ދާދިފަހަކުން އަސްކަރީ ބަޣާވާތަކުން ވެރިކަން ބަދަލުކުރި ނައިޖަރުގައި ތިބި ފަރަންސޭސި ސިފައިން އެޤައުމުން ބާލަން ޕެރިހުން ދެކޮޅު ހަދައިފިއެވެ.
ފަރަންސޭސިވިލާތުން ބުނީ ނައިޖަރާއެކު އަސްކަރީ އެއްބާރުލުން ދިނުމުގެ ފަސް އެއްބަސްވުމެއް ފުއްދުމަށް ޓަކައި ކުރީގެ ކޮލޮނީގައި އަލަށް ގާއިމުކުރި ޖުންޓާއިން އެ އެއްބަސްވުންތައް ބާތިލްކުރުމަށް ގޮވާލާފައިވީ ނަމަވެސް، އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ނައިޖަރުގެ ރަސްމީ ދައުލަތުގެ ވެރިންނާ އެކުގައި ކަމަށެވެ.
ފަރަންސޭސި ޚާރިޖީ ވުޒާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިފާއީ ރޮނގުން ނައިޖަރާއެކު އެއްބާރުލުން ދިނުމުގެ ޤާނޫނީ އޮނިގަނޑު ބިނާވެފައިވަނީ ޙައްޤު ނައިޖަރުގެ ކަމާބެހޭ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ މައްޗަށްކަން ފަރަންސޭސިވިލާތުން ހަނދާންކުރާ ކަމަށެވެ. މިއީ ފްރާންސާއި މުޅި ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ބަލައިގަންނަ ކަންތައްތަކެވެ.
ފަރަންސޭސިވިލާތުން އެބަޔާން ނެރެފައި މިވަނީ ނައިޖަރުގެ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކުރި ރައީސް މުހައްމަދު ބަޒޫމް މަގާމުން ދުރުކުރި އަސްކަރީ ބަޣާވާތުގެ ލީޑަރުންގެ ތަރުޖަމާނު އަމާދޫ އަބުދުރަމާނޭ ބުރާސްފަތި ދުވަހު ނެރުނު އިއުލާނާ ގުޅިގެނެވެ. އެ އިއުލާންގައި އޭނާ ބުނެފައިވަނީ ޖުންޓާއިން އެގައުމުގެ ކުރީގެ އިސްތިއުމާރީ ވެރިންނާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް އުވާލަން ޖެހޭކަމަށެވެ. އޭގެ މާނައަކީ ކުރީގެ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެޤައުމަށް އަރާތިބި ސިފައިން ވަގުތުން ފައިބަން ޖެހޭކަމެވެ.
ނައިޖަރުގެ ރިޔާސީ ގާޑުގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އަބުދުރަހަމާނޭ ޓްޗިއާނީ ވަނީ އޭނާގެ ސިފައިން ބަޒޫމްގެ ވެރިކަން ވައްޓާލިތާ ދެ ދުވަސް ފަހުން އިންތިގާލީ ސަރުކާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އަމިއްލައަށް އިއުލާނު ކުރައްވައިފަ އެވެ.
އަސްކަރީ އެއްބަސްވުންތައް ހުއްޓާލުމުން ފްރާންސުން އެފްރިކާގެ އެ ގައުމުގައި ތިބި 1،000 އާއި 1،500 އާ ދެމެދުގެ އަދަދަކަށް ސިފައިން ނެރެން ޖެހޭނެ އެވެ. ލީބިޔާ، ޗާޑް އަދި ނައިޖީރިއާ ހިމެނޭ ގޮތަށް ހަތް ގައުމަކާ އެކު އޮންނަ މިނަރަލް ވަސީލަތްތަކާއި ބޯޑަރުތައް މުއްސަނދިވުމުގެ ސަބަބުން ޖިއޮޕޮލިޓިކަލް ގޮތުން މުހިންމު ކަމަށް ބެލެވޭ ސަރަހައްދެއް ކަމަށްވާ ނައިޖާގައި އެމެރިކާގެ ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނައިޖަރަކީ 2012 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އަސްކަރީ އެހީގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ލިބިފައިވާ ގައުމެކެވެ. މިދިޔަ ހަފުތާގައި ގެނައި ބަޣާވާތާ ގުޅިގެން ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ އެހީގެ ޕްރޮގްރާމްތައް މެދުކަނޑާލާފަ އެވެ. ނައިޖަރުގެ އަހަރީ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ބޭރުގެ އެހީއެވެ.
ފްރާންސްގެ ނޫސް އެޖެންސީތައް ކަމަށްވާ ފްރާންސް 24 އާއި އާރްއެފްއައި އަށް ނައިޖަރުން ސަސްޕެންޑް ކުރި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޕެރިހުން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ. އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފްރާންސްގެ މީޑިއާތައް އެގައުމުގައި ހިފެހެއްޓުމަށް ޖުންޓާއިން އެޅި ފިޔަވަޅަކީ "އިސްތިއުމާރީ އަނިޔާވެރިކަން" ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ފަރަންސޭސި ވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ އަސްކަރީ ބަޣާވާތް ނާކާމިޔާބުވާނެކަން ކަށަވަރުކުރުމަށް ހުޅަނގު އެފްރިކާގެ ބްލޮކް ކަމަށްވާ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޯވާސް) އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ޔޫރަޕް އެންޑް ފޮރިން އެފެއާޒް މިނިސްޓަރު ކެތަރިން ކޮލޯނާ ވިދާޅުވީ ބަޣާވާތުގެ ލީޑަރުންނަށް އާދީއްތަ ދުވަހާ ހަމައަށް އޮތީ ވެރިކަން އަނބުރާ ހަވާލުކުރަން ކަމަށާއި އެހެން ނޫން ނަމަ ނައިޖާގައި އީކޯވާސްގެ އަސްކަރީ ނުފޫޒެއް އަތުވެދާނެ ކަމުގެ ބިރު ވަރަށް ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ނެދަލޭންޑްސް ވެގެން ދިޔައީ ނައިޖާގެ ކުރީގެ ސަރުކާރާ އެކު ހަދާފައިވާ އެއްބަސްވުންތަކުން ފަހަތަށް ޖެހުނު ހުޅަނގުގެ އެންމެ ފަހުގެ ގައުމަށް ކަމަށާއި ބަޣާވާތެއް ހިންގި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ނުވާ ކަމަށް ބުނެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އޭގެ ބަދަލުގައި އދ އިން ނުވަތަ ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކުން ހިންގާ އިންސާނީ އޮޕަރޭޝަންތައް މެދުވެރިކޮށް ނައިޖަރަށް ދޭ އެހީ ތައް ބަދަލުކުރާނެ ކަމަށް ދަ ހޭގް އިން ބުންޏެވެ.