ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން މޫސުން ކުރިއަށް ލަފާކުރާ ރިޕޯޓާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް އެޑްވައިޒަރީ ނެރެމުން ގެންދެވިފައިވާކަމަށާއި އިއްޔެ ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އެރީ ބޮޑު ދިޔަވަރު (ކިންގް ޓައިޑް) އާއި ރާއްޖޭގެ އޮޔާއި ވަޔާއެކު ރާޅު ބާނީގެ އުސްމިން 6 ފުޓާއި 8 ފޫޓާ ދެމެދަށް އުފުލުމުގެ ސަބަބުން ކަމަށެވެ.
އެކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން އިތުރަށް ބުނީ މި މަހު ރާއްޖޭގެ މޫސުމަށް ބަލާއިރު އުތުރުގެ ބައެއް ހިސާބުތަކަށް އާއްމުކޮށް ވެހޭވަރަށް ވުރެން ތަންކޮޅެއް ގިނައިން ވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވެހޭނީ އާއްމުކޮށް މި މަހު ވެހޭ ވަރަށް ވުރެ ތަންކޮޅެއް މަދުން ކަމަށެވެ.
އަދި ރާއްޖޭގެ ސަރަހައްދުގެ ފިނި ހޫނުމިން މި ދުވަސްވަރު އާއްމުކޮށް ހުންނަ މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެކަމަށް ދައްކާކަމަށްވެސް މެޓުން ބުނެފައިވެއެވެ.