އީރާނާއި ރަޝިއާއިން މިނިވަން ވިޔަފާރީގެ ސަރަހައްދުތަކުގެ ގުޅުން ބަދަހިކުރުމަށް ދެގައުމުގެ އޮފިޝަލުން މަޝްވަރާ ކޮށްފިއެވެ.
ރަޝިޔާގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އީރާނުގެ ވެރިންނާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސަށް ފަހު ބުރާސްފަތި ދުވަހު ބުނީ މޮސްކޯ އާއި ތެހެރާނުން އެ ދެ ގައުމުގެ ހާއްސަ ވިޔަފާރީގެ ސަރަހައްދުތަކުގެ މެދުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރަޝިޔާގައި ޓެކްނޮލޮޖީ އެންޑް ލޮޖިސްޓިކް ޔޫނިއަން އުފެދުނު ގޮތުގެ މައުލޫމާތު އީރާނުގެ އޮފިޝަލުންނަށް ޑެޕިއުޓީ މިނިސްޓަރު ދިމިޓްރީ ވޮލްވަޗް ވަނީ ދެއްވާފައެވެ.
"މި ޔޫނިއަންގެ ހަރަކާތްތަކަކީ ރަޝިއާ އާއި ކެސްޕިއަން ސަރަހައްދުގެ ގައުމުތަކާއި ނޯތު-ސައުތު އިންޓަނޭޝަނަލް ޓްރާންސްޕޯޓް ކޮރިޑޯއާ ދިމާލަށް ދަތުރުކުރާ ސްޓޭޓްތަކުގެ މެދުގައި ވިޔަފާރީގެ، އިގްތިސާދީ، ދަތުރުފަތުރު އަދި ލޮޖިސްޓިކްސް ގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް،" ވޮލްވަޗް އާ ހަވާލާދީ އެ މިނިސްޓްރީގެ ޕްރެސް ސާވިސް އިން ބުނެފައިވެ އެވެ.
މި އަހަރުގެ ކުރީކޮޅު އީރާނާއި ރަޝިއާ އިސްވެ ތިބެ ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަން (އީއީޔޫ) އިން ވަނީ މެމްބަރު ގައުމުތަކުގެ މެދުގައި މުދަލާއި ހިދުމަތާއި ކެޕިޓަލް އަދި މަސައްކަތްތެރިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އީރާނަށް އީއީޔޫގެ މެމްބަރު ގައުމުތައް ކަމަށްވާ ރަޝިއާ، ކަޒަކިސްތާން، ބެލަރޫސް، އަރުމޭނިއާ އަދި ކިރްގިސްތާނާ އެކު މުދާ ބަދަލު ކުރެވޭނީ އިސްކަންދީގެން ކުރާ ވިޔަފާރީގެ އުސޫލުންނެވެ. އެ ޔޫނިއަނުން އީރާނުގެ މުދަލަށް ޑިސްކައުންޓް ދީފައިވާއިރު، ތެހެރާނުން ވަނީ ޔޫރޭޝިއަން ބްލޮކުން އުފެދޭ ތަކެއްޗަށް އިސްކަން ދީފަ އެވެ.
ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ރަޝިޔާ އާއި އީރާނާ ދެމެދު އޮންނަ ގުޅުން ދަނީ ހަލުވިކަމާއެކު ފުޅާވަމުންނެވެ.
ރަޝިއާގެ ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް މޮސްކޯ އާއި ތެހެރާނާ ދެމެދު ކުރި ވިޔަފާރީގެ އަދަދު ވަނީ ހަތަރު ބިލިއަން ޑޮލަރަށް އަރާފަ އެވެ. ރަޝިޔާއިން އީރާނަށް އެކްސްޕޯޓްކުރި މިންވަރު 27 އިންސައްތަ އިތުރުވެފައިވާއިރު، ތެހެރާނުން އިމްޕޯޓްކުރި މިންވަރު ވަނީ 10 އިންސައްތަ އިތުރުވެފައެވެ.
މިދިޔަ އަހަރު ދެ ގައުމުން ވަނީ މަތިންދާބޯޓުގެ ސާމާނު ގަތުމާއި ގޭސް ޕައިޕްލައިންތައް ގުޅިގެން އެޅުމާއި ގޭސް ފީލްޑް ތަރައްގީ ކުރުމުގެ ގިނަ އެއްބަސްވުންތަކަކާ ހަމައަށް ގޮސްފަ އެވެ.