ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުން ކުރަމުން އަންނަ އައިފޯން ސީރީސް ގެ ކުރިއަށް އޮތް ފޯން، އައިފޯން 15 އަންނަ މަހުގެ 13 ގައި ނެރެން ނިންމައިފައިވާ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެފި އެވެ.
އަލަށް ނެރޭ ފޯނުތަކާއި ބެހޭ ޞައްޙަ ޚަބަރު ގެނެސްދޭ އެއްފަރާތް ކަމުގައިވާ 9ޓު5މެކް އިން ބުނީ ސެޕްޓެމްބަރު 13 ގައި އައި ފޯނު 15 ލޯންޗްކުރުމަށް އެޕަލް އިން ތައްޔާރުވަމުން އަންނާތީ، ސެޕްޓެމްބަރު 13 ދިމާކޮށް މުވައްޒަފުން ޗުއްޓީ ނުނެގުމަށް ވެސް ކުންފުނިން އަންގާފައިވާ ކަމަށެވެ.
އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު 13 ގައި އައިފޯން 15 ލޯންޗްކުރުމަށް ފަހު، އޭގެ ދެ ދުވަސް ފަހުން ޕްރީ-އޯޑަރަށް ހުޅުވައިލާނެ އެވެ. އަދި ފޯނު ރަސްމީކޮށް ވިއްކަން ފަށާނީ ސެޕްޓެމްބަރު މަހުގެ 22 އިން ފެށިގެން ކަމަށްވެސް އެނޫހުންވަނީ ރިޕޯޓްކޮށްފައެވެ.
ކޮންމެ އަހަރަކުވެސް އަލަށް ނެރޭ އައިފޯންތައް ލޯންޗުކުރުން އެޕަލްއިން ބާއްވަނީ ސެޕްޓެމްބަރުގެ މަސްތެރޭގައި ކަމަށް ވާއިރު، ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން ލޯންޗްކުރާނެ ކަމަށް ބެލެވިފައި އޮތީ އަންނަ މަހުގެ 6 ނުވަތަ 12 ގަ އެވެ. މިދިޔަ އަހަރު އައިފޯން 22 އެޕަލް އިން ލޯންޗްކުރީ ސެޕްޓެމްބަރު 7 ގަ އެވެ.
އަލަށް ތަޢާރަފްކުރާ އައިފޯން 15 ގައި ހަތަރު މޮޑެލްއެއް ހިމެނޭނެ އެވެ. އެއީ އަފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 އަދި އައިފޯން 15 ޕްރޯ މެކްސް (އަލްޓްރާ) އެވެ. އަޑުއަރާފައިވާ ގޮތުން މި ފަހަރުގެ ފޯނުގެ އެންމެ ފަހުން ނެރުނު އައިފޯން 14 އަށް ވުރެ 100 އެއްހާ ޑޮލަރު އަގުބޮޑުވާނެ އެވެ.
އައިފޯނަކީ މިހާރުވެސް ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުންކުރާ އެންމެ އަގުބޮޑު ފޯނުސީރީސްއެވެ. އައިފޯނާއި އަޅާބަލާއިރު، އެންޑްރޮއިޑް ފޯންތަކުގައި ގިނަ ފަންކްޝަތަކެއް އިތުރުކޮށްފައިވީ ނަމަވެސް ސެކިއުރިޓީ ފީޗާސް އާއި، ފަންކްޝަނަލްޓީގެ ސްމޫތްކަމަށް ބަލާއިރު، ގިނަބަޔަކު ބުނަނީ އައިފޯން މާ ރަނގަޅު ކަމުގައެވެ.