިންތިޚާބުގައި ވާދަކުރުމަށެވެ.